މިިދިޔަ މަހު ރާއްޖެއަށް 3.85 ބިލިއަން ރުފިޔާގެ މުދާ އެތެރެކޮށްފިއެވެ. މީ 2017 ވަނަ އަހަރު ފެްރުއަރީ މަހާއި އަޅާ ބަލާއިރު 26 އިންސައްތަ އިތުރު އަދަދެއްކަމަށް ކަސްޓަމްސް އިން ބުނެއެވެ.
2017 ވަނަ އަހަރުގެ ފެބްރުއަރީ މަހު ރާއްޖެއަށް އެެތެރެކޮށްފައިވަނީ 3.05 ބިލިއަން ރުފިޔާގެ މުދަލެވެ. މިިދިޔަ ފެބްރުއަރީ މަހު ރާއްޖެއަށް އެތެރެކުރި މުދަލުގެ އަގަކީ 3.85 ބިލިއަން ރުފިޔާއެވެ. މިިދިޔަ މަހު ރާއްޖެއަށް އެންމެ ގިނަ މުދާ އެތެރެކޮށްފައިވަނީ ސިންގަޕޫރުންނެވެ. ދެން އެންމެ ގިނައިން ރާއްޖެއަށް މުދާ އެތެރެކޮށްފައިވަނީ މެލޭޝިޔާއާއި ޗައިނާއިންނެވެ.
އިންޕޯޓް ޑިއުޓީއާއި އެހެނިހެން ފީ ގެ ގޮތުގައި ކަސްޓަމްސަށް މިިދިޔަ މަހު ލިބުނު އާމުދަނީ 2017 ވަނަ އަހަރުގެ ފެބްރުއަރީ މަހާއި އަޅާބަލާއިރު %20 އިންސައްތަވަނީ ދަށަށް ޖެހިފައެވެ. ކަސްޓަމްސްއިން ބުނީ މިދިޔަމަހު އިންޕޯޓް ޑިއުޓީން ލިބުނު އާމުދަނީ ދަށަށް ދިޔައީ ސިނގިރޭޓްގެ ޑިއުޓީއަށް މިދިޔަ އަހަރުގެ މާރިޗު މަހުގެތެރޭގައި ގެނެވުނު ބަދަލާ ގުޅިގެން ބޮންޑެޑް ވެއަރހައުސްގައި ހުރި ގިނަ އަދަދެއްގެ ސިނގިރޭޓަށް ޑިއުޓީ ދައްކާ ކްލިއަރކޮށްފައިވާތީކަމަށް ކަސްޓަމްސް އިން ބުނެއެވެ.
ކަސްޓަމްސް ތަފާސް ހިސާބުތައް ދައްކާގޮތުން މި އަހަރުގެ ފެބްރުއަރީ މަހު އިންޕޯޓު ޑިއުޓީއާއި އެހެނިހެން ފީގެ ގޮތުގައި އެ އިދާރާއަށް ލިބިފައިވަނީ 257 މިލިއަން ރުފިޔާއެވެ. 2017 ވަނަ އަދަދު މި އަދަދު އުޅެނީ 323 މިލިއަން ރުފިޔާގައެވެ.
2017 ވަނަ އަހަރުގެ ފެބްރުއަރީ މަހު 299 މިލިއަން ރުފިޔާގެ މުދާ ރާއްޖެއިން އެކްސްޕޯޓްކޮށްފައިވާއިރު، މިއަހަރުގެ ފެބްރުއަރީ މަހު އެކްސްޕޯޓްކުރި މުދަލުގެ މިންވަރު 240 މިލިއަން ރުފިޔާ އަށް ދަށްވެފައިވާކަމަށް ކަސްޓަމްސްގެ ތަފާސް ހިސާބުތަކުން ދައްކައެވެ.