ކުޅިވަރު

ހއ.މުރައިދޫ ފައިނަލް ބުރަށް، ނ.އަތޮޅު ޗެމްޕިއަންކަން މާޅެންދޫއަށް


އެސްޓީއޯ މިނިވަން ޗެމްޕިއަންޝިޕް ޒޯން އެކެއްގެ ޗެމްޕިއަންކަން މުރައިދޫ އަދި ނ.އަތޮޅުގެ ޗެމްޕިއަންކަން މާޅެންދޫ ހޯދައިފިއެވެ. 

މުބާރާތުގައި ޒޯން އެކެއްގެ ފައިނަލުގެ ދެވަނަ ލެގުގައި މުރައިދޫއާ ހަނިމާދޫ ވާދަކުރި މެޗު 2-2 ލަނޑުން އެއްވަރުވި ނަމަވެސް އަވޭ ގޯލްގެ ތަފާތުން މުރައިދޫއަށް ޗެމްޕިއަންކަން ލިބުނީ ފުރަތަމަ ލެގުގައި ހަނިމާދޫ ކޮޅަށް ޖެހި ދެލަނޑާއެކު އަވޭ ގޯލް ކުރި ލިބޭތީއެވެ. ފުރަތަމަ ލެގު މުރައިދޫ ކާމިޔާބު ކުރީ 2-0 ލަނޑުންނެވެ. ހއ އަތޮޅު ބުރުވެސް ކާމިޔާބުކުރި މުރައިދޫ ޒޯން އެކެއްގެ ޗެމްޕިއަންކަން ހޯދުމުން އެޓީމު ވަނީ ފައިނަލު ބުރަށް ކޮލިފައިވެފައެވެ. ފައިނަލު ބުރުން މިހާތަނަށް ޖާގަ ކަށަވަރުވެފައިވަނީ ޒޯން އެކެއްގެ ޗެމްޕިއަން ހއ.މުރައިދޫއާއި، މިދިޔަ އަހަރު މިނިވަން ޗެމްޕިއަންޝިޕްގެ ގަދަ ހަތަރު ޓީމެވެ. އޭގެތެރެއިން ށ.މިލަންދޫ މިއަހަރުގެ މުބާރާތުގައި ބައިވެރިއެއްނުވެއެވެ. މުރައިދޫ އަކީ މިއަހަރު އަތޮޅު މުބާރާތާއި ޒޯން ކުޅެގެން މިއަހަރުގެ ފައިނަލު ބުރަށް ކޮލިފައިވި ފުރަތަމަ ޓީމެވެ.

 މުބާރާތުގެ ނ.އަތޮޅުގެ ފައިނަލުގެ ދެވަނަ ލެގުގައި އިއްޔެ ކުޅުނު މެޗު މާޅެންދޫއާ ވާދަކޮށް މަނަދޫ ދެ ލަނޑު އެއް ލަނޑުން ކުރި ހޯދިނަމަވެސް މާޅެންދޫއަށް ޗެމްޕިއަންކަން ލިބުނީ އަވޭގޯލުންނެވެ. ފުރަތަމަ ލެގު މާޅެންދޫ ކާމިޔާބުކުރީ 3-2 ލަނޑުންނެވެ. މާޅެންދޫ ނ.އަތޮޅުގެ ޗެމްޕިއަންކަން ހޯދުމުން އެޓީމު ދެން ވާދަކުރާނީ ޒޯން  ދޭއްގެ ފައިނަލްގައި، ށ.އަތޮޅުގެ ޗެމްޕިއަން ފޯކައިދޫއާއެވެ. މިދެޓީމް ވާދަކުރާ ޒޯން ދޭއްގެ ފައިނަލުގެ ފުރަތަމަ ލެގު ކުޅޭނީ އަންގާރަ ދުވަހު މާޅެންދޫގައެވެ. 

މުބާރާތުގައި އިއްޔެ ގއ.އަތޮޅުގެ ފައިނަލުގެ ފުރަތަމަ ލެގުގައި ވިލިނގިލި ލަނޑެއް ޖަހާފައިވަނިކޮށް، ކޮނޑޭ ޓީމް ވަނީ ހަތަރު ލަނޑު ޖަހާ މެޗު ކާމިޔާބުކޮށްފައެވެ. މިދެޓީމް ވާދަކުރާ ދެވަނަ ލެގު ކުޅޭނީ އަންގާރަދުވަހުއެވެ. އިއްޔެ މުބާރާތުގެ ޒޯން ފަހެއްގައި ދ.މީދޫ ވަނީ މ.މުއްޔާ ވާދަކޮށް 2-1 ލަނޑުން މެޗު ކާމިޔާބުކޮށް، ފައިނަލުގެ ޖާގަ ކަށަވަރުކޮށްފައެވެ. މިބައްޔާއެކު މުއްޔަށް ވަނީ މުބާރާތް ނިމިފައެވެ. 

މުބާރާތުގެ ޒޯން ފަހެއްގެ ފައިނަލުގައި މީދޫއާ ދެކޮޅަށް ނިކުންނާނީ ލިރުޣާމް ސައީދުގެ އިރުޝާދުގެ ދަށުން ކުޅެމުންދާ ފ.ނިލަންދޫއެވެ. މިދެޓީމް ޒޯން ފައިނަލުގައި މިމަހު 30 ވަނަ ދުވަހު ވާދަކުރުމުގެ ކުރިން ޒޯން ބުރުގެ ފަހުމެޗުގައި ވާދަކުރާނެއެވެ. މެޗު ކުޅޭނީ އަންގާރަ ދުވަހުއެވެ.

 މުބާރާތުގައި އިއްޔެ ކ.އަތޮޅުގައި ކުޅުނު ފުރަތަމަ މެޗު މާފުށްޓާ ވާދަކޮށް، 3-0 ލަނޑުން ކާމިޔާބު ކުރީ ހިތްމަފުށްޓެވެ.