ހޮޓެލިއަރ މޯލްޑިވްސް އިން އިންތިޒާމުކޮށްގެން ބާއްވާ ޖެނެރަލް މެނޭޖަރ ފޯރަމްގައި ރާއްޖެއާއި ރާއްޖެއިން ބޭރުގެ ކަމާގުޅުންހުރި ތަޖުރިބާކާރުން ބައިވެރިވާނެކަމަށް މި އިވެންޓް އިންތިޒާމްކުރާފަރާތުން ބުނެފިއެވެ.
ހޮޓެލިއަރ މޯލްޑިވްސް އިން މައުލޫމާތުދިންގޮތުގައި މިއަހަރުގެ ފޯރަމްގައި ބައިވެރިވާ ތަޖުރިބާކާރުންގެ ތެރޭގައި ސީޕްރިއާ ގުރޫޕުގެ ފައުންޑިންގ މެންބަރ އަދި ސޮލަރެކް އިންޝުއަރެންސްގެ ޗެއަރމަން އިބްރާހީމް ބަންދު ސަލީމާއި ހިލްޓަން ބްރޭންޑްގެ އޭޝިޔާ ޞަރަޙައްދުގެ ލަގްޒަރީ ހޮޓާ އަދި ރިސޯޓްތަކުގެ އޮޕަރޭޝަންތަކާއި ޙަވާލުވެހުންނެވި ވައިސް ޕްރެޒިޑެންޓް ޑެނިއަލް ވެލްކް ބައިވެރިވެވަޑައިގެން ވާހަކަދައްކަވާނެއެވެ.
މީގެ އިތުރުން ކޮމާސް ޑެވެލޮޕްމަންޓް އެންޑް އެންވަޔަރަންމަންޓް ޕްރައިވެޓް ލިމިޓެޑުގެ މެނޭޖިންގ ޑިރެކްޓަރ ސިމާދު ސައީދާއި، ސެރެނާ ސްޕާގެ މެނޭޖިންގ ޑިރެކްޓަރ ޖެސްފަރ ހޮގާޑާއި، މަޓާޓޯގެ ރައީސް އަބްދުﷲ ޤިޔާސް ވާހަކަދައްކަވާނެކަމަށް ހޮޓެލިއަރ މޯލްޑިވްސް އިން ބުނެއެވެ.
މި އަހަރުގެ ޖެނެރަލް މެނޭޖަރ ފޯރަމް އޮންނާނީ އަންނަ އޭފްރީލް މަހުގެ 18 ވަނަދުވަހު ކުރުނބާ މޯލްޑިވްސްގައެވެ.
ދެހާސް ސޯޅަވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކުވެސް ބާއްވަމުން އަންނަ މި ފޯރަމަކީ ރިސޯޓްތަކުގެ ޖެނެރަލް މެނޭޖަރުންނަށް ޢަމާޒުކޮށްގެން ބާއްވާ ފޯރަމެކެވެ. މި ފޯރަމުގެ ބޭނުމަކީ ފަތުރުވެރިކަމުގެ ދާއިރާގައި މިހާރު ދިމާވެފައިވާ ގޮންޖެހުންތަކާ ބެހޭގޮތުން މިދާއިރާގެ ފަރާތްތައް އެއްތަނަކުން ބައްދަލުވެ އެކަމާއިމެދު މަޝްވަރާ ކުރުމެވެ.
މިފަހަރު ފޯރަމްގައި މައިގަނޑު ގޮތެއްގައި ޚިޔާލު ބަދަލުކުރާނީ ފަތުރުވެރިކަމުގެ ދާއިރާއިން ނަގާ ޓެކްސްތަކާއި، ޑެސްޓިނޭޝަން މާކެޓްކުރުމާއި، ހޮޓާތަކަށް ފައިދާ ހޯދާނެ އިތުރު ގޮތްތަކާ ބެހޭގޮތުންނެވެ. މި ފޯރަމުގެ ތެރެއިން ޕެނަލް ޑިސްކަޝަންތަކާއި، ފަތުރުވެރިކަމުގެ ތަޖުރިބާކާރު ބޭރުގެ ފަރާތްތަކުން ޕްރެޒެންޓޭޝަންތައް ހުށަހަޅައިދޭނެއެވެ.
މިދިޔަ އަހަރުގެ ޖީއެމް ފޯރަމް ބާއްވާފައިވަނީ ހުޅުލޭ އައިލެންޑް ހޮޓެލްގައެވެ. މިދިޔަ އަހަރުގެ ފޯރަމްގައި އެކިއެކި ކުންފުނިތަކުން 68 ޖެނެރަލް މެނޭޖަރުންނާއި، 97 ޑެލިގޭޓުން ބައިވެރިވެފައިވާއިރު 21 ބްރޭންޑެއް ވަނީ ބައިވެރިކޮށްފައެވެ.