ބަދަލުކު ކުޅުންތެރިޔާ ޕެޑްރޯ މެޗުގެ އިތުރު ވަގުތުގައި ޖެހި ލަނޑުން ލެސްޓަރ ސިޓީ ބަލިކޮށް، އިނގިރޭސި އެފްއޭކަޕްގެ ސެމީފައިނަލުން ޗެލްސީ ޖާގަ ކަށަވަރުކޮށްފިއެވެ.
ކްއާޓަރ ފައިނަލްގެ މެޗު ޗެލްސީ ކާމިޔާބުކުރީ މެޗުގެ ފުރިހަމަ ވަގުތު 1-1 ން އެއްވަރުވުމުން ނަތީޖާ ނެރުމަށް ކުޅުނު އިތުރު ވަގުތުގައި ޕެޑްރޯ ޖެހި ގޯލާއެކު 2-2 ނެވެ. ލެސްޓަރ ސިޓީގެ ދަނޑުގައި ކުޅުނު މި މެޗުގައި ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ ޗެލްސީންނެވެ. ޗެލްސީއަށް ކުރި ހޯދައިދިނީ މި ސީޒަނުގައި ރެއާލް މެޑްރިޑުން ޗެލްސީއަށް ބަދަލުވި އަލްވާރޯ މޮރާޓާއެވެ. ނަމަވެސް ދެވަނަ ހާފުގައި ލެސްޓަރ ސިޓީގެ ޖެމީ ވާޑީ ވަނީ ލެސްޓަރ ސިޓީއަށް ލަނޑެއް ކާމިޔާބުކޮށްދީ މެޗުގެ ނަތީޖާ ހަމަހަމަކޮށްފައެވެ.
މެޗަށް ފަހު ވާހަކަ ދައްކަމުން ޗެލްސީގެ ކޯޗު އެންޓޯނިއޯ ކޮންޓޭ ބުނީ، ރޭގެ މެޗަކީ އުނދަގޫ މެޗެއް ކަމަށާއި، ސަތޭކަ ވިހި މިނިޓް ކުޅެން ޖެހުމުން ކުޅުންތެރިންގެ ފަރާތުން ކޮންމެވެސް ވަރެއްގެ ވަރުބަލިކަމެއް ފެނުނުކަމަށެވެ. އެހެންނަމަވެސް ކުޅުންތެރިން ދެއްކި ކުޅުން ފާހަގަކުރާ ކަމަށް ކޯޗު ބުންޏެވެ. ކޮންޓޭ ވަނީ ރޭގެ މެޗުގައި މޮރާޓާގެ ފަރާތުން ފެނިގެންދިޔަ ކުޅުމަށް ވަރަށް ބޮޑަށް ތައުރީފްކޮށް ވާހަކަ ދައްކާފައެވެ.
"ރޭގެ މެޗަކީ ހަޤީގަތުގައިވެސް ވަރަށް އުނދަގޫ މެޗެއް. އެހެންނަމަވެސް އެންމެ ފަހު ވަގުތާ ހަމައަށް ކުޅުންތެރިން ކުރި ބުރަ މަސައްކަތް ފާހަގަކުރަން. ހާއްސަކޮށް މޮރާޓާގެ ފަރާތުން ފެނިގެންދިޔަ ކުޅުމާއި ދޭތެރޭ ވަރަށް ބޮޑަށް ހިތްހަމަޖެހޭ. ރޭގެ މެޗުގައި އޭނާ އެ ޖެހި ގޯލަކީ ޗެލްސީއަށް ވަރަށް މުހިއްމު ގޯލެއް". ކޮންޓޭ ބުންޏެވެ.
ލެސްޓަރ ސިޓީގެ ކޯޗު ކްލައުޑޭ ޕުއެލް ބުނީ، ރޭގެ މެޗު ފެށިގެން ދިޔައީ ވަރަށް ހަމަހަމަކޮށް ކަމަށާއި، ކުޅުންތެރިންގެ ފަރާތުން ފެނުނު ކުޅުމާއިމެދު ފަޚުރުވެރިވާކަމަށެވެ. ކޯޗު ބުނީ ޗެލްސީން ޖެހި ދެވަނަ ގޯލުގެ ޒިންމާ ކީޕަރ ނަގަން ނުޖެހޭނެ ކަމަށާއި، މެޗު ފެށިގެން ނިމެންދެން ކީޕަރުގެ ފަރާތުން ފެނިގެންދިޔަ ކުޅުން ރަނގަޅުކަމަށެވެ.
"ޗެލްސީން ޖެހި ދެވަނަ ގޯލުގެ ޒިންމާ ކީޕަރު ނަގާކަށް ނުޖެހޭނެ. އެއީ އޭނާގެ ފަރާތުން މުޅި މެޗުގައިވެސް ފެނިގެންދިޔައީ ވަރަށް ރަނގަޅު ކުޅުމެއް. އަހަރެން ފާހަގަކުރަން ޓީމުގެ ކުޅުންތެރިންގެ ފަރާތުން ފެނިގެންދިޔަ ކުޅުންވެސް. މެޗުގެ އިތުރު ވަގުތުގައި ލިބުނު ހުސް ފުރުސަތުތަކުގެ ބޭނުން ނުކުރެވުމުގެ ނަތީޖާ މިއީ." ލެސްޓާރގެ ކޯޗު ކްލައުޑޭ ޕުއެލް ބުންޏެވެ.
ރޭގެ މެޗަކީ އެފް.އޭ ކަޕުގައި އިތުރު ވަގުތު ކުޅުނު ފުރަތަމަ މެޗެވެ. ކުރިން ޤަވާއިދު އޮންނަ ގޮތުން ކްއާޓަރ ފައިނަލް މެޗު އެއްވަރުވެއްޖެ ނަމަ ޖެހެނީ އިތުރު މެޗެއް ކުޅޭށެވެ.
މުބާރާތުގެ ސެމީފައިނަލްގައި ޗެލްސީ ވާދަކުރަން ޖެހޭނީ ސައުތްހެމްޓަންއާއެވެ. މެންޗެސްޓަރ ޔުނައިޓެޑް ވާދަކުރަންޖެހޭނީ ޓޮޓެންހަމްއާއެވެ.