ޚަބަރު

ބެސްޓް ރޭޑިއޯ ޕްރެޒެންޓަރ މުބާރާތުގެ ފޯރި ގަދަވެފައި


"ނޯ-އެލިމިނޭޝަން"ގެ ބާރާއެކު ބެސްޓް ރޭޑިއޯ ޕްރެޒެންޓަރ ކޮމްޕެޓިޝަންގެ ސީޒަން ތިނެއްގެ ބައިވެރިންގެ މެދުގައި އޮތް ވާދަވެރިކަން އެތައް ގުނައެއް މިހާރުވަނީ އިތުރުވެފައެވެ. ޕީ.އެސް.އެމްގެ ދިވެހިރާއްޖޭގެ އަޑުން އިންތިޒާމްކޮށްގެން ކުރިއަށްގެންދާ މި މުބާރާތުގެ މިފަހަރުގެ ސީޒަންގެ ގަދަ 5 އިޢުލާންކުރުމަށް ބޭއްވި ޝޯވ ނިމިގެންދިޔައީ ބައިވެރިންގެ އިތުރުން އެހުންތެރިންނަށްވެސް ބޮޑެތި ސަޕްރައިޒްތަކަކާއެކުއެވެ.

ޕީ.އެސް.އެމްގެ ދިވެހިރާއްޖޭގެ އަޑުން އިންތިޒާމްކޮށްގެން ކުރިއަށްގެންދާ ބެސްޓް ރޭޑިއޯ ޕްރެޒެންޓަރ މުބާރާތަކީ ރޭޑިއޯ ޕްރެޒެންޓިންގެ ދާއިރާއަށް ހުނަރުވެރި ޒުވާނުން ތަޢާރަފުކޮށް މި ދާއިރާއިން އިތުރަށް ކުރިއަށްދެވޭނެ މަގުފަހިކޮށްދިނުމަށް ބާއްވަމުން އަންނަ މުބާރާތެކެވެ. 2016 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކުވެސް ބާއްވަމުން އަންނަ މި މުބާރާތް ހާއްސަކޮށްފައިވަނީ ރޭޑިއޯ ޕްރެޒެންޓިންގެ ދާއިރާއިން ކުރިއަށްދާން ބޭނުންވާ 16 އަހަރުން މަތީގެ ކުދިންނަށާއި، ޒުވާނުންނަށެވެ.

ބެސްޓް ރޭޑިއޯ ޕްރެޒެންޓަރ މުބާރާތުގެ މިފަހަރުގެ ސީޒަންގައި ފަނޑިޔާރުކަން ކުރަނީ ދިވެހިރާއްޖޭގެ އަޑަށް ގިނަ ދުވަހު ޙިދުމަތް ކޮށްދެއްވާފައިވާ މޫމިނާ އިބްރާހިމާއި، މުހައްމަދު ޒަހީންގެ އިތުރުން ހަސަން ހަލީމެވެ. މި މުބާރާތް ފަށާފައިވަނީ އޮޑިޝަންތަކުން ހޮވުނު ގަދަ 10 ބައިވެރިންނާއެކުއެވެ. ކޮންމެ ހަފްތާއެއްގެ ޝޯވގައިވެސް ބައިވެރިންނަށް ޙާއްސަ ޓާސްކްތަކެއް ހަވާލުކުރާއިރު، ކުރިއަށް އޮތް ބުރަށް ދަތުރުކުރާނެ ބައިވެރިން ކަނޑައަޅަނީ ޖަޖުންގެ 60 އިންސައްތަ މާކްސް އަދި ބެލުންތެރިންގެ ފަރާތުން ލިބޭ 40 އިންސައްތަ ވޯޓު އެއްކޮށްލުމުން ޕޮއިންޓް ލިބޭ ތަރުތީބުންނެވެ. އަދި އެންމެ ދަށުން ޕޮއިންޓްލިބޭ ބައިވެރިއަކު މި މުބާރާތާއި ވަކިވާންޖެހޭނެއެވެ. މިގޮތުން ކޮންމެ ހަފްތާއަކު އޮންނަ ޝޯގައި ބައިވެރިއަކު ވަކިވަމުން ގޮސް ފައިނަލްގައި ގަދަ ތިން ބައިވެރިން ގެ ތެރެއިން ބެސްޓް ރޭޑިއޯ ޕްރޒެންޓަރ ހޮވާނެއެވެ.

މި މުބާރާތުގައި މިހާރު ވާދަކުރާ ގަދަ 6 ބައިވެރިންނަކީ: ސާޖިދާ ޢަބްދުލް މަޖީދު، އައިޝަތު ޝަޒްލާ، އައިމިނަތު ލިޝާން ޢަލީ، ޢަބްދުﷲ އަޙްޝަމް، ލަރީފާ އަޙްމަދު އަދި މުޙައްމަދު ޝާމިނެވެ. 

މި 6 ބައިވެރިންގެ ތެރޭއިން މުޙައްމަދު ޝާމިން ވަނީ ޖެހިޖެހިގެން 2 ފަހަރު "ޕްރެޒެންޓަރ އޮފް ވީކް"ގެ އެވޯޑުވެސް ހާސިލްކޮށްފައެވެ. މިފަހަރުގެ ސީޒަންގެ ގަދަ 5 އިޢުލާންކުރުމަށް ބޭއްވި ޝޯވގައި ޖަޖުންނަށް ލިބިފައިވާ "ނޯ-އެލިމިނޭޝަން"ގެ ބާރާއެކު މި 6 ބައިވެރިންގެ ތެރެއިން އެއްވެސް ބައިވެރިއަކު މުބާރާތާއި ވަކިނުވެ، ކުރިއަށް އޮތް ޝޯވއަށް ދަތުރުކުރުމުގެ ފުރުޞަތު ވަނީ ދީފައެވެ. ކުރިއަށް އޮތް ޝޯވގައި ގަދަ 4 ބައިވެރިން އިޢުލާންކުރުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި މިހާރު ވާދަކުރާ 6 ބައިވެރިންގެ ތެރެއިން ކޮންމެވެސް 2 ބައިވެރިއަކު މި މުބާރާތާއި ވަކިވާންޖެހޭނެއެވެ. 

އެހެންކަމުން ކުރިއަށް އޮތް ޝޯވއަކީ ހުރިހާގޮތަކުން ބެލިނަމަވެސް ބައިވެރިންގެ ވާދަވެރިކަމާއި މުބާރާތުގެ ފޯރި އިތުރަށް ގަދަވެގެންދާނެ ޝޯވއެއްގެގޮތުގައި މި މުބާރާތުގެ ޕްރޮޑިއުސަރ ފާތިމަތު ޒީނަތު ވިދާޅުވިއެވެ. އަދި އެ ޝޯވ ބޭއްވުމަށް ހަމަޖެހިފައިވަނީ ކ. ގުރައިދޫގައިކަމަށާއި، ކުރިއަށް އޮތް ޝޯވއާމެދު ބައިވެރިންނެކޭ އެއްފަދައިން މުބާރާތުގެ މުޅި ޓީމުންވެސް ބޮޑެތި އުއްމީދުތަކެއް ކުރަމުންދާކަން ޒީނަތު ފާހަގަކުރެއްވިއެވެ.

"ކުރިއަށް ދެން މިއޮތީ ރޭޑިއޯއިން މަންޒަރު ސިފަކޮށްދިނުމާއި، ލައިވް ކޮމެންޓްރީ ދިނުމުގެ ޝޯވ. މިބައި އަޅުގަނޑުމެން ކުރިއަށް މިގެންދަނީ ކ. ގުރައިދޫގައި. އެހެންވީމަ މުޅި ޓީމާއެކު ބައިވެރިން އެރަށަށް ދަތުރުގޮސް، އެރަށުގެ އެކި ސަރަޙައްދުތަކުން މުބާރާތުގެ ބައިވެރިންގެ ހުށައެޅުންތައް ގެނެސްދޭނެ. މި ޝޯވގެންދާނެ ހަމަގައިމުވެސް ވަރަށް ހާއްސަ ޝޯވއަކަށް މުޅި މުބާރާތުގައި ހިމެނޭ ހުރިހާ ބައިތަކެއްގެ ތެރެއިން. ބައިވެރިންނަށްވެސް، ފަނޑިޔާރުންނަށްވެސް އަދި އެހުންތެރިންނަށްވެސް. މަންޒަރު ސިފަކޮށްދިނުމާއި ލައިވް ކޮމެންޓްރީ ގެނެސްދިނުމަކީ ރޭޑިއޯ ސްޓޭޝަންތަކުގައި މިހާރުވެސް މަސައްކަތް ކުރާ އާއްމު ޕްރެޒެންޓަރުންވެސް އެންމެ ކުރިމަތިލާން ޖެހިލުންވާ އަދި އެންމެ އުނދަގޫ އެއް މަސައްކަތް" ޒީނަތު ވިދާޅުވިއެވެ.

ރޭޑިއޯ އެހުންތެރިންގެ ފަރާތުން މި މުބާރާތަށް އޮންނަ ތަރުޙީބާއި މަޤްބޫލުކަން ދުވަހެއް ދުވަހަކަށް އިތުރުވަމުންދާއިރު، ސީޒަނަކަށްފަހު ސީޒަނެއްގައި ބައިވެރިންގެ ހުށައެޅުންތަކާއި، މުބާރާތުގެ ކޮލެޓީ ރަނގަޅުވަމުން އަންނަކަން އެހުންތެރިންގެ އިތުރުން، މި މުބާރާތުގެ ފަނޑިޔާރުންވެސް ފާހަގަކުރާކަން ބޭސްޓް ރޭޑިއޯ ޕްރެޒެންޓަރ މުބާރާތުގެ ޕްރޮޑަކްޝަން ޓީމުން ހާމަކުރެއެވެ.

ބެސްޓް ރޭޑިއޯ ޕްރެޒެންޓަރ މުބާރާތުގެ 3 ވަނަ ސީޒަންގެ އެއްވަނަ ހާސިލްކުރާ ފަރާތަކަށް 20 ހާސް ރުފިޔާގެ ފައިސާގެ އިނާމެއް ހުށައަޅާފައިވެއެވެ. މި މުބާރާތުގެ ކުރީގެ 2 ސީޒަނަށްވެސް ގިނަ ބައެއްގެ ތަރުހީބު ލިބުނުއިރު ފަންނުވެރި ޒުވާނުންތަކެއް މިދިޔަ 2 ސީޒަންގައިވެސް އަމަލީ މައިދާނަށް ނެރެފައިވާކަން ފާހަގަކޮށްލެވެއެވެ.