ޚަބަރު

"2017 އަހަރަކީ ސިވިލްސަރވިސްއަށް ކާމިޔާބުއަހަރެއް"


ނިމިގެންދިޔައަހަރަކީ ސިވިލް ސަރވިސްއަށް ގޮންޖެހުން ބޮޑު އަހަރެއްނަމަވެސް ގިނަ ކާމިޔާބީތަކެއް ޙާސިލްކުރެވިފައިވާކަމަށް ސިވިލްސަރވިސް ކޮމިޝަންގެ ރައީސް ޑރ.އަލީ ޝަމީމް ވިދާޅުވެއްޖެއެވެ.

އޭނާ މިހެން ވިދާޅުވީ ސިވިލް ސަރިވިސް ކޮމިޝަންގެ 2017 ވަނަ އަހަރުގެ އަހަރީ ރިޕޯޓް ނެރުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ. ސިވިލް ސަރވިސް ކޮމިޝަނުގެ 2017 ވަނަ އަހަރުގެ އަހަރީ ރިޕޯޓް ނެރުމަށް ބޭއްވި ރަސްމިއްޔާތުގައި މި ރިޕޯޓް ނެރެދެއްވީ ސިވިލް ސަރވިސް ކޮމިޝަނުގެ ރައީސް ޑރ.އަލީ ޝަމީމެވެ. 

ރިޕޯޓް ނެރެދެއްވުމަށްފަހު ވާކަފުޅުދައްކަވަމުން ޑރ.ޢަލީ ޝަމީމް ވިދާޅުވީ 2017 ވަނަ އަހަރު ފެށިގެން ދިޔައީ އެކޮމިޝަނަށް ލިބުނު ބަޖެޓްގެ ކުޑަކަމާއެކު ދަތިތަކަކާއެކުކަމަށެވެ. އެހެންނަމަވެސް އީޖާދީ އަދި އީޖާބީ އާ ގޮތްތައް ހޯދައިގެން ދަތިތަކުން އަރައިގަނެވުނުކަމަށެވެ. އަދި ކޮމިޝަނުން 2017ވަނަ އަހަރަށް އަމާޒުހިފި ގިނަ ކަންތައްތައް ކާމިޔާބުކަމާއެކު ޙާސިލުކުރެވިފައިވާކަމަށްވެސް އޭނާ ވިދާޅުވިއެވެ. އެގޮތުން ކޮމިޝަންގެ ބަޖެޓާގުޅޭގޮތުން ފިނޭންސް މިނިސްޓަރާއެކު ކުރެއްވި މަޝްވަރާއެކު ސަރުކާރުގެ އެހީތެރިކަމާއެކު އެ ކޮމިޝަނުގައި ޓްރަސްޓް ފަންޑެއް ޤާއިމްކުރެވިގެންދިޔަކަމަށް ޑރ.ޢަލީ ޝަމީމް ވިދާޅުވިއެވެ. 

" ޓްރަސްޓް ފަންޑަށް ފައިސާ ހޯދުމަށްޓަކައި މިދިޔަ އަހަރު ގިނަ މަސައްކަތްތަކެއް ކުރެވުނު. އެ މަސައްކަތުން މޭވާ އަޅާ ގޮތްވެ މިއަހަރު ފެށުނުއިރު ވަނީ ޓްރަސްޓްފަންޑަށް އާމްދަނީ ލިބޭނެ މަސައްކަތަތައް ކުރަންފެށިފައި. މި ފަންޑަށް މައިގަނޑު ގޮތެއްގައި އާމްދަނީ ހޯދުމަށް ރޭވިފައިވަނީ ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓްގައި ކުންފުނުތަކަށާއި އާއްމު ފަރާތްތަކަށްތަމްރީނު ކޯސްތަކާއި ޕްރޮގްރާމްތައް އިތުރު ވަގުތުތަކުގައި ހިންގައިދީ އަދި އެ އިންސްޓިޓިއުޓްގެ ފެސިލިޓީސް ކުއްޔަށްދީގެން" ޑރ.ޢަލީ ޝަމީމް ވިދާޅުވިއެވެ. 

ޑރ.ޢަލީ ޝަމީމް ވިދާޅުވީ މިދިޔަ އަހަރު، އެހެން އަހަރުތަކަކޭ އެއްފަދައިން އެންމެ ބޮޑު ކާމިޔާބީއެއް ހޯދާފައިވަނީ ސިވިލްސަރވިސްގެ މުވައްޒަފުން ތަމްރީނުކޮށް ޤާބިލް ހުނަރުވެރި މަސައްކަތްތެރިންނަށް ހެދުމުގައިކަމަށެވެ. އެގޮތުން 2017 ވަނައަހަރު ސިވިލްސަރވިސްގެ މުވައްޒަފުން ތަމްރީނުކުރުމަށްޓަކައި ބައެއް ފަރާތްތަކާއިއކެ އެއްބާރުލުން އިތުރުކުރުމަށް ފަހުމުނާމާތައް އެކުލަވާލައި ތަންފީޒުކުރަން ފަށާފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ. 

" 2017 ވަނަ އަހަރު ސިވިލްސަރވިސްގެ މުވައްޒަފުން ތަމްރީނުކުރުމަށްޓަކައި ރާއްޖެއިން ބޭރުގެ 2 ފަރާތަކާއި، ރާއްޖޭގެ ތިން ފަރާތަކާއެކު މި ދާއިރާއިން އެއްބައރުލުން އިތުރުކުރުމަށް ފަހުމުނާމާ އެކުލަވާލއވި ތަންފީޒުކުރަން ފެށިފައިވޭ. ނިމިގެން ދިޔައަހަރު ސީއެސްޓީއައި އިން ހިންގުނު 154 ތަމްރީނު ޕްރޮގްރާމެއްގައި ޖުމްލަ 4109 ސިވިލް ސަރވެންޓުން ތަމްރީނުކުރެވިފައިވޭ. އަދި މޯލްޑިވްސް އިސްލާމިކް ބޭންކާއި ކޮމިޝަނާ ދެމެދު ސިވިލް ސަރވިސްގެ މުވައްޒަފުންނަށް މަތީ ތައުލީމް ހާސިލްކުރުމށް ސްޓަޑީ ލޯން ފަހިކޮށްދެވިފައިވާކަން ފާހަގަކުރަން. އަދި 4 އަތޮޅެއްގައި ޕަބްލިކް އެޑްމިނިސްޓްރޭޝަން އެންޑް މެނޭޖްމަންޓް ޑިޕްލޮމާ ކޯސް ހިންގަން ފަށާ ކާމިޔާބުކަމާއެކު ކުރިއަށްގެންދެވިފައިވޭ." ޑރ.ޢަލީ ޝަމީން ވިދާޅުވިއެވެ. 

މުވައްޒަފުންނަށް ކުރިއެރުން ހޯދައިދިނުމަށްޓަކައި ގިނަ ޕްރޮގްރާމްތަކެއް ހިންގާފައިވާއިރު، ބޭރު ޤައުމުތަކަށް ކުރު ކޯސްތަކެއް މުވައްޒަފުން ފޮނުވާފައިވާކަމަށާއި އަދި އައިސީޓީ ޓެކްނޮލަޖީގެ ބޭނުން ހިފައި ސިވިލްސަރވިސްގެ ތަފާސް ހިސާބުތަކުގެ ރިކޯޑްތައް ޑިޖިޓަލައިޒްކޮށް ޒާމާނީކުރުމުގެ ގޮތުންވެސް މިދިޔައަހަރު ކުރިއެރުންތަކެއް ހޯދިފައިވާކަމަށް ޑރ.ޢަލީ ޝަމީމް ވިދާޅުވިއެވެ. މީގެ އިތުރުން ސިވިލްސަރވިސްގެ ޑިޖިޓަލް ޑޭޓާބޭސް ސީއެސް ވިއުގަ 2 މެދުވެރިކޮށް މުވައްޒަފުންނަށް ވަޒީފާދިނުމަށް ސިވިލްސަރވިސްގެ އިދާރާތަކުން މުވައްޒަފުންނަށް ދީފައިވާ ރައިޓްސްއަށް ބަދަލުގެނައުމާއި ސިސްޓަމް މެދުވެރިކޮށް މަސައްކަތްކުރާ ގޮތްތަކަށް ބަދަލުތަކެއް ގެނެސްފައިވާކަމަށެވެ. މީގެ އިތުރުން މިނިސްޓްރީ ތަކުގައި އިންސާނީ ވަސީލަތް ރާވާއި ހިންގަމުން ދަނީ ކިހިނެއްތޯ ދެނެގަތުމަށް ކޮމިޝަނުން ކުރިއަށްގެންދާ ހިއުމަން ރިސޯސް އޮޑިޓް، 11 މިނިސްޓްރީއެއްގައި މިއަދިޔައަހަރުގެ ނިޔަލަށް ހަދާފައިވާކަމަށް ޑރ.ޢަލީ ޝަމީމް ވިދާޅުވިއެވެ. އަދި ބާކީ 4 މިނިސްޓްރީ މިއަހަރުތެރޭ ނިންމާލެވޭނެކަމަށް ވެސް އޭނާ ވިދާޅުވިއެވެ.