ޚަބަރު

ރަސްފަންނުގައި ތަރައްޤީކުރާ ޕެވީލިއަން އަންނަމަހު ހުޅުވަނީ


އިންޓަރނޭޝަނަލް ފާސްޓްފުޑް ޗެއިންތަކުގެ އައުޓްލެޓްތަކާއެކު ރަސްފަންނުގައި ތަރައްޤީކުރާ ޕެވީލިއަންގެ މަސައްކަތް ނިންމާ، އަންނަމަހުގެ ތެރޭގައި އެތަން އާއްމުންނަށް ހުޅުވާލާނެކަމަށް ހައުސިންގ މިނިސްޓަރ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. 

3 ފަންގިފިލާއަށް ތަރައްޤީކުރާ މި ޕެވީލިއަންގެ މަސައްކަތް ކޮންޓްރެކްޓަރ ފައިނޭންސް އުސޫލުން ކުރުމަށް ސަރުކާރުން ހަވާލުކޮށްފައިވަނީ އެމް.ޑަބްލިއު.އެސް.ސީއާއެވެ.

ރާއްޖޭގެ އާބާދީގެ ތިންބައިކުޅަ އެއްބައި މީހުން ދިރިއުޅެމުންދަނީ މާލޭ ސިޓީގައި ކަމަށްވެފައި، މާލޭގެ ތޮށްޖެހުން ކުޑަކޮށް، އާއްމުންނަށް ހިތްފަސޭހަކޮށްލެވޭނެ ގޮތްތަކެއް ހަމަޖައްސައި ދިނުމަށް ސަރުކާރުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ފާއިތުވި 4 އަހަރުގެ ތެރޭގައި ސަރުކާރުން ވަނީ މާލޭގެ އެކި ސަރަޙައްދުތަކުގައި ފިނި މައިޒާންތަކާއި، ޕާކްތައް ތަރައްޤީކޮށްފައެވެ. މިފަދަ ތަންތަނުގެ ތެރެއިންވެސް އެންމެ ފާހަގަކޮށްލެވޭ، އަދި އެންމެ ގިނަ ބައެއްގެ މަޤްބޫލުކަންވެސް އެތަނަށްކަށް ލިބިގެންދިޔަ އެއް ތަނަކީ މާލޭގެ ރަސްފަންނެވެ. ދުޅަހެޔޮ ސިއްޙަތެއްގައި ތިބުމަށް އާއްމުންނަށް ހިތްވަރުދީ، ކަސްރަތު ކުރެވޭނެ ވަސީލަތްތައް ޤާއިމްކޮށްފައިވާ އައުޓްޑޯ ޖިމަކާއެކު، ހުރިހާ އުމުރެއްގެ މީހުންނާވެސް ގުޅޭނޭހެން ތަރައްޤީކޮށްފައިވާ ރަސްފަންނަކީ ދިވެހިންގެ އާދަކާދައާއި ސަޤާފަތް އޭގެ އެންމެ ފުރިހަމަގޮތުގައި ދައްކުވައިދޭ އެއް މަންޒިލެވެ. ރަށެއްގެ ގޮނޑުދޮށް ސިފަކޮށްދޭހެން ފަރުމާކޮށްފައިވާ މިތަނަކީ ހަފްތާ ބަންދާދިމާކޮށް މާލޭގެ ރައްޔިތުން މިހާރު އެންމެ ގިނައިން ޖަމާވާ އެއް ސަރަޙައްދެވެ.

ރަސްފަންނުގައި މިހާރުވެސް ގިނަ ޚިދުމަތްތަކެއް ލިބެންހުރިއިރު، އެތަނުގައި ތަރައްޤީކުރާ ޕެވީލިއަންއަކީ އެތަނެއްގެ ޚިދުމަތް ލިބެން ފަށާނެ ދުވަހަކަށް މިހާރުވެސް ގިނަ ރައްޔިތުންތަކެއް އިންތިޒާރުކުރަމުން އަންނަތަނެކެވެ. ރަސްފަންނުގެ މެދުން މޫދާވީ ފަޅިއަށް ހަޓެއްގެ ޑިޒައިނަށް ފަރުމާކޮށް ތައްޔާރުކުރާ މި ޕެވީލިއަން ވެގެންދާނީ ރަސްފަންނުގެ މަލަމައްޗަށް އިތުރު ފުރިހަމަކަމެއް ގެނުވާނެ އިމާރާތަކަށެވެ. 3 ފަންގިފިލާއަށް ތަރައްޤީކުރާ މި ޕެވީލިއަންއަކީ އިންޓަރނޭޝަނަލް ފާސްޓްފުޑް ޗެއިންތަކުގެ އައުޓްލެޓްތަކާއެކު މާލޭގައި ހުޅުވާ އެންމެ ފުރިހަމަ އިމާރާތަށްކަމަށް ހައުސިންގ މިނިސްޓްރީން ވިދާޅުވެއެވެ. ކޮންޓްރެކްޓަރ ފައިނޭންސް އުސޫލުން އެމް.ޑަބްލިއު.އެސް.ސީއާއި ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢުގެ ދަށުން، ޕެވީލިއަންއަށް ބޭނުންވާ ކޮންސްޓްރަކްޝަންގެ ހުރިހާ މަސައްކަތެއްހެން ވަނީ ނިންމާލާފައެވެ. އަދި މިހާރު ކުރިއަށްދަނީ ޕެވީލިއަންގެ އިންޓީރިއަރ ޑިޒައިނިންގެ މަސައްކަތްކަން ފާހަގަކޮށްލެވެއެވެ.

img:http://s1.psmnews.mv/images/660x400/15206721998117.jpg|

ޕެވީލިއަންގެ މަސައްކަތް ކުރިއަށްގޮސްފައިވާ ހިސާބާގުޅޭގޮތުން ޕީ.އެސް.އެމް ނިއުސްގެ އެންމެ ފުރަތަމަ ޤައުމު ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން ހައުސިންގ މިނިސްޓަރ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، މި މަޝްރޫޢަކީ ސަރުކާރުގެ އުއްމީދުތަކާވެސް ވަރަށް ބޮޑަށް ގުޅިފައިވާ މަޝްރޫޢެއްކަމަށެވެ. ޕެވީލިއަންގެ ޢަމަލީ މަސައްކަތް ފެށިތާ 2 އަހަރަށްވުރެ ގިނަ ދުވަސް ވެފައިވާއިރު، މި މަޝްރޫޢު ދީފައިވާ ޑެޑްލައިނަށް ފުރިހަމަނުކުރެވުނީ އެމް.ޑަބްލިއު.އެސް.ސީއަށް ދިމާވި ބައެއް ގޮންޖެހުންތަކެއްގެ ސަބަބުންކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އެހެންނަމަވެސް ޕެވީލިއަންގެ މަސައްކަތް މިހާރު ވަރަށް ބާރު ސްޕީޑުގައި ކުރަމުންދާއިރު، އަންނަ މަހުގެ ތެރޭގައި މަސައްކަތް އެއްކޮށް ނިންމާ، އެތަން ހުޅުވާނެކަމުގެ ޔަޤީންކަން ކޮންޓްރެކްޓަރ ދެއްވާފައިވާކަމަށް ޑރ. މުޢިއްޒު ވިދާޅުވިއެވެ.

"އަޅުގަނޑުމެން އެކްސްޕެކްޓްކުރި މުއްދަތަށްވުރެ ގިނަ ދުވަސް ހަޤީޤަތުގައި މި މަސައްކަތަށް ވޭތުވެއްޖެ. މަސައްކަތް އަވަސްކުރުމަށް އަޅުގަނޑުމެން އެދެމުންދިޔައިން، އަދި ވަރަށް ގާތުން އެ މަސައްކަތްތައް ބަލަމުންވެސް ދިޔައިން. މިހާރު މަސައްކަތް ނިމުމަކާ ހިސާބަށް ގޮސްފައިވާކަން އަޅުގަނޑުމެންނަށްވެސް ފާހަގަކުރެވޭ. ޕެވީލިއަންގެ މަސައްކަތް އެންމެ ލަސްވެގެން ނިންމާ ހުޅުވޭނެކަމަށް ކޮންޓްރެކްޓަރ ދެއްވާފައިވާ މުއްދަކީ މިއަންނަ މަހުގެ ނިޔަލަށް. އަޅުގަނޑުވެސް އެތަނަށްގޮސް ބެލިބެލުމުން ތަން އެހުރީ ގާތްގަނޑަކަށް ނިމިފައި. ދެން އެތަން އޮޕަރޭޓްކުރަން އަންނަ ތަންތަން އައުން ބާކީ މިއޮތީ" - މިނިސްޓަރ މުއިއްޒު ވިދާޅުވިއެވެ.

ރަސްފަންނުގައި ތަރައްޤީކުރާ ޕެވީލިއަންއަކީ ޙާއްޞަ ސިފަތަކަކާއެކު ތަރައްޤީކުރާ ތަނެކެވެ. ދުނިޔޭގެ ނަން މަޝްހޫރު ފާސްޓްފުޑް ޗެއިންތަކުގެ ޚިދުމަތް ލިބޭހެން ތަރައްޤީކުރާ މި ޕެވީލިއަންއާއެކު ތަރައްޤީކޮށްފައިވާ އޯވަރ-ހެޑް ބްރިޖަކީވެސް ގިނަބައެއްގެ ސަމާލުކަން ހޯދާފައިވާ ތަނެކެވެ. ދުނިޔޭގެ އެންމެ ކުރިއަރާފައިވާ ސިޓީތަކުގައިވެސް ފެންނަ ފަދަ މި ބްރިޖަކީ މާލޭގައި މިފަދަގޮތަކަށް ތަރައްޤީކޮށްފައިވާ ފުރަތަމަ ބްރިޖްކަންވެސް ފާހަގަކޮށްލަންޖެހެއެވެ. ރަސްފަންނުގައި ތަރައްޤީކުރާ ޕެވީލިއަންނާއެކު ރަސްފަންނަށް އޮންނަ ޑިމާންޑް މިހާރަށްވުރެ ބޮޑުވެގެންދާނެކަމަށް ބެލެވެއެވެ.