ޚަބަރު

ހިއުމަން ރައިޓްސް ކައުންސިލަށް ހުށެހެޅި ބަޔާނުގައި އަސާސެއްނެތް


ދިވެހިރާއްޖެއާއި ގުޅޭގޮތުން އދ. ގެ ހިއުމަން ރައިޓްސް ކައުންސިލުގައި އިނގިރޭސިވިލާތާއި، ޔޫރަޕިއަން ޔޫނިއަން އަދި ހުޅަނގުގެ ޤައުމުތައް ހިމެނޭހެން ހުށައަޅާފައިވާ ގުޅިފައިވާ ބަޔާނަކީ އެއްވެސް ބިނާކުރަނިވި އަސާސެއްގެ މައްޗަށް ތައްޔާރުކޮށްގެން ނެރެފައިވާ ބަޔާނެއް ނޫންކަމަށް ދިވެހިރާއްޖެއިން ޖެނީވާގައި ހުންނަ އދ.ގެ އޮފީސްތަކަށް ކަނޑައަޅާފައި ހުންނަވާ ދާއިމީ މަންދޫބު ޑރ. ހާލާ ޙަމީދު ވިދާޅުވެއްޖެއެވެ.

އދ. ގެ ހިއުމަން ރައިޓްސް ކައުންސިލްގެ 37 ވަނަ ސެޝަންގައި އިނގިރޭސިވިލާތާއި، ޔޫރަޕިއަން ޔޫނިއަން އަދި ހުޅަނގުގެ ޤައުމުތައް ހިމެނޭހެން 41 ޤައުމަކުން ނެރެފައިވާ ގުޅިފައިވާ ބަޔާނުގައި ރާއްޖޭގައި މިހާރު އިޢުލާން ކޮށްފައިވާ ކުއްލި ނުރައްކަލުގެ ޙާލަތު ވަގުތުން އުވާލާ، ޤާނޫނު އަސާސީގެ ހިފަހައްޓާފައިވާ މާއްދާތައް އަލުން ރުޖުޢޫއަށް ކުރުމަށް ގޮވާލާފައިވެއެވެ. 

މި ބަޔާނަށް ރާއްޖޭގެ ފަރާތުން ރައްދު ދެއްވަމުން ދިވެހިރާއްޖެއިން ޖެނީވާގައި ހުންނަ އދ.ގެ އޮފީސްތަކަށް ކަނޑައަޅާފައި ހުންނަވާ ދާއިމީ މަންދޫބު ޑރ. ހާލާ ހަމީދު ވިދާޅުވީ، ރާއްޖޭގެ ހާލަތާއި ގުޅޭގޮތުން އިނގިރޭސިވިލާތާއި އަދި ޔޫރަޕިއަން ޔޫނިއަން އިސްވެ އޮވެ ނެރެފައިވާ ގުޅިފައިވާ ބަޔާނަކީ އެއްވެސް ބިނާކުރަނިވި އަސާސެއްގެ މައްޗަށް ތައްޔާރުކޮށް، ނެރެފައިވާ ބަޔާނެއް ނޫންކަމަށެވެ. އަދި ރާއްޖޭގައި ކަން ހިނގާގޮތުގެ ހަޤީޤީ މަންޒަރު އޮޅުވާލުމަށް މި ބަޔާނުގައި މަސައްކަތް ކޮށްފައިވާކަމަށެވެ. ހަމައެހެންމެ ރާއްޖޭގައި ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާންކުރަން ޖެހުނު ސަބަބާއި، އިދިކޮޅު ފަރާތްތަކުން އަޑީގައި އޮވެ، ޖުޑިޝަރީ ބޭނުންކޮށްގެން ގެންނަން އުޅުނު ބަޣާވާތާއި އެކަމުގައި ޝާމިލުވާ ފަރާތްތަކާމެދު ކުރެވޭ ކޮރަޕްޝަންގެ ތުހުމަތުތަކުގެ ތަފްސީލް އެކަމަނާ ވަނީ ހިއްސާކުރައްވާފައެވެ. 



ރާއްޖޭގެ ޤާނޫނު އަސާސީ ނެގެހެއްޓުމުގެ އެންމެ މުހިއްމު ޒިންމާ އަދާކުރާ ފަރާތްކަމަށްވާ ސްޕްރީމް ކޯޓާއި ފަނޑިޔާރުންގެ މިނިވަންކަމާމެދު ކުރެވޭ ތުޙުމަތުތައް ފާހަގަކުރައްވާ، އެކަމުގެ ކަންބޮޑުވުން އެންމެ ފުރަތަމަ ފާޅުކުރެއްވީ 2013 ވަނަ އަހަރު ރާއްޖެއަށް ވަޑައިގެންނެވި އދ.ގެ ޙާއްޞަ މަންދޫބު ކަމަށް މިކަމާގުޅޭ ގޮތުން ފޮރިންގ މިނިސްޓްރީން ނެރުނު ބަޔާނުގައި ފާހަގަކޮށްފައިވެއެވެ. އަދި އދ.ގެ ޚާއްޞަ މަންދޫބު ފާހަގަކުރެއްވި ކަންކަމަށް އިނގިރޭސިވިލާތާއި ޔޫރަޕިއަން ޔޫނިއަންގެ ޤައުމުތަކުން އޭރު ތާޢީދުކުރިކަމަށްވެސް ފާހަގަކޮށްފައިވެއެވެ. ހަމައެހެންމެ 2015 ވަނަ އަހަރު އދ.ގެ ހިއުމަން ރައިޓްސް ކައުންސިލުން ނެރެފައިވާ ބަޔާނެއްގައި ރާއްޖޭގެ ޢަދުލްއިންސާފު ޤާއިމުކުރުމުގެ ނިޒާމަށް ސިޔާސީ ނުފޫޒުގެ އިތުރުން ބޭރުގެ ނުފޫޒު ފޯރާފައިވާކަންވެސް ފާހަގަކޮށްފައިވެއެވެ.



އދ.ގެ ހިއުމަން ރައިޓްސް ކައުންސިލަށް ރާއްޖޭގެ ސަރުކާރުން އެއްބާރުލުން ނުދޭކަމަށް ބުނެ ދެކެވޭ ވާހަކަތަކަށްވެސް ޑރ. ހާލާ ވަނީ ރައްދުދެއްވާފައެވެ. އެގޮތުން ފާއިތުވި 4 އަހަރުގެ ތެރޭގައި ހިއުމަން ރައިޓްސް ކައުންސިލްގެ ވަފުދުތަކަށް ރާއްޖޭގެ ސަރުކާރުން މަރުޙަބާ ކިޔާފައިވާކަން ފާހަގަކުރެއްވިއެވެ. އަދި އެ ކައުންސިލްގެ ވަފްދެއް ރާއްޖޭގައި ކުއްލި ޙަލާތު އިޢުލާން ކޮށްފައިވަނިކޮށް މީގެ 3 ހަފްތާ ކުރިން ރާއްޖެއަށް ޒިޔާރާތްކޮށްފައިވާކަން ބަޔާންކުރިއެވެ.