ޚަބަރު

މަގުމަތީ ހޮޅިތައް ނާޅާ ފެން ހިންދޭނެ ނިޒާމެއް ޤާއިމުކުރަނީ


މާލޭގައި އިމާރާތްކުރާ ތަންތަނުން ބޭރުކުރާ ފެން ހިންދުމަށްޓަކައި މަގުމައްޗާއި ދުވާރުތައްމަތިން ހޮޅި އެޅުމުގެ ބަދަލުގައި ފެން ހިންދުމަށް ފަސޭހަ ނިޒާމެއް ޤާއިމުކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް ހައުސިން މިނިސްޓަރ ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ހައުސިންގެ މިނިސްޓަރ ޑރ މުހައްމަދު މުއިއްޒު ކުރެއްވި ޓްވީޓްގައިވަނީ މާލޭގައި އިމާރާތްކުރުމުގެ މަސައްކަތައް ޑިވޯޓަރ ކުރުމަށް މަގުމަތީގައި އަޅަމުންދާ ހޮޅިތައް ގިނަވެ އާއްމުންނަށް ނުހަނު ގިނަ އުނދަގޫތަކާއި ގެއްލުންތައް ވަމުންދާކަމަށެވެ. އަދި އެކަމަށް ހައްލެއް ގެނައުމުގެ ގޮތުން ޑިވޯޓަރ ނިޒާމެއްގެ މަސައްކަތް އެމްޑަބްލިއުއެސްސީއާއި ގުޅިގެން ވަރަށް އަވަހަށް ފެށުމަށް ހަމަޖެހިފައިވާކަމަށްވެސް މުއިއްޒު ވިދާޅުވިއެވެ.

މާލޭގައި އުސްކޮށް އިމރާތްކުރާ ތަންތަނުން ފެން ހިންދަމުން ދިޔައީ މާލޭގައި ޤާއިމުކޮށްފައިވާ ނަރުދަމާ ނިޒާމްގެ ބޭނުންކޮށްގެންނެވެ. އެކަމުގެ ސަބަބުން ނަރުދަމާގެ ނިޒާމަށް ގެއްލުންތައް ލިބި އާއްމުންނަށް ދަތިތަކާއި ކުރިމަތިވާން ފެށުމުން މޫދަށް ފެން ބޭރުކުރަން ފެށިއެވެ. އެހެންނަމަވެސް މާލޭގައި ގިނަ އަދަދެއްގެ ގެ އިމާރާތްކުރަމުންދިޔުމުގެ ސަބަބުން މަގުމަތީގައި އަޅާފައިވާ ހޮޅިތައް ގިނަވެ ހިނގާ ބިނގާވެ އުޅެން ދަތިވެ އުޅަނދުތައް ޕާކްކުރުމުގައި ބޮޑެތި ދަތިތަކެއް ދިމާވަމުންދާތީ އެކަމުގެ ޝަކުވާ އާއްމުންގެ ފަރާތުން ލިބެމުންދާކަމަށް ހައުސިން މިނިސްޓްރީން ބުނެއެވެ.