ކުޅިވަރު

މޮޅަކާއިއެކު އޭއެފްސީ ކަޕް ނިއުރޭޑިއަންޓުން ފަށައިފި


މޮޅަކާއިއެކު އޭއެފްސީ ކަޕް ނިއުރޭޑިއަންޓުން ފަށައިފިއެވެ. އޭއެފްސީ ކަޕް ފުޓްބޯޅަ މުބާރާތުގެ ގްރޫޕް ސްޓޭޖުގައި ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބާއި ބަނގްލަދޭޝްގެ ޑާކާ އަބަހާނީ ވާދަކުރި މެޗު ނިއު ކާމިޔާބުކުރީ އެކެއް ސުމަކުންނެވެ. 

މެޗަށް ނިއުރޭޑިއަންޓުން ނިކުތީ އަނިޔާގެ ސަބަބުން ބިދޭސީ ޑިފެންޑަރ ހާރޫން ފަހްރުއްދީން އަމީރީ ނުހިމަނައިއެވެ. ފުރަތަމަ ހާފުގައި ގޯލް ޖަހާނެ އެންމެ ހުސް ފުރުސަތުތައް ލިބުނީ ނިއުރޭޑިއަންޓަށެވެ. ފޯވާޑް ގުއިލެމް މާރޓީއަށާއި، އަލީ ފާސިރަށް ލިބުނު ފުރުސަތުތަކުން އެޓީމަށް ގޯލެއް ކާމިޔާބުކުރެވޭ ގޮތެއް ނުވިއެވެ. ފުރަތަމަ ހާފުގައި ޑާކާ އަބަހާނީގެ ސަންޑޭ ޗިޒޯބާ ނިއުގެ ދެ ކުޅުންތެރިން ކައިރިން ނައްޓާލާފައި ޕެނަލްޓީ އޭރިއާ ތެރެއަށްވަދެ ފޮނުވާލި ބޯޅަ ގޯލްގެ ހުރަސް ދަނޑި މަތިން ދިޔައީ ބޭރަށެވެ.

ދެވަނަ ހާފުގެ ފުރަތަމަ ހަމަލާ އުފެއްދީ ޑާކާ އަބަހާނީނެވެ. ޗިޒޯބާ ފޮނުވާލި ބޯޅަ މިފަހަރުވެސް ދިޔައީ ހުރަސް ދަނޑިމަތިން ބޭރަށެވެ. ނިއުރޭޑިއަންޓުން މެޗުގައި ލީޑް ނެގީ ފަންސާސް އަށްވަނަ މިނެޓުގައެވެ. މުހައްމަދު އުމައިރު ދިން ޕާހަކުން ނިއުރޭޑިއަންޓަށް ލަނޑު ޖަހައިދިނީ އަލީ ފާސިރުއެވެ. 

ނިއުގެ ލަނޑަށްފަހު ޑާކާ އަބަހާނީގެ މިޑްފިލްޑަރ ސަންޑޭ ޗިބޯޒާ ހަމްޒާއަށްކުރި ފައުލަކާ ގުޅިގެން ރެފްރީވަނީ ދެވަނަ ރީނދޫ ކާޑާއިއެކު ރަތްކާޑު ދައްކާ އޭނާ ދަނޑުން ފޮނުވާލާފައެވެ. ނިއުރޭޑިއަންޓަށްވަނީ ލީޑް ފުޅާކުރަން ހުސް ގިނަ ފުރުސަތުތަކެއް ދެވަނަ ހާފުގައި ލިބިފައެވެ. މިގޮތުން ކެޕްޓަން އަލީ އަޝްފާގާއި، ގުއިލެމް މާޓީ އަދި އަލީ ފާސިރަށްވެސް ލިބުނު ފުރުސަތުތައް ފާހަގަކޮށްލެވެއެވެ.

އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖުގައި ނިއުރޭޑިއަންޓް ވާދަކުރާ ދެވަނަ މެޗު އޮންނާނީ މިމަހުގެ ސާދަވަނަ ދުވަހުގެ ހަވީރެވެ. ގަލޮޅު ރަސްމީ ދަނޑުގައި ކުޅޭ މި މެޗުގައި އެޓީމް ނިކުންނާނީ އިންޑިއާގެ ޗެމްޕިއަން އައިޒޯލް އެފްސީއާއި ދެކޮޅަށެވެ.