ކަރަންޓްގެ އަގަށް ގެނައި ބަދަލު މި މަހުގެ ކަރަންޓު ބިލުން ފެންނާނެކަމަށް ފެނަކަ ކޯޕަރޭޝަނުން ބުނެފިއެވެ. މާލެއާއި އަތޮޅުތަކުގެ ކަރަންޓާއި ފެނުގެ ހިދުމަތުގެ އަގުތަކުގައި ހުރި ތަފާތު ނައްތާލާ އެއް އަގެއްގައި ކަރަންޓާ ފެނުގެ ހިދުމަތް ދިނުމަށް ސަރުކާރުން ނިންމާ އެކަން އިއުލާންކުރީ މިދިޔަ މަހުގެ ތެރޭގައިއެވެ. ކަރަންޓު އަގު ހެޔޮކުރިކަން ސަރުކާރުން އިއުލާންކުރިނަމަވެސް އެ ބަދަލު ކަރަންޓް ބިލުތަކުން ނުފެންނަަކަމަށް ބުނެ ބައެއް ފަރާތްތަކުން ދައްކަމުން ގެންދާ ވާހަކަތަކަށް ރައްދުދެއްވަމުން ފެނަކަ ކޯޕަރޭޝަންގެ ސޭލްސް އެންޑް ބިލިންގ ޑިޕާރޓްމަންޓްގެ ޑެޕިއުޓީ ޑިރެކްޓަރ އަޙްމަދު ނަޖާހް ވިދާޅުވީ ކަރަންޓުގެ އަގަށް ގެނައި ބަދަލަށް އަމަުލުކރަން ފަށާނީ މިމަހުން ފެށިގެންކަމަށެވެ. އެހެންކަމުން މި މަހުގެ ބިލްތައް ތައްޔާރުވެގެން ގެތަކަށް ލިބޭ އިރު ކަރަންޓުގެ އަގަށް އައިސްފައިވާ ބޮޑު ބަދަލު ބިލުތަކުން ފެންނާނެކަމަށް ނަޖާހް ވިދާޅުވިއެވެ. އަދި ކަރަންޓްގެ އަގަށް ގެނެސްފައިވަނީ ބޮޑު ބަދަލަކަށް ވުމުން ކިތަންމެ ގިނައިން ކަރަންޓް ބޭނުންކުރާ ފަރާތަކަށްވެސް ބިލުން ތަފާތު އެގޭނެކަމަށްވެސް ނަޖާހު ވިދާޅުވިއެވެ.
"އެކަމަކު މިފަހަރު އަޅުގަނޑުމެން ޔަޤީންކަން މިއަރުވަނީ ހޫނު ކިތަންމެ ގަދަވިޔަސް ކަސްޓަމަރުންގެ ބިލުން މި ކުޑަވުން ފެންނާނެ. ފުދޭވަރެއްގެ ބޮޑު ބަދަލެއް މިއައީ 3 ރުފިޔާއިން 1.50 ލާރިއަށް. މިއައި ބަދަލާއި ގުޅިގެން އެ ތަފާތު ނުފެންނަ ވަރުގެ ޔޫސޭޖްއެއް ބޭނުންކުރެވޭނެކަމަކަށް ޤަބޫލެއް ނުކުރަން." ފެނަކަ ކޯޕަރޭޝަންގެ ސޭލްސް އެންޑް ބިލިންގ ޑިޕާރޓްމަންޓްގެ ޑެޕިއުޓީ ޑިރެކްޓަރ އަޙްމަދު ނަޖާހް ވިދާޅުވިއެވެ.
ކަރަންޓަށް ގެނައި ބަދަލުތައް
- 1-100 - 1.5 ރ
- 100-200 - 1.70 ރ
- 201-300 - 2.40 ރ
- 301 -400 - 2.50 ރ
- 400-500 - 4.50 ރ
- 600 ޔުނިޓުން މަތި 5.50 ރ
ކަރަންޓްގެ އަގަށް ސަރުކާރުން ގެނައި ބަދަލާއި އެކު ކުރިން ޔުނިޓަކަށް ނަގަމުން އައި 3 ރުފިޔާގެ ބަދަލުގައި މި މަހުން ފެށިގެން ކަރަންޓް ޔުނިޓަކަށް ނަގަމުން އަންނާނީ 1.5 ރުފިޔާއެވެ. އެޕްރީލް މަހުގެ ކަރަންޓު ބިލުން 100 ޔުނިޓް ބޭނުންކުރާނަމަ 32 އިންސައްތަ ކުޑަވެގެންދާނެކަމަށް ފެނަކައިން ބުނެއެވެ. އަދި 200 ޔުނިޓް ބޭނުންކުރާ މީހެއްގެ ބިލުން 35 އިންސައްތަ އަދި 300 ޔުނިޓް ބޭނުންކުރާ މީހެއްގެ ބިލުން 36 އިންސައްތައާއި 400 ޔުނިޓް ބޭނުންކުރާނަމަ އެޕްރީލް މަހުގެ ބިލުން 34 އިންސައްތަ ކުޑަވެގެންދާނެކަމަށް ފެނަކަ ކޯޕަރޭޝަނުން މައުލޫމާތުދެއެވެ. މީގެއިތުރުން 400 ޔުނިޓަށްވުރެ މަތިން ބޭނުންކުރާ ފަރާތްތަކުގެ ބިލުން 400 އަށްވުރެ ގިނަ ރުފިޔާ ކުޑަވާނެކަމަށްވެސް ފެނަކައިން ބުނެއެވެ.