ޚަބަރު

މަޝްވަރާ އަށް އެމްޑީޕީ މެމްބަރުންގެ ވިޔަފާރިއާ ގުޅޭ ޝަރުތުތައް


ސަރުކާރުން އިސްވެ ފަށްޓަވާފައިވާ ސިޔާސީ ޕާޓީތަކުގެ މަޝްވަރާއަށް އިިކޮޅު އެމްޑީޕީގެ ވަކިވަކި މެންބަރުންގެ ވިޔަފާރިތަކާ ގުޅޭ ޝަރުތުތައްވެސް ހުށައަޅާފައިވާކަމަށް މަޝްވަރާތަކުގެ އިސް މަންދޫބު ފިޝަރީޒް މިނިސްޓަރ ޑރ. މުޙައްމަދު ޝައިނީ ވިދާޅުވެއްޖެއެވެ. މިނިސްޓަރ މިހެން ވިދާޅުވީ ޕީއެސްއެމްގެ "އެންމެ ފުރަތަމަ ޤައުމު" ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުންނެވެ.



ރާއްޖޭގެ ސިޔާސީ މަސްރަހުގައި ހުރި ކަންބޮޑުވުންތައް ހައްލުކުރުމަށް ސަރުކާރުން ވަނީ ސިޔާސީ ހުރިހާ ޕާޓީތަކާއެކު މަޝްވަރާކުރުމަށް އެތައް ފަހަރެއްގެ މަތިން ދަޢުވަތު ދީފައެވެ. ނަމަވެސް ތަފާތު އެކި ޝަރުތުތައް ކުރިމަތިކުރުވާ މަޝްވަރާތައް އަދިވެސް ކުރިއަށް ނުގެންދެވެއެވެ. ފިޝަރީޒް މިނިސްޓަރ ޑރ. މުޙައްމަދު ޝައިނީ ވިދާޅުވީ މަޝްވަރާތަކަށް އިދިކޮޅު ފަރާތްތަކަށް މިހާތަނަށް 10 ފަހަރަށް ދަޢުވަތު ދީފައިވާ ކަމަށާއި ނަމަވެސް ތަފާތު އެކި ޝަރުތުތައް ކުރިމަތިކުރުވާ މަޝްވަރާއަށް އައުމަށް ދެކޮޅު ހަދާފައިވާ ކަމަށެވެ. މިނިސްޓަރ ވިދާޅުވީ މަޝްވަރާއަށް ދައުވަތު ދިނުމުން އިދިކޮޅު އެމްޑީޕީގެ ވަކިވަކި މެންބަރުންގެ މަސްލަހަތު އޮންނަ ވިޔަފާރިތަކާގުޅޭ ޝަރުތުތައްވެސް ހުށައަޅަފައިވާ ކަމަށެވެ. މިނިސްޓަރ ވަނީ މަޝްވަރާއަށް އަދިވެސް ސަރުކާރުން ތައްޔާރަށް އޮތްކަމަށް ވިދާޅުވާ ވިދާޅުވުން ތަކުރާރު ކުރައްވާފައެވެ.

މިނިސްޓަރ ޝައިނީ ވަނީ އިދިކޮޅު ސިޔާސީ ފަރާތްތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ވާހަކަފުޅު ދައްކަވާފައެވެ. އެގޮތުން ރާއްޖޭގެ ޤާނޫނީ ސަރުކާރު ވައްޓާލުމަށް މިހާތަނަށް އެންމެ ބޮޑު ބަޣާވާތެއް ގެންނަން ފާޅުގައި ގޮވާލާ މަސައްކަތްކުރާ ފަރާތަކީ ކުރީގެ ރައީސް ނަޝީދު ކަމަށް ތުހުމަތު ކުރެއްވިއެވެ. ރާއްޖޭގެެ މިހާރުގެ ސިޔާސީ މަސްރަޙުން ފެންނަމުން މިދަނީ، ނަޝީދަށް ރާއްޖޭގެ ވެރިކަން ނުކުރެވުމުގެ ސަބަބުން އެހެން މީހަކުވެސް ވެރިކަމުގައި ހުރުމަށް ފުރުސަތު ނުދިނުމަށް މަސައްކަތްކުރާތަން ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"ނަޝީދު ރާއްޖޭގެ ފަސްގަނޑަށް ފައި އެޅުމާކު ޖަލަށް ވަންނަންޖެހޭނީ. އެއީ ޔަޤީންކަމެއް. ހަމަ އެގޮތަށް ޤާސިމަށްވެސް ހުކުމް އޮތީ. ދެންތިބި ފިލައިގެންތިބި ހުރިހާ ކުށްވެރިންނަށްވެސް އޮތީ އެހުކުމް. މިސަރުކަރުން އެއްވެސް މީހަކަށް ނުބަލާނެ ޤާނޫނާ ޤަވާއިދުގެ ތެރެއިން ކަމެއް ކުރަންވީމާއެއް. އެއީ މިސަރުކާރުގެ ހުރި ވަރުގަދަ ކަމަކާ ކުރިއެރުމަކީ. ޤައުމުގެ މުސްތަޤްބަލަށްޓަކާ ކުރާ އެންމެ ރަނގަޅުކަމަކީ." މިނިސްޓަރ ޝައިނީ ވިދާޅުވިއެވެ.

މިއަހަރު ބާއްވާ ރިޔާސީ އިންތިޚާބުގެ މިނިވަންކަމާމެދު އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަ ތަކަށް ރައްދު ދެއްވަމުން ފިޝަރީޒް މިނިސްޓަރ ވިދާޅުވީ މިއަހަރު އޮންނަ ރިޔާސީ އިންތިޚާބަކީ ރާއްޖޭގައި މިހާތަނަށް ބާއްވާނެ އެންމެ މިނިވަން އިތިޚާބަށް ވެގެންދާނެކަމަށެވެ. އަދި އިންތިޚާބު ބާއްވަން ހަމަސް ދުވަހަކަށް ވެފައި ވަނިކޮށްވެސް ޤާނޫނީ ސަރުކާރު ވައްޓާލަން މަސައްކަތް ކުރަނީ އިންތިޚާބުގައި ވާދަކޮށްގެން އިދިކޮޅު ފަރަތްތަކަށް ކާމިޔާބު ނުވާނެކަން އެނގޭތީކަމަށް މިނިސްޓަރ ޝައިނީ ވިދާޅުވިއެވެ.