އެސްޓީއޯ މާލޭ ލީގުގައި ކްލަބް އީގަލްސްއާއި ވެލެންސިޔާގެ މެޗު އެއްވަރުވެއްޖެއެވެ.
އީގަލްސްގައި ވެލެންސިޔާ ތިނެއް ތިނަކުން އެއްވަރުވި މެޗުގައި އީގަލްސްގެ ތިން ލަނޑުވެސް ޖެހީ ލުއިޒް އެޑުއާޑޯއެވެ. މެޗުގައި ތިން ފަހަރުވެސް ލީޑް ނެގީ ކުލަބު ވެލެންސިޔާއިންނެވެ. އެޓީމުން މެޗުގެ ފުރަތަމަ ގޯލް ޖެހީ މެޗުގެ ހަތްވަނަ މިނެޓުގައެވެ. މި ލަނޑު ޖަހައިދިނީ ސާޖީ ދްރީގާއެވެ. ފުރަތަމަ ހާފު ނިމެން ދެ މިނެޓަށް ވެފައިވަނިކޮށް ލުއިޒް އެޑުއާޑޯ އީގަލްސްގެ ފުރަތަމަ ގޯލް ޖަހައި ނަތީޖާ ހަމަހަމަކުރިއެވެ. އެހެންނަމަވެސް ފުރަތަމަ ހާފުގައި މަހްރޫސް މުޖުތަބާ ޖަހައިދިން ގޯލުން ވެލެންސިޔާއިން ދެވަނަ ފަހަރަށް މެޗުގެ ލީޑް ނެގިއެވެ. ދެވަނަ ހާފުގެ ސާދަވަނަ މިނެޓުގައި އީގަލްސްގެ އެޑުއާޑޯ ދެވަނަ ފަހަރަށް އެޓީމަށް ލީޑް ނަގައިދިން ނަމަވެސް ކައުންޓަރ އެޓޭކުގައި އަންސަރު އިބްރާހިމް ތިންވަނަ ފަހަރަށް ވެލެންސީޔާއަށް މެޗުގައި ލީޑް ނަގައިދިނެވެ. އީގަލްސްއިން މެޗުން ޕޮއިންޓެއް ހޯދީ މެޗު ނިމެން ތިން މިނެޓަށް ވެފައިވަނިކޮށް ޖެހި ގޯލުންނެވެ. މި ގޯލުވެސް އެޓީމަށް ޖަހައިދީ ހެޓްރިކް ފުރިހަމަކުރީ ބްރެޒިލްގެ ފޯވާޑް ލުއިޒް އެޑުއާޑޯއެވެ.
މި މެޗުގައި ރެފްރީ ނިއުޝާދު މުޙައްމަދުގެ ނިންމުންތަކަށް ދެ ކޯޗުންވެސްވަނީ މެޗުގެ ތެރެއިން ނުރުހުން ފާޅުކޮށްފައެވެ. ވަކިން ޚާއްސަކޮށް ވެލެންސިޔާގެ ބެންޗުން މެޗުގެ ތެރެއިންނާއި މެޗު ނިމުމަށްފަހުވެސް ރެފްރީ ނިއުޝާދުގެ ނިންމުންތަކަށް ހިތްހަމަނުޖެހުން ފާޅުކުރަމުންދިޔައެވެ.
އެސްޓީއޯ މާލޭ ލީގުގައި އީގަލްސް ދެން މެޗެއް ކުޅޭނީ ހޮނިހިރު ދުވަހުގެ ހަވީރުއެވެ. ހަވީރު ހަތަރެއް ޖަހާއިރު އީގަލްސް ނިކުންނާނީ ކުލަބު ގްރީން ސްޓްރީޓްސްއާއި ދެކޮޅަށެވެ. ވެލެންސިޔާ މިމަހުގެ އެގާރަވަނަ ދުވަހުގެ ހަވީރު ނިކުންނާނީ މާޒިޔާއާއި ދެކޮޅަށެވެ.