ކުޅިވަރު

ރޯމާގެ މައްޗަށް ޝަކްތަރ ޑޮނެސްކް ކުރި ހޯދައިފި


މެންޗެސްޓަރ ސިޓީން ހޯދަން މަސައްކަތްކުރަމުންދާ ބްރެޒިލްގެ މިޑްފިލްޑަރ ފްރެޑް ކާމިޔާބުކޮށްދިން ލަނޑާއެކު ޝަކްތަރ ޑޮނެސްކް ރޯމާގެ މައްޗަށް ކުރި ހޯދައިފިއެވެ.

ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގައި ރޭ ޔުކްރެއިންގެ ޝަކްތަރ ޑޮނެސްކް އާއި އިޓަލީގެ ރޯމާ ބައްދަލުކުރި މެޗު ޝަކްތަރ ކާމިޔާބުކުރީ 2-1 ނެވެ. މެޗުގައި ފުރަތަމަ ލަނޑު ޖަހާ ކުރި ހޯދީ ރޯމާއިންނެވެ. ރޯމާގެ ލަނޑު މެޗުގެ ފުރަތަމަ ހާފް ނިމެން ދަނިކޮށް ކާމިޔާބުކޮށްދިނީ ތުރުކީގެ އަރަމުން އަންނަ ތަރި ސެންޖިޒް އަންޑަރއެވެ. މިއީ އުމުރުން އެންމެ ވިހި އަހަރުގެ އަންޑަރ ޗެމްޕިއަންސް ލީގުގައި ޖެހި ފުރަތަމަ ލަނޑެވެ.

މިމެޗުގައި ޝަކްތަރއަށް ނަތީޖާ ހަމަ ހަމަކޮށްދިނީ ދެވަނަ ހާފްގެ ކުރީކޮޅު އާޖެންޓީނާގެ ފޯވާޑް ފެރޭރާއެވެ.

އަދި މެޗުން މޮޅުކޮށްދީ ޝަކްތަރއަށް ފުރަތަމަ ލެގުގައި ބްރެޒިލްގެ ފްރެޑް ކުރި ހޯދައިދިނީ ލިބުނު ހިލޭ ޖެހުމަކުންނެވެ.

މިމެޗުގައި ރޯމާގެ ބްރެޒިލް ގޯލްކީޕަރު އެލިސަން ވަނީ ނުރައްކާތެރި ގިނަ ހަމަލާތަކެއް މަތަކޮށްފައެވެ.

މެޗަށްފަހު ޝަކްތަރގެ ކޯޗު ޕައުލޯ ފެންސެކާވެސް ވަނީ ރޯމާގެ ގޯލްކީޕަރު އެލިސަންއަށް ތައުރީފްކޮށް ވާހަކަ ދައްކާފައެވެ. ފޮންސެކާ ބުނީ އޭނާގެ ޓީމްގެ ކުޅުން ވަރަށް ރަނގަޅު ކަމަށާއި، މިއަށްވުރެ ބޮޑު ނަތީޖާއެކުން މޮޅު ނުވެވުނީ ރޯމާގެ ކީޕަރުގެ މަސައްކަތުން ސަބަބުންކަމަށެވެ.