ޚަބަރު

މިސަރުކާރަކީ ރައްޔިތުންގެ ޙިދުމަތުގައި ދެމިއޮތް ސަރުކާރެއް-ރައީސް


މި ސަރުކާރަކީ ދިވެހި ރައްޔިތުންގެ ޚިދުމަތުގައި ސާބިތުކަމާއެކީ ދެމިތިބޭނެ ސަރުކާރެއްކަން ފާއިތުވި 4 އަހަރުގެ ތެރޭގައިވެސް ސާބިތުކޮށްދީފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ 2018 ވަނަ އަހަރުގެ 18 މިނެޓްގެ ތާރީހީ ރިޔާސީ ބަޔާނުގައެވެ. މަޖިލިސް ހުޅުވުމުގެ ގޮތުން ދެއްވި ރިޔާސީ ބަޔާނުގައި އެމަނިކުފާނުވަނީ ފާއިތުވި 4 އަހަރު ސަރުކާރުން ހޯދާފައިވާ ކާމިޔާބީތަކާއި، އަދި މިއަހަރަށް ރޭވިފައިހުރި ތަރައްޤީގެ މަޝްރޫޢުތަކާއި ގުޅޭގޮތުން ވާހަކަފުޅު ދައްކަވާފައެވެ.

img:http://s3.psmnews.mv/images/660x400/15192354376812.JPG| 2018 ވަނަ އަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުވުމަށް ބޭއްވި މިއަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާގައި ރިޔާސީ ބަޔާން އިއްވަވަމުން ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވީ، ސަރުކާރުން އެންމެ ބޮޑު އިސްކަމެއްދެއްވަނީ ދިވެހި ރައްޔިތުންނަކީ އިޤްތިޞާދީގޮތުންނާއި އިޖްތިމާޢީގޮތުން ބާރުވެރި ބަޔަކަށް ހެދުމަށްކަމަށެވެ. އެގޮތުން ފާއިތުވި 2017 ވަނަ އަހަރަކީވެސް ތަރައްޤީގެ ގިނަ މަޝްރޫޢުތަކެއް ކާމިޔާބުކަމާއެކު ސަރުކާރުން ކުރިއަށްގެންދިޔަ އަހަރެއްގެ ގޮތުގައި އެމަނިކުފާނު ސިފަކުރެއްވިއެވެ. ރައީސް ޔާމީން ވިދާޅުވީ، ދަޢުލަތް ހިންގުމުގައި ދިވެހި ރައްޔިތުންނާއި، ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންނާއި، ރާއްޖޭގައި އިންވެސްޓްކުރާ ފަރާތްތަކުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް ސަރުކާރުން އަބަދުވެސް އިސްކަންދޭނެކަމަށެވެ. އެގޮތުން ކުރެވުނު މަސައްކަތްތަކުގެ ނަތީޖާއެއްގެ ގޮތުން ފާއިތުވި 4 އަހަރުގެ ތެރޭގައި ރާއްޖޭގެ ކުށުގެ ރިކޯޑް 35 އިންސައްތަ މަދުކުރެވިފައިވާކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ. ރައީސް ޔާމީން ވިދާޅުވީ، މި ސަރުކާރަކީ ދިވެހި ރައްޔިތުންގެ ޚިދުމަތުގައި ސާބިތުކަމާއެކީ ދެމިތިބޭނެ ސަރުކާރެއްކަން ފާއިތުވި 4 އަހަރުގެ ތެރޭގައިވެސް ސާބިތުކޮށްދީފައިވާކަމަށެވެ. އަދި ކުރިއަށް އޮތްތާނގައިވެސް ރާއްޖޭގެ ތަރައްޤީއަށް ހުރި އިތުރު ފުރުޞަތުތަކަކީ ކޮބައިކަން ބަލައި، އެކަންކަން އާއްމުން ރައްޔިތުންނާއި ހަމައަށް ގެނެސްދެއްވުމަށް މަސައްކަތް ކުރައްވާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.  

"މި ސަރުކާރަކީ، ދިވެހިންގެ ޚިދުމަތުގައި އޮތް ސަރުކާރެއްކަން މި ވޭތުވެދިޔަ 4 އަހަރު ދުވަހުގެ ތެރޭގައި މިވަނީ ސާބިތު ކޮށްދެވިފައި. ކުރިއަށް އޮތްތާނގައިވެސް މި ސަރުކާރުގެ އަމާޒަކީ، ޤައުމީ ތަރައްޤީ ވަޒަންކުރާ މިންގަނޑަކީ، ރައްޔިތުންގެ އުފަލާއި ހިތްހަމަޖެހުންކަން ގަބޫލުކޮށްގެން، ދިވެހި ޤައުމުގެ ތަރައްޤީއަށާއި ކުރިއެރުމަށް މަސައްކަތް ކުރުން. ބޭރުގެ ބޮޑެތި އިންވެސްޓްމަންޓްތައް ރާއްޖެ ގެނެސް، ދައުލަތުގެ ފުދުންތެރިކަން އިތުރުކުރުން. ހަމައެއާއެކު، ރައްޔިތުންނަށް ތަނަވަސްކަން ހޯދައިދީގެން، ރައްޔިތުންގެ ލާބައާއި މަންފާއަށް އިސްކަންދީގެން މަސައްކަތްކުރުން. ތަރައްޤީގެ ހަރުފަތުގައި، މަތީ މެދު ފަންތީގެ ޤައުމަކަށް ދިވެހިރާއްޖެ ހެދުން" ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވިއެވެ.

img:http://s1.psmnews.mv/images/660x400/15192354123381.JPG|  ފާއިތުވި 4 އަހަރު ރާއްޖޭގެ ތަރައްޤީއަށް ހިންގާފައިވާ މަޝްރޫޢުތަކަށް އިޝާރާތްކުރައްވާ ރައީސް ޔާމީން ވިދާޅުވީ، ރާއްޖޭގެ ރައްޔިތުންނަށް ދިމާވެފައިވާ ސާފު ބޯފެން ލިބުމާއި، ލަފާފުރުމުގެ ދަތިކަމާއި، ފެނާއި ނަރުދަމާ ނިޒާމްތައް ޤާއިމުކުރުމަށް ގިނަ މަޝްރޫޢުތަކެއް ހިންގާފައިވާކަމަށެވެ. އެގޮތުން 48 ރަށެއްގެ ބަނދަރު ހެދުމުގެ މަޝްރޫޢު ނިންމާފައިވާއިރު، އިތުރު 30 ރަށެއްގެ ބަނދަރު ހެދުމުގެ މަޝްރޫޢު މިއަހަރުގެ ތެރޭގައި ނިމިގެންދާނެކަމަށް ވިދާޅުވިއެވެ. އަދި ރާއްޖޭގެ އާބާދީގެ 75 އިންސައްތަ މީހުންނަށް ފެނާއި ނަރުދަމާގެ ޚިދުމަތް ކަށަވަރުކޮށްދިނުމަށް ސަރުކާރުން ހިފާފައިވާ އަމާޒު މިއަހަރުގެ ތެރޭގައި ޙާސިލްކުރެވިގެންދާނެކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

"ރާއްޖޭގެ އާބާދީ އެންމެބޮޑު 9 ރަށެއްގައި 45 ކިލޯ މީޓަރުގެ މަގު ހެދުމުގެ މަސައްކަތް މިއަހަރު ކުރެވިފައިވާއިރު، މިއަހަރުގެ ނިޔަލަށް އިތުރު 12 ރަށެއްގައި މަގު ހެދުމުގެ މަސައްކަތް ހިނގަމުންދާނެ. ރާއްޖޭގެ 48 ރަށެއްގެ ބަނދަރު ހެދުމުގެ މަސައްކަތް މިހާރު ވަނީ ނިމިފައި. އިރާދަކުރެއްވިއްޔާ މި އަހަރުގެ ނިޔަލަށް އިތުރު 30 ރަށެއްގެ ބަނދަރުގެ މަސައްކަތް ނިމޭނެ. އަދި ޖުމުލަ 78 ރަށެއްގެ ލަފާފުރުމުގެ މައްސަލަތަކަށް ޙައްލު ގެނެވޭނެ. މީގެއިތުރުން، ބޭނުންކުރެވެމުންދާ ބަނދަރުތަކުގެ ތެރެއިން ބަނދަރު ތިލަވުމުގެ މައްސަލައާއި، ނެރު ތިލަވެ، ބަނދަރަށް ވަދެ ނުކުތުމަށް ދަތިވެފައިވާ 31 ރަށެއްގެ ބަނދަރާއި ނެރު ފުންކުރެވި، ނެރުބައްތި ހަލާކުވެފައިވާ ރަށްރަށުގައި ނެރުބައްތި ވަނީ ހަރުކޮށްދެވިފައި. އެހެންކަމުން، ރާއްޖޭގައި މީހުން ދިރިއުޅޭ 187 ރަށުގެ ތެރެއިން 109 ރަށެއްގެ ލަފާފުރުމުގެ ދަތިކަމުގެ މައްސަލައަށް އިރާދަކުރެއްވިއްޔާ މި 5 އަހަރުގެ ތެރޭގައި ދާއިމީ ޙައްލެއް ލިބިގެންދާނެ. ވޭތުވެދިޔަ 4 އަހަރު ދުވަހުގެ ތެރޭގައި 21 ރަށެއްގައި ނަރުދަމާ ނިޒާމު ޤާއިމުކޮށް ނިމިފައިވާއިރު، 2018 ވަނައަހަރުގެ ތެރޭގައި އިތުރު 42 ރަށެއްގައި ނަރުދަމާ ނިޒާމުގެ ޢަމަލީ މަސައްކަތް ކުރިޔަށްދާނެ. މިއާއެކު 2018 ވަނަ އަހަރުގެ ނިޔަލަށް ރާއްޖޭގެ އާބާދީގެ %75 އަށް ނަރުދަމާ ނިޒާމުގެ ޚިދުމަތް ކަށަވަރުވެގެންދާނެ" ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވިއެވެ.

img:http://s1.psmnews.mv/images/660x400/15192353781395.JPG| ރައީސުލްޖުމްހޫރިއްޔާ ދެއްވި ރިޔާސީ ބަޔާނުގައި ރާއްޖޭގެ ސިއްހީ ދާއިރާއާއި ތަޢުލީމީ ދާއިރާ އިތުރަށް ތަރައްޤީކޮށް، ހަރުދަނާކުރުމަށް ސަރުކާރުން މިހާރު ކުރިއަށްގެންދާ މަޝްރޫޢުތަކަށްވެސް ވަނީ އަލިއަޅުވާލާފައިވެއެވެ. އެގޮތުން އައްޑޫ ސިޓީގައި ތަރައްޤީކުރާ ޓަރޝަރީ ހޮސްޕިޓަލާއި، 25 ބުރީގެ ދަރުމަވަންތަ ހޮސްޕިޓަލްގެ މަސައްކަތް މިއަހަރުގެ ނިޔަލަށް ނިންމާ، ޚިދުމަތްދޭން ފަށާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ހަމައެހެންމެ ރާއްޖޭގެ ތަޢުލީމީ ދާއިރާ ޑިޖިޓަލައިޒްކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން 2018 ވަނަ އަހަރުގެ ދެވަނަ ޓަރމްގެ ކިޔެވުން ފެށިގެންދާއިރު، ރާއްޖޭގެ ހުރިހާ ސްކޫލެއް ވައިފައިކުރެވި، ދަރިވަރުން ޓެބްލެޓް ބޭނުންކުރަން ފަށާނެކަމަށްވެސް ރައީސް ޔާމިން ވިދާޅުވިއެވެ. އަދި މިއާއެކު ދުނިޔޭގައިވެސް މިފަދަ ނިޒާމެއް ތަޢާރަފުކުރި ފުރަތަމަ ޤައުމަށް ދިވެހިރާއްޖެ ވެގެންދާނެކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.