ޚަބަރު

"މަޖިލީހުން ފާސްކުރިޔަސް ނުކުރިޔަސް ކުއްލި ޙާލަތު ދެމިއޮންނާނެ"


ރައްޔިތުންގެ މަޖިލީހުން ކުއްލި ނުރައްކަލުގެ ޙާލަތުގެ ޤަރާރު ފާސްކުރިޔަސް ނުކުރިއަސް ކުއްލި ނުރައްކަލުގެ ޙާލަތު ދެމި އޮންނާނެކަމަށް ޕީޕީއެމުން ބުނެފިއެވެ.

ޕީޕީއެމުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ޕީޕީއެމްގެ ނާއިބުރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުން މި ޤަރާރު ފާސްނުކުރި ނަމަވެސް ކުއްލި ނުރައްކަލުގެ ޙާލަތުގެ ޤަރާރެއް އަލުން ނެރުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާއަށް ލިބިފައިވާކަމަށެވެ. އެހެންކަމުން އިދިކޮޅު ފަރާތްތަކުން ރާވައިގެން ޤައުމުގައި މިއަދު އޮތް ޙާލަތު ނިމުމަކަށް ގެނެވޭނެކަމަށް ހީކޮށް، ޤަރާރު ފާސްކުރުމަށް ހުރަސްއެޅުމަކީ، ޤައުމުގެ ޙާލަތަށް ބަދަލު އަންނާނެ ކަމެއް ނޫންކަމަށް ޢަބްދުއްރަޙީމް ވިދާޅުވިއެވެ. އިދިކޮޅު ފަރާތްތަކުން ރައްޔިތުންނަށް އޮޅޭގޮތަށް ޤާނޫނު މާނަކުރަމުންދާތީ އެކަން ޢަބްދުއްރަޙީމް ކުށްވެރި ކުރެއްވިއެވެ. އިދިކޮޅު މެމްބަރުން މަޖިލީހުގެ ޖަލްސާ ބޯއިކޮޓް ކުރުމަކީ، ސަރުކާރުން ކުރާ މަސައްކަތަށް ހުރަސްއެޅޭނެ ކަމެއް ނޫންކަމަށް ޢަބްދުއްރަޙީމް ތަކުރާރުކޮށް ވިދާޅުވިއެވެ.



މި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރ އަޙްމަދު ނިހާން ޙުސެއިން މަނިކު ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގައި ކުއްލި ނުރައްކަލުގެ ޙާލަތާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ނެރުއްވި ޤަރާރަށް ތާއީދު އޮތްކަން މިއަދު އޮތް ޖަލްސާއިންވެސް ހާމަވެފައިވާކަމަށެވެ. އަދި އިދިކޮޅު ފަރާތްތަކުން މި ޤަރާރު ބާތިލުކުރަން ބޭނުންނަމަ ޖަލްސާއަށް ހާޟިރުވެ ޤަރާރު ބާތިލުކުރުމަށް ވޯޓް ދިނުމުގެ ފުރުސަތު އޮތް އިރު، އެފުރުސަތު ދޫކޮށްލާފައިވާކަމަށް ނިހާން ވިދާޅުވިއެވެ.



އިދިކޮޅު ފަރާތްތަކުން ބުނެފައިވަނީ ކުއްލި ނުރައްކަލުގެ ޙާލަތުގެ ޤަރާރު ފާސްކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި 43 މެމްބަރުން ތިބެންޖެހޭކަމަށެވެ. އަދި އެ ޢަދަދަށް މެމްބަރުން ޙާޟިރު ނުވެއްޖެނަމަ އެ ޤަރާރު ބާތިލުވާނެކަމަށް އިދިކޮޅު ފަރާތްތަކުން ދެކެއެވެ. ނަމަވެސް ވެރިކަން ކުރާ ޕާޓީން ބުނީ، ޤާނޫނުއަސާސީގައިވާ މި ބައިތަކަށް ދެކޮޅު ނުހައްދަވާކަމަށާއި، ޤަރާރާމެދު މަޖިލީހުން ޢަމަލުކުރާނެ ގޮތްތަށް ބަޔާންކުރާއިރު، އެ ޤަރާރު ބާތިލުކުރުމަށްވެސް 43 މެމްބަރުން މަޖިލީހުގެ ތަޅުމުގައި ހަމަވާން ޖެހޭކަމަށް ދެކޭކަމަށެވެ.