ވިޔަފާރި

ބާޒާރުގައި ބޮޑުކަންނެލީގެ އަގު މައްޗަށް ހިނގައްޖެ


ބާޒާރުގައި ބޮޑުކަންނެލީގެ އަގު މައްޗަށް ހިނގައްޖެއެވެ. މިއީ މިދިޔަ ހަފްތާއާއި އަޅާ ބަލާއިރު %33.6 ބޮޑު އަދަދެކެވެ.

ފިޝަރީޒް މިނިސްޓްރީން އާންމުކޮށްފައިވާ މަޢުލޫމާތަށް ބަލާއިރު ބޮޑުކަންނެލި ގަންނަ ކުންފުނިތަކުން މި ހަފްތާގައި ރާއްޖޭގައި އާންމުކޮށް ބާނާ ރީނދޫ އުރަހަ ކަންނެލި ކިލޯއެއް ގަންނަނީ 63.96ރ އަށެވެ. މިއީ މިދިޔަ ހަފްތާއާ އަޅާ ބަލާއިރު %33.6 ބޮޑު އަދަދެކެވެ. ފިޝަރީޒް މިނިސްޓްރީން ބުނީ މިދިޔަ ހަފްތާގައި ކަންނެލި ގަންނަ ކުންފުނިތަކުން އެވްރެޖްކޮށް ބޮޑުކަންނެލި ކިލޯއެއް ގަނެފައިވަނީ 42.43ރ އަށެވެ.

ރާއްޖެއިން ބޮޑުކަންނެލި އެންމެ ގިނައިން ބޭރުކުރަނީ ޔޫރަޕްގެ މާކެޓް ތަކަށެވެ. މިގޮތުން ރާއްޖެއިން އެންމެ ގިނައިން ބޮޑުކަންނެލި އެކްސްޕޯޓްކުރާ ސްޕެއިންގެ މާރކަމެޑްރިޑް މާރުކޭޓްގައި ފިނިކުރި ރީނދޫ އުރަހަ ކަންނެލި ކިލޯއެއްގެ އަގު މި ހަފްތާގައި ހުރީ 165 ރުފިޔާއަށެވެ. މިއީ މިދިޔަ ހަފްތާއަށްވުރެ %1.46 ކުރިއެރުމެކެވެ. މިދިޔަ ހަފްތާގައި އެ މާރކެޓްގައި ފިނިކުރި ރީނދޫ އުރަހަ ކަންނެލި ކިލޯއެއް ހުރީ 162 ރުފިޔާއަށެވެ.

ލޯބޮޑު ކަންނެލި ރާއްޖެއިން އެންމެ ގިނައިން ބޭރުކުރާ ޓޯކިޔޯ މެޓްރޮޕޮލިޓަން ނީލަން ބާޒާރުގައި ލޯބޮޑު ކަންނެލި ކިލޯއެއްގެ އަގު މިހަފްތާގައިވަނީ %17.67 ދަށަށް ގޮސްފައެވެ. މިދިޔަ ހަފްތާގައި ޓޯކިޔޯ މެޓްރޮޕޮލިޓަން ނީލަން ބާޒާރުގައި ލޯބޮޑު ކަންނެލި ކިލޯއެއް 377 ރުފިޔާއަށް ހުރިއިރު މިހަފްތާގައި ކަންނެލި ކިލޯއެއް ހުރީ 320 ރުފިޔާއަށެވެ.

ރާއްޖެއިން ފިނިކުރި ކަނޑުމަސް އެންމެ ގިނައިން ބޭރުކުރާ އެއް ޤައުމަކީ ތައިލެންޑެވެ. ފިޝަރީޒް މިނިސްޓްރީން ޢާންމުކޮށްފައިވާ މަޢުލޫމާތަށް ބަލާއިރު، ތައިލެންޑުގެ ބާޒާރުގައި ފިނިކުރި ކަޅުބިލަމަހުގެ އަގު ވަނީ މިދިޔަ މަހާ އަޅާ ބަލާއިރު މިމަހު ދަށަށްގޮސްފައެވެ. މިދިޔަ މަހު އެ ޤައުމުގެ ބާޒާރުގައި ފިނިކުރި ކަޅުބިލަމަސް ޓަނެއް ހުރީ 1،550 ޑޮލަރަށެވެ. މިއީ ދިވެހި ރުފިޔާއިން ބަލާނަމަ، 23،901 ރުފިޔާއެވެ. ނަމަވެސް މިހާރު އެ ޤައުމުގެ ބާޒާރުގައި ފިނިކުރި ކަޅުބިލަމަސް ޓަނެއްގެ އަގު ހުރީ 1،450 ޑޮލަރުގައެވެ. އެއީ ދިވެހި ރުފިޔާއިން ބަލާނަމަ 22،359 ރުފިޔާއަށެވެ.

ރާއްޖޭގައި މަސް ގަންނަ ކުންފުނިތަކުން މަސްގަންނަމުންދަނީ ފިނިކުރި މަސް ކިލޯއެއް 20 ރުފިޔާއަށެވެ. އަދި ފިނި ނުކުރާ މަސް ކިލޯއެއް ގަންނަނީ 18 ރުފިޔާއަށެވެ.