ތަފާތު އެކި ޙަރަކާތްތަކަކާއެކު މަފާންނު މަދަރުސާގެ 34 ވަނަ އަހަރީ ދުވަސް ފާހަގަކުރަން ފަށައިފިއެވެ.
މާފަންނު މަދަރުސާގެ ތިރީސް ހަތަރުވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން އެސްކޫލްގެ ދަރިވަރުންނާއި، ބެލެނިވެރިންނާއި، ޓީޗަރުންނާ ގުޅިގެން ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާ އަހަރީ ދުވަހުގެ ކޭކު ފަޅުއްވައިދެއްވީ މިނިސްޓަރ އޮފް ސްޓޭޓް ފޯރ އެޑިއުކޭޝަން އަޙުމަދު ޝަފީޢުއެވެ.
img:http://s1.psmnews.mv/images/660x400/15186875862988.jpg|މާފަންނު މަދަރުސާގެ 34 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ބޭއްވި ހަރަކާތްތަކުގެ ތެރެއިން / ފޮޓޯ ޕީއެސްއެމް
ތުއްތު ކުދިން ކިޔަވަމުންދާ މި ސްކޫލްގެ އަހަރީ ދުވަހުގެ ޙަރަކާތްތައް ފެށީ އުފާވެރި މާޙައުލެއްގައި ކުޑަކުދިންނާއި ގުޅޭ ޙަރަކާތްތަކަކުންނެވެ.
މިގޮތުން މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް-އެމްއެންޑީއެފާއި ،މާފަންނު މަދަރުސާ ގުޅިގެން މިއަދުގެ ޙަރަކާތްތަށް ކުރިއަށްގެންދަނީ ޕޫލް ޑޭ އެއްގެ ގޮތުގައެވެ.
ޕީއެސްއެމްނިއުސްއަސް މަޢުލޫމާތު ދެއްވަމުން މާފަންނު މަދަރުސާގެ ޕްރިންސިޕަލް އަރުޝަދު އަޝްރަފު ވިދާޅުވީ، ސްކޫލްގެ އަހަރީ ދުވަހުގެ ޙަރަކާތްތައް މިއަދުން ފެށިގެން އަހަރުގެ އެކި ދުވަސްތަކަށް ބަހާލައިގެން ކުރިއަށްގެންދިއުމަށް ރާވާފައިވާކަމަށެވެ.
img:http://s3.psmnews.mv/images/660x400/15186875572234.jpg|މާފަންނު މަދަރުސާގެ 34 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ބޭއްވި ހަރަކާތްތަކުގެ ތެރެއިން / ފޮޓޯ ޕީއެސްއެމް
މި ޙަރަކާތްތަކުގެ ތެރޭގައި ކުދިންގެ ފެންވަރު މަތިކުރުމުގެ ގޮތުން ސްކޫލާއި ބެލެނިވެރިންނާއި އެޑިއުކޭޝަން މިނިސްޓްރީ ގުޅިގެން އެކި ދާއިރާތަކުން ތަފާތު އެކި ޕްރޮގްރާމްތައް ހިންގަން ރާވާފައިވާކަމަށް އަރުޝަދު ވިދާޅުވިއެވެ.
"ފުރަތަމަ ހަރަކާތަކަށް އަޅުގަނޑުމެންނާއި އެމްއެންޑީއެފް ގުޅިގެން މިގެންދަނީ ކުދިންނަށް ޕޫލް ޑޭއެއް. މި ޕޫލްޑޭގައި ސްކޫލް ގޯތިތެރޭގައި ކުދިންނާއި، ޓީޗަރުންނާއި އަދި ބެލެނިވެރިން ކުދިންނާއި އެއްކޮށް މަޖާކޮށް، ފެނާކުޅުމާއި، އެކުދިން އެންޖޯއީ ކުރެވޭނެ ފަދަ ހަރަކާތްތަކެއް ރާވާފައިމިވަނީ. މިއަށްފަހު އަޅުގަނޑުމެން އަހަރީ ދުވަހާއި ގުޅިގެން މި އަހަރުތެރޭގައި އަޅުގަނޑުމެން ތަފާތު އެކި ހަރަކާތްތައް ހިންގުމަށް ރާވާފައިވާނީ. މިގޮތުން އެންމެ ޚާއްޞަ ހަރަކާތެއްގެ ގޮތުން އަޅުގަނޑުމެން މި ފާހަގަކުރަނީ ސްކޫލްގެ އަހަރީ ދުވަހުގެ ފެއަރ. މި ފެއަރ ވަރަށް އަވަސް މުސްތަޤްބަލެއްގައި ޢިއުލާންކޮށް ފެއަރ ބާއްވާނެ ތާރީޚެއް ވަރަށް އަވަހަށް ޢިއުލާން ކުރާނަން." މާފަންނު މަދަރުސާގެ ޕްރިންސިޕަލް އަރުޝަދު އަޝްރަފު ވިދާޅުވިއެވެ.
1984 ވަނަ އަހަރުގެ ފެބްރުއަރީ މަހު ހުޅުވި މި ސްކޫލްގައި މިހާރުވެސް 350 ދަރިވަރުން ތަޢުލީމް ހާޞިލް ކުރަމުންގެންދެއެވެ.