އަންނަ ހޯމަދުވަހު ބޭއްވުމަށް ތާވަލް ކުރި ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާ ފަސްކޮށްފިއެވެ.
ރައީސުލްޖުމްހޫރިއްޔާ މިއަހަރުގެ ރިޔާސީ ބާޔާން އިއްވެވުމަށް ބާއްވާ ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާ މިމަހުގެ 5 ވަނަ ދުވަހު ބޭއްވުމަށް ތާވަލް ކުރުމަށްފަހު ޖަލްސާ ފަސްކުރުމަށް ނިންމަވާފައިވަނީ ސަލާމަތީ ސަބަބުތަކަށްޓަކައި ކަމަށް މަޖިލީހުގެ އިދާރާއިން ބުނެއެވެ. ނަމަވެސް އެކަމުގެ ތަފްސީލެއް ހާމަކޮށްފައެއް ނުވެއެވެ.
އަދި މިއަހަރުގެ ފުރަތަމަ ޖަލްސާ ވީހާވެސް އަވަހަކަށް ބޭއްވުމަށް މަސައްކަތް ކުރަމުންދާކަމަށް މަޖިލީހުގެ އިދާރާއިން ވަނީ ބުނެފައެވެ. ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާ ފަސްކޮށްފައިވަނީ ސުޕްރީމް ކޯޓުން ބުރާސްފަތި ދުވަހު ނެރުނު އަމުރާ ގުޅިގެން ރާއްޖޭގެ ސިޔާސީ މަސްރަޙް ހަލަބޮލިވެފައިވާ ދަނޑިވަޅެއްގައެވެ.
ރައްޔިތުން މަޖިލީހުގެ ބައެއް މެމްބަރުންގެ ގޮނޑި ގެއްލިފައިވާކަމަށް އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވާ ނިންމުން ސުޕްރީމް ކޯޓުން ބުރާސްފަތި ދުވަހުގެ ރޭ ނެރުނު އަމުރުގައިވަނީ ބާތިލުކޮށްފައެވެ.