ވިޔަފާރި

މިދިޔައަހަރު ފީގެ 62% ބަލައިގަތީ އޮންލައިންކޮށް - މީރާ


މިިދިޔަ އަަހަރު ޓެކުހުގެ ގޮތުގައި ބަލައިގަތް ފީގެ 62 އިންސައްތަ އަކީ އޮންލައިންކޮށް ބަލައިގެންފައިވާ ފައިސާކަމަށް މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީން ބުނެފިއެވެ. މިދިޔަ އަހަރު ޓެކުހުގެ ގޮތުގައި މީރާއަށް 15.2 ބިލިއަން ރުފިޔާ ވަނީ ބަލައިގަނެފައެވެ.

މީރާއަށް ދައްކަންޖެހޭ ޓެކުހާއި ފީތައް ދެއްކުމަށް ޢާންމުންނަށް ލުއިފަސޭކޮށްދިނުމުގެ ގޮތުން މިދިޔަ އަހަރުގެ އޯގަސްޓް މަހުގެ ތެރޭގައި މީރާއިން ވަނީ "މީރާ މޯބައިލް އެޕް" ތަޢާރަފްކޮށްފައެވެ. މި އެޕް މެދުވެރިކޮށް އެ އިދާރާއަށް ދައްކަންޖެހޭ ފީތަކާއި ޖޫރިމަނާތައް ދެއްކޭނެ އިންތިޒާމު މީރާއިން ވަނީ ހަމަޖައްސާފައެވެ. 

ޕީއެސްއެމް ނިއުސްއަށް މައުލޫމާތުދެއްވަމުން މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީގެ އެސިސްޓެންޓް ކޮމިޝަނަރ ޖެނެރަލް އެންފޯރސްމަންޓް ޑިޕާރޓްމަންޓް ފާތިމަތު އަމީޒާ ވިދާޅުވީ ޓެކްސް ދައްކާ ފަރާތްތަކަށް ވީހާވެސް ފަސޭހަވާނެ ގޮތަށް އެކަން ކުރެވޭނެ އިންތިޒާމު ހަމަޖައްސަވާފައިވާކަމަށެވެ. މިގޮތުން ޓެކްސްގެ ފައިސާ ބަލައިގަތުމާއި ބަޔާން ހުށަހެޅުމުގެ ފުރުޞަތު މިހާރު އޮންލައިންކޮށް ދެމުންދާއިރު ގިނަ ބަޔަކު އެ ޚދުމަތް ބޭނުންކުރަމުންދާކަމަށެވެ. ފާއިތުވި އަހަރުގެ ތެރޭގައި އެ އިދާރާއިން ބަލައިގަތް ފީގެ 62 އިންސައްތަ އަކީ އޮންލައިންކޮށް ބަލައިގަތް ފީކަމަށް އަމީޒާ ވިދާޅުވިއެވެ.

"މީރާއިންވެސް މަސައްކަތް ކުރަމުން މިދަނީ ޓެކްސް ދައްކާ ފަރާތްތަކަށް ވީހާވެސް ފަސޭހަކޮށްދީގެން ފައިސާތައް ބަލައިގަނެވޭނެ އަދި ބަޔާންތައް ހުށަހެޅޭނެ އިންތިޒާމް ހަމަޖެއްސޭތޯ. މިގޮތުން މިހާރު މިވަނީ މީރާއިން ބަލައިގަންނަ ހުރިހާ ޓެކްސްތަކަކާއި އަދި ބައެއް ފީތައް އޮންލައިންކޮށް ބަލައިގަނެވޭނެގޮތް ހަމަޖައްސާފަ. މިގޮތުން ފާއިތުވި އަހަރު ލިބުނު ޢާމްދަނީގެ 62 އިންސައްތައަކީ އޮންލައިންކޮށް ފައިސާދައްކާފައިވާ ގޮތުން ލިބިފައިވާ ޢާމްދަނީ." މީރާގެ އެސިސްޓެންޓް ކޮމިޝަނަރ ޖެނެރަލް އެންފޯރސްމަންޓް ޑިޕާރޓްމަންޓް ފާތިމަތު އަމީޒާ ވިދާޅުވިއެވެ.

މިދިޔަ އަހަރު ދައުލަތައް ލިބުނު ޢާމްދަނީގެ 80 އިންސައްތަ ހިއްސާކުރަނީ ޓެކުހުގެ ގޮތުގައި ލިބުނު ޢާމްދަނީއެވެ. މިދިޔަ އަހަރު ޓެކުހުގެ ގޮތުގައި މީރާއަށް 15.2 ބިލިއަން ރުފިޔާ ވަނީ ބަލައިގަނެފައެވެ. އަތޮޅުތެރޭގައި ދިރިއުޅޭ ފަރާތްތަކަށް ޓެކްސް ދެއްކުމަށް ފަސޭހަކޮށްދިނުމުގެ ގޮތުން އަތޮޅުތެރޭގެ 12 ޞަރަޙައްދެއްގައި މީރާގެ ކަލެކްޝަން ސެންޓަރުތައް ވަނީ ޤާއިމްކޮށްފައެވެ. އަތޮޅުތެރޭގެ ސެންޓަރުތަކުގެ ތެރެއިން ފާއިތުވި އަހަރު އެންމެ ގިނަ ޢަދަދަކަށް ޓެކްސް ބަލައިގަނެފައިވަނީ އައްޑޫ ސިޓީ ބުރާންޗުންކަމަށް މީރާއިން ބުނެއެވެ.