ޚަބަރު

ހުޅުމާލޭގައި ފިކް ޕޯސްޓްގެ ޚިދުމަތް ތަޢާރަފްކޮށްފި


މޯލްޑިވްސް ޕޯސްޓް ލިމިޓެޑުން ފޯރުކޮށްދޭ ޚިދުމަތް ފުޅާކުރުމުގެ ގޮތުން ހުޅުމާލޭގައި ފިކްޕޯސްޓްގެ ޚިދުމަތްދޭ ސްޓޭޝަނެއް ހުޅުވައިފިއެވެ. ހުޅުމާލޭ ނިރޮޅު މަގުގައި ހުންނަ މި ސްޓޭޝަން ހުޅުވައިދެއްވީ މޯލްޑިވްސް ޕޯސްޓް ލިމިޑެޓްގެ ޗެއާމަން ޚާލިދު އަބްދުﷲއެވެ. 24 ގަޑިއިރު ޚިދުމަތް ލިބޭގޮތަށް ޤާއިމްކޮށްފައިވާ ސެލްފް ސާރވިސް މި ސްޓޭޝަނަކީ ޕޯސްޓް ޑެލިވަރީ ނިޒާމް ހަރުދަނާކޮށް ޒަމާނީފެންވަރަށް ލުއިފަސޭހަގޮތަކަށް ކަސްޓަމަރުންނަށް ޕޯސްޓްގެ ޚިދުމަތް ފޯރުކޮށްދިނުމަށް ޤާއިމްކުރި ސްޓޭޝަނެއްކަމަށް ޕޯސްޓް އޮފީހުން ބުނެއެވެ. މި ޚިދުމަތާއި އެކު ކިއުގައި މަޑުކުރަން ނުޖެހި ޕޯސްޓުން އަންނަ ތަކެތި އަމިއްލައަށް ނަގައިގެން ގެނެދެވޭނެއެވެ. މި ޙިދުމަތުގެ ސަބަބުން ޕޯސްޓުންދޭ ޚިދުމަތްތަކުގެ އިތުބާރާ ޔަޤީންކަން ކުރިމަގުގައި އިތުރުވެގެންދާނެ ކަމަށް ޕޯސްޓް އޮފީހުން ދެކެއެވެ. ހުޅުމާލޭ ޕިކްޕޯސްޓް ސްޓޭޝަން ހުޅުވުގެ ރަސްމިއްުޔާތަށްފަހު ޕީއެސްއެމްއަށް މަޢުލޫމާތުދެއްވަމުން މޯލްޑިވްސް ޕޯސްޓް ލިމިޓެޑްގެ ޖެނެރަލް މެނޭޖަރ މުޙައްމަދު އަޙުމަދު ވިދާޅުވީ، މާލެއާއި، ހުޅުމާލޭގެ އިތުރުން ރާއްޖޭގެ އެހެން ސަރަހައްދުތަކުގައި މިފަދަ ސްޓޭޝަންތައް ޤާއިމްކުރަން މަސައްކަތް ކުރައްވާނެކަމަށެވެ. އަދި ޕިކްޕޯސްޓްގެ ޚިދުމަތަކީ އެކުންފުނިން ފޯރުކޮށްދޭ ޚިދުމަތްތަކުގެ ތެރެެއިން ކަސްޓަމަރުންގެ މެދުގައި އެންމެ މަޤްބޫލް އެއް ޚިދުމަތްކަން އަޙުމަދު މުޙައްމަދު ފާހަގަކުރެއްވިއެވެ.

"މޯލްޑިވްސް ޕޯސްޓްގެ ވިސްނުމަކީ މިފަދަ އެހެން ޚިދުމަތްތައްވެސް ރާއްޖޭގަ ތަޢާރަފްކުރުން. މީގެ މައިގަނޑު އެއްސަބަބަކީ ކަސްޓަމަރުންނަށް ދޭ ޚިދުމަތް އިތުރަށް ފުޅާކޮށް އަދި ފަސޭހަ ނިޒާމެއްގެ ތެރެއިން ޔަޤީންކަމާއެކު ކަސްޓަމަރުންނަށް ޚިދުމަތް ދިނުން. މިގޮތުން ޕިކްޕޯސްގެ ޚިދުމަތްވެސް އަޅުގަނޑުމެން ކުރިއަށްއޮތްތާންގައި ފުޅާކުރުމުގެ ވިސްނުން އެބަހުރި. މާލޭގައިވެސް އަދި އޭގެއިތުރުން އަތޮޅުތެރޭގައިވެސް މިކަމަށް އޮތް ޑިމާންޑަށް ބެލުމަށްފަހު މި ޙިދުމަތް ފުޅާކުރުމުގެ ވިސްނުން އެބަހުރި" ޖެނެރަލް މެނޭޖަރ މުޙައްމަދު އަޙުމަދު ވިދާޅުވިއެވެ.

ދިވެހިރާއްޖެއަށް އެންމެ ފުރަަތަމަ ޕިކްޕޯސްޓްގެ ޚިދުމަތް ތަޢާރަފްކުރީ މިދިޔަ އަހަރުގެ އޮކްޓޫބަރ މަހުގެ 9 ވަނަ ދުވަހުއެވެ. މާލޭގައި ޕިކްޕޯސްޓް ސްޓޭޝަންތައް ޤާއިމްކޮށްފައިވަނީ ވެލާނާގޭގެ އިތުރުން ޕޯސްޓް އޮފީހުގައެވެ.