ބަވަނަވަމުންދާ ދުނިޔޭގައި ދިވެހިންގެ ނަމާއި ޝަރަފް އުފުލާލަދޭނީ މާދަމާއަށް ތައްޔާރުކުރެވިފައިވާ ދިވެހިވަންތަ ދިވެހި ލޭހިނގާ ދިވެހިންކަމަށާއި، އެކަމަށް މަސައްކަތް ކުރަން ޖެހޭނީ މިއަދުކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ.އާޢިޝަތު ޝިހާމް ވިދާޅުވެއްޖެއެވެ.
އެޑިއުކޭޝަން މިނިސްޓަރ މިހެން ވިދާޅުވީ، ދެހާސް ސަތާރަވަނަ އަހަރުގެ އޯލެވެލްގެ އިމްތިޙާނުން ސްކޫލްތަކުން ހޯދާފައިވާ ކާމީޔާބީ ފާހަގަކުރުމަށް ބޭއްވި ޚާއްސަ އެސެމްބްލީއަށް ފޮނުއްވި ޚިތާބުގައެވެ.
މިނިސްޓަރުގެ ޚިތާބުގައި ވިދާޅުވީ ސަރުކާރުގެ މުޅި ވިސްނުމާއި ހަކަތަ އެއްކުރަނީ ދަރިވަރުންގެ ކުރިއެރުމަށްކަމަށެވެ. އަދި މަދުރަސީ ތަޢުލީމުގެ ތެރެއިން ދަރިވަރުންނަށް ލިބެންހުރި ފުރުސަތުތައް އިތުރުކުރާމިންވަރަށް މަތީ ތައުލީމުގެ ފުރުސަތުތައް އިތުރުކޮށް ޢާއްމުކުރަމުންދާކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ. އަދި މި މަސައްކަތުގެ ކާމިޔާބީގެ ކުލަތައް ފެންނަމުންދާކަމަށާއި، ދަރިވަރުންނާއި ބެލެނެވެރިންގެ މޫނުމަތިން ފެންނަ ހިނިތުންވުމަކީ ޤައުމުގެ ކުރިއެރުން ރަމްޒުކޮށްދޭ އަގުހުރި މިސާލެއްކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.
ފަސް މާއްދާއިން ފާސްވި ދަރިވަރުންގެ ނިސްބަތް %77 އަށް އިތުރުވެފައިވާކަން ފާހަގަކުރައްވާ މިނިސްޓަރ ވިދާޅުވީ އެންމެ ކުއްޖަކުވެސް ބާކީ ނުކުރުމުގެ ސިޔާސަތުގެ ދަށުން ތަނަވަސްކޮށްދިން، ފުރުސަތުން ޚާއްސަ އެހީއަށް ބޭނުންވާ ދަރިވަރުންވެސް ޘާނަވީ ތަޢުލީމު ނިންމައި އިމްތިޙާނުން އާދައާ ޚިލާފް ނަތީޖާތައް ހާސިލްކޮށްފައިވާކަމަށެވެ.
އަދި މި ކާމިޔާބުގެ ހަޤީޤީ ޙައްޤުވެރިންނަކީ ސްކޫލްތަކުގެ މުދައްރިސުންނާއި ހިންގުންތެރިންނާއި ދަރިވަރުންގެ ބެލެނިވެރިންކަމަށެވެ. އަދި މި މަސައްކަތުގައި ދަރިވަރުންގެ ދައުރު މިނިސްޓަރ ފާހަގަކުރެއްވިއެވެ.