ސަރުކާރުގެ ބަޖެޓުން ހަރަދުކޮށްގެން ށ ކޮމަންޑޫ ސިއްޙީ މަރުކަޒަށް އަލަށް އިތުރުކުރި ބައި ހުޅުވައިފިއެވެ. ކޮމަންޑޫ ސިއްޚީ މަރުކަޒަށް އަލަށް އިތުރުކުރި ބައި ހުޅުވައިދެއްވީ ހެލްތު މިނިސްޓަރ އަބްދުﷲ ނާޒިމް އިބްރާހީމްއެވެ.
ސިއްޚީ ނިޒާމް ހަރުދަނާކޮށް ރައްޔިތުންނަށް ބޭނުންވާ ސިއްޚީ ކަންކަން ލުއި ފަސޭހަ ގޮތެއްގައި ދިނުމަށް ސަރުކާރުން ގެންދަނީ ބޮޑެތި މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ސިއްޙީ މަރުކަޒުތަކާއި ހޮސްޕިޓަލްތަކުގެ ޖާގަ އިތުރުކުރުމާއި، އެތަން ތަނަށް ބޭނުންވާ އެންމެ ފަހުގެ ޒާމާނީ ވަސީލަތްތައް ޤާއިމުކޮށްދިނުމަށް އެތައް ބިލިއަން ރުފިޔާގެ މަޝްރޫއުތައް އަންނަނީ ހިންގަމުންނެވެ.
ސިއްޚީ ހިދުމަތްދޭ ތަންތަނުގެ ހާލަތު ބައްލަވާލެއްވުމަށާއި، އެތަންތަނަށް ދިމާވެފައިވާ ދަތިތައް އޮޅުން ފިލުއްވުމަށް ހެލްތް މިނިސްޓަރ އަތޮޅުތަކަށް ކުރައްވާ ދަތުރުތަކުގެ ތެރެއިން ށ ކޮމަންޑޫއަށް ވަޑައިގެން އެރަށު ސިއްޚީ މަރުކަޒަށް އިތުރުކުރެވުނު ބައި ވަނީ ހުޅުވާދެއްވާފައެވެ. މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރ ނާޒިމް ވިދާޅުވީ ރާއްޖޭގެ އެކި ކަންކޮޅުތަކުން ފެނިގެންދަނީ ސިއްޙީ ހިދުމަތް ދިނުމަށް އިމާރާތްކޮށްފައިވާ ތަންތަން ވަރަށް ބޮޑަށް ބާވެ ވީރާނާވެފައިވާތަންކަމަށެވެ. އެހެންނަމަވެސް ރައީސް ޔާމީން ވެރިކަމާ ހަވާލުވެ ވަޑައިގެން ފެއްޓެވި މަސައްކަތުން ސިއްޚީ މަރުކަޒުތަކުގެ އާބާތުރަ ފިލުވައި އިމާރާތްތައް އިތުރަށް ބިނާވަމުންދާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.
ށ އަތޮޅުގެ ބައެއް ރައްތަކަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން މިނިސްޓަރވަނީ ކޮމަންޑޫގެ އިތުރުން ށ ޅައިމަގު އަދި މަރޮއްޓަށްވެސް ވަޑައިގެން އެ ރަށްރަށުގެ ސިއްހީ މަރުކަޒުތަކަށް ޒިޔާރަތްކުރައްވާފައެވެ. މީގެ އިތުރުން ސިއްޚީ މަރުކަޒުގެ މުވައްޒަފުންނާ އިސްވެރިންނާއި ރަށު ކައުންސިލަތްކާ ބައްދަލުކުރައްވާ އެފަރާތްތަކުގެ ހުރި ޝަކުވާތައް އަޑުއައްސަވާފައިވެއެވެ. މިނިސްޓަރގެ މި ދަތުރުފުޅުގައި ހެލްތް މިނިސްޓްރީގެ އިސް ބައެއް ބޭފުޅުން ބައިވެރިވެފައިވެއެވެ.