ޚަބަރު

މިހަފްތާގައި މާލޭ މަސްމާރުކޭޓްގައި އެންމެ ގިނައީ ގޮދާ


މި ހަފްތާ ފެށުނުފަހުން މާލޭ މަސްމާރުކޭޓް ފެންނަނީ ވަރަށް ތިޔާގިކޮށެވެ. ޚާއްސަކޮށް ގޮދަޔާއި ބޮޑުކަންނެލި މި ހަފްތާގައި މާރުކޭޓުގައި ގިނަކަން ފާހަގަކޮށްލެވެއެވެ. 

މިދުވަސްވަރަކީ ރާއްޖެއަށް މަސްވެރިކަން ރަނގަޅު ދުވަސްވަރެކެވެ. ޚާއްޞަކޮށް ރާއްޖޭގެ ދެކުނުގެ އަތޮޅުތަކަށް މަސްވެރިކަން ރަނގަޅުކަމަށް ދެކުނުގައި މަސްވެރިން ބުނެއެވެ. މަސްގަންނަ ކުންފުނިތަކުން މަސް ކިލޯއެއް ގަންނަމުންދަނީ ގާތްގަނޑަކަށް ވިހި ރުފިޔާއަށެވެ. މަސްވެރިން ބާނާ މަހަށް ރަނގަޅު އަގު ހޯދުމަށް ރާއްޖޭގެ އެކި ސަރަހައްދުތަކުން މާލެއަށް މަސް ވިއްކަން އާދެއެވެ. މިހަފްތާ ފެށުނުފަހުން މާލޭ މަސްމާރުކޭޓް ފެންނަނީ ވަރަށް ތިޔާގިކޮށެވެ. ސަބަބަކީ ރާއްޖޭގެ ދެކުނުން މަސްބާނައިގެން ބައެއް މަސްވެރިން މާލޭ މަސް މާރުކޭޓަށް މަސްވިއްކަން އައުމުންނެވެ. މަސްމާރުކޭޓުން މިހަފްތާގައި އެންމެ ގިނައިން ހުރީ ގޮދައެވެ. ގޮދާ ކިލޯއެއް އެވްރެޖްކޮށް ވިއްކަނީ ތިރީސް ފަސްރުފިޔާއަށެވެ. އާދައިގެ މަހާއި ކަންނެލި ކިލޯއެއްވެސް އެވްރެޖްކޮށް އުޅެނީ ހަމަ މިއަގުގައެވެ. ކަނޑުމަހުގެ ބާވަތްތަކުގެ އިތުރުން ފަރުމަހުގެ ބާވަތްތައްވެސް މިހަފްތާގައި މާރުކޭޓްގައި ގިނަކަން ފާހަގަކޮށްލެވެއެވެ. ޚާއްސަކޮށް ދިވެހިންގެ މެދުގައި އެންމެ މަޤްބޫލް ފަރުމަހުގެ ބާވަތެއްކަމަށްވާ ރަތްމަސް ގިނައިން ލިބެންހުރިކަން ފާހަގަކޮށްލެވެއެވެ. ބޮޑު ރަތްމަހެއް ހަތަރު ސަތޭކަ ރުފިޔާއަށް ވިއްކާއިރު އާދައިގެ ރަތްމަހެއް ވިއްކަނީ ދުއިސައްތަ ފަންސާސް ރުފިޔާއަށެވެ. އަދި ގަނޑުކޮށް ފަރުމަސް ކިލޯއެއް ވިއްކަނީ ފަންސާހާއި ފަންސާސް ފަސްރުފިޔާއާއި ދެމެދުގެ އަގެއްގައެވެ.