ވިލާގެ ކުންފުނިތަކުގެ ދަށުން ހިންގަމުން އަންނަ ރިސޯޓްތަކަށް ބަނގުރަލާއި އޫރުމަސް ވިއްކުމަށް ވަގުތީ ހުއްދައެއް ދިނުމަށް ސަރުކާރުން ނިންމައިފި.
ޓޫރިޒަމް މިނިސްޓްރީން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ ރާއްޖޭގެ ފަތުރުވެރިކަމަކީ އިޤްތިޞާދުގެ މުހިންމު ސިނާއަތަކަށްވާތީ، ރާއްޖެއަށް ޗުއްޓީ ހޭދަކުރުމަށް އަންނަ ފަތރުވެރިންގެ ހިތްހަމަޖެހުމަށްޓަކައި ފަތުރުވެރިކަމާއި ގުޅުންހުރި ޚިދުމަތްތައް ލިބެންހުރުމަކީ މުހިންމުކަމެއްކަމަށް. އެހެންކަމުން މިފަދަ ޚިދުމަތްތައް މިހާރުތިބި ފަތުރުވެރިންނަށް ލިބިދިނުމަށްޓަކައި އެރިސޯޓްތަކަށް ސާދަ ދުވަހުގެ ވަގުތީ ލައިސެންސެއް ދޫކުރުމަށް އިކޮނިމިކް މިނިސްޓްރީގައި އެދިފައިވާކަމަށް. މިގޮތަށް ސަރުކާރުން ނިންމެވީ، މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ، މަޓީއާއި އެނޫންވެސް މިދާއިރާގެ ފަރާތްތަކާއެކު ކުރެވުނު މަޝްވަރާތަކަށްފަހުކަމަށްވެސް ޓޫރިޒަމް މިނިސްޓްރީގެ ބަޔާނުގައި ބުނެފައިވޭ.
ދައުލަތަށް ދައްކަންޖެހޭ ފައިސާ ނުދައްކައި ރިސޯޓް ތަރައްޤީކުރުމާއި ހިންގުހުމަކީ އެފަރާތްތަކާއެކު ކުރެވިފައިވާ އެއްބަސްވުންތަކާއި ޓޫރިޒަމް ޤާނޫނާއި ޓެކްސް ޤާނޫނުތަކާ ޚިލާފްކަމެއްކަން ފާހަގަކުރައްވާ މި ބަޔާނުގައި ބުނެފައިވަނީ، މިފަދަ ތަންތަނަށް ދެމުންގެންދާ ޚިދުމަތްތައް ފޯރުކޮށްދިނުމުގައި މީރާގެ ރެކޯޑް ޗެކްކުރެވޭކަމަށާއި، މީރާއިންދޭ މަޢޫލޫމާތުގެ މައްޗަށް ބިނާކޮށް ދައްކަންޖެހޭ ފައިސާ ނުދައްކާވާނަމަ ސަރުކާރުންދޭ ޚިދުމަތްތައް މެދުކަނޑާލުމަކީ ގެންގުޅޭ އުސޫލުކަމަށް. އަދި ފަތުރުވެރިންނަށް ދޭންޖެހޭ ޚިދުމަތަކަށް، މިފަދަ ކަމެއްގެ ސަބަބުން ހުރަސްއެޅުމަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް ސީދާ އަސަރު ކޮށްފާނެ ކަމެއްކަމުން، މުޅި ފަތުރުވެރިކަމުގެ ސިނާއަތް ދުޅަހެތޮކަންމަތީ ދެމެހެއްޓުމަށްޓަކައި، ރިސޯޓްތަކުން މި ޤަވާއިދުތަކަށް ހުރުމަތްތެރިކޮށް ހިތުމަކީ މުހިންމުކަމެއްކަން މި ބަޔާނުގައި ފާހަގަކޮށްފައިވޭ. އަދި ރިސޯޓުތަކުން ދައުލަތަށް ދައްކަންޖެހޭ ފައިސާ ޤަވާއިދުން ދެއްކުމަށްވެސް ޓޫރިޒަމް މިނިސްޓްރީގެ ބަޔާނުގައި އިލްތިމާސްކޮށްފައިވޭ.
ވިލާގެ ކުންފުނިތަކުން ހިންގަމުންދާރިސޯޓްތަކުން ކުއްޔާއި ޓެކްސްގެ ގޮތުގައި ދައުކަތަށް ދައްކަންހުރި ފައިސާ ހޯދުމަށް މީރާއިން ކޯޓުގައި ދައުވާކޮށްފައިވާތީ، އެފާއިސާ ދައުލަތަށް ދެއްކުމުންނޫނީ މި މައްސަލައަށް ދާއިމީ ހައްލެއް ލިބިގެންނުދާނެކަމަށާއި، ޤަވާއިދާއެއްގޮތަށް ދައުތަށް ކުއްޔާއި ޓެކްސްގެ ގޮތުގައި ފައިސާ ދައްކަމުންދާ ފަރާތްތަކަށާއި، މުޅި ސިނާއަތަށް މުހިންމުކަމެއްކަމަށް ޓޫރިޒމް މިނިސްޓްރީގެ ބަޔާނުގައިވޭ.
ވިލާ ގްރޫޕަށް ކުއްޔަށްދޫކޮށްފައިވާ ތަންތަނުން ދައުލަތައް ދައްކަންޖެހޭ ޖުމްލަ ފައިސާގެ އަދަދު ދޭއް ޕޮއިންޓް ނުވައެއް ބިލިއަން ރުފިޔާއަށް އަރާކަމަށް ސަރުކާރުން ހާމަކުރޭ.