ވިޔަފާރި

ނޮވެމްބަރު މަހު މަސްކިރުވި އަދަދު އިތުރު އެކްސްޕޯޓް ދަށް


މިދިޔަ އަހަރުގެ ނޮވެމްބަރ މަހު ރާއްޖޭގެ ކުންފުނިތަކަށް މަސް ކިރުވި އަދަދު އިތުރުވިނަމަވެސް މަސް އެކްސްޕޯޓްކުރި މިންވަރާއި މަސް އެކްސްޕޯޓްކޮށްގެން ލިބުނު އާމްދަނީ ދަށަށް ހިގައްޖެއެވެ.

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން އާންމުކޮށްފައިވާ އިޤްތިސާދީ ރިވިއުއިން ދައްކާގޮތުން  2017 ވަނަ އަހަރުގެ ނޮވެމްބަރ މަހު ރާއްޖޭގެ ކުންފުނިތަކަށް 7920 މެޓްރިކް ޓަނު މަސް ކިރުވާފައިވެއެވެ. މިއީ 2016 ވަނަ އަހަރުގެ ނޮވެންބަރު މަހާ އަޅާބަލާއިރު %14 އިތުރު އަދަދެކެވެ. އަދި މިއީ 2016 ވަނަ އަހަރުގެ އޮކްޓޫބަރު މަހާ އަޅާބަލާއިރު %56 އިތުރު އަދަދެކެވެ.

މަހުގެ އެކްސްޕޯޓަށް ބަލާއިރު، މިިދިޔަ އަހަރުގެ އޮކްޓޫބަރު މަހު މަސް އެކްސްޕޯޓްކުރި މިންވަރާއި މަސް އެކްސްޕޯޓްކޮށްގެން ލިބުނު އާމުދަނީ ވަނީ 2016 ވަނަ އަހަރުގެ އެ މުއްދަތާ އަޅާ ބަލާއިރު ދަށްވެފައެވެ. އެގޮތުން މަސް އެކްސްޕޯޓްކޮށްގެން ލިބުނު އާމްދަނީ %18  ދަށްވެފައިވާއިރު، މަސްއެކްސްޕޯޓްކުރި މިންވަރު ވަނީ %38 ދަށްވެފައެވެ.

މަސް އެކްސްޕޯޓް ކުރި މިންވަރާއި އެކްސްޕޯޓްކޮށްގެން ލިބުނު އާމުދަނީ މައިގަނޑުގޮތެއްގައި ދަށްވެފައި ވަނީ ގަނޑުކުރި ކަންނެލި އަދި ގަނޑުކުރި ކަޅުބިލަމަހުގެ އެކްސްޕޯޓް ދަށްވުމާ ގުޅިގެންކަމަށް އެމްއެމްއޭގެ ރިވިއުގައި ބުނެފައިވެއެވެ. ނަމަވެސް ދަޅުގައި ބަންދުކުރި ނުވަތަ ޕެކެޓުކުރި މަހުގެ ބާވަތްތައް އެކްސްޕޯޓްކުރި މިންވަރާއި އަދި އެކްސްޕޯޓް ކޮށްގެން ލިބުނު އާމުދަނީ ވަނީ މި މުއްދަތުގެ ތެރޭގައި އިތުރުވެފައެވެ.

މަހުން މަހަށް ބަލާއިރު، މިިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގައި މަސް އެކްސްޕޯޓްކުރި މިންވަރު ސެޕްޓެމްބަރު މަހާ އަޅާ ބަލާއިރު ވަނީ %88 އިތުރުވެފައެވެ. އަދި އެކްސްޕޯޓްކޮށްގެން ލިބުނު އާމުދަނީ ވަނީ %80 އިތުރުވެފައެވެ. މީގެ މައިގަނޑު ސަބަބަކީ ގަނޑުކުރި ކަޅުބިލަ މަސް އަދި ތާޒާ ނުވަތަ ފިނުކުރި ކަންނެލި އެކްސްޕޯޓްކުރި މިންވަރާއި އެކްސްޕޯޓްކޮށްގެން ލިބުނު އާމުދަނީ އިތުރުވުމެވެ.