ޚަބަރު

ދަރުމަވަންތަ ހޮސްޕިޓަލަށް ބޭނުންވާ މުވައްޒަފުން ހޯދަން ފަށަނީ


ދަރުމަވަންތަ ހޮސްޕިޓަލަށް ބޭނުންވާ މުވައްޒަފުން ހޯދަން ވަރަށް އަވަހަށް އިޢުލާން ކުރާނެކަމަށް އައިޖީއެމްއެޗުން ބުނެފިއެވެ. އެގޮތުން މިހާރު ކުރިއަށްދަނީ އެހޮސްޕިޓަލަށް މުވައްޒަފުން ބޭނުންވާ ދާއިރާތަކާއި ޢަދަދުތަށް ކަނޑައެޅުން ކަމަށާއި މިކަން ފައިނަލްވީހާ އަވަހަށް މުވައްޒަފުން ހޯދަން އިޢުލާން ކުރާނެކަމަށް އައިޖީއެމްއެޗުން ބުނެއެވެ.

ދަރުމަވަންތަ ހޮސްޕިޓަލް އަންނަ ޖުލައިމަހުގެ ނިޔަލަށް ނިންމައި ހުޅުވުމަށް ހެލްތް ސަރުކާރުން ދަނީ މަސައްކަތް ކުރަމުންނެވެ. ރާއްޖޭގެ ސިއްޙީދާއިރާގެ މަލަމަތި ބަދަލުކޮށްލާނެ މި މަޝްރޫޢުއަކީ މިހާތަނަށް ރާއްޖޭގައި ޤާއިމުކުރާ އެންމެ އުސް ޢީމާރާތެވެ. ރާއްޖޭގައި ފުރަތަމަ ފަހަރަށް ފަންސަވީސް ފަންގިފިލައަށް ޢިމާރާތްކުރާ މި ޢިމާރާތުގެ މަސައްކަތް ސިންގަޕޫރުގެ ކުންފުންޏަކާ ހަވާލުކޮށް މަސައްކަތް ފަށާފައިވަނީ 2016 ވަނަ އަހަރުއެވެ.

ޢިމާރާތުގެ ކޮންކްރީޓް ހުރިހާ މަސައްކަތެއް މިދިޔަ އަހަރުގަ ތާވަލަށްވުރެ އެއް މަސައްކުރިން ނިންމާފައިވާއިރު، މިހާރު އެންމެ ބާރަށް ކުރިއަށްދަނީ މެޝިންތައް އިންސްޓޯލްކުރުމުގެ ކުރިން ކުރަންޖޭހޭ އެކިއެކި މަސައްކަތްތަކެވެ. އެގޮތުން އެކިއެކި މެޑިކަލް ގޭސް ހޮޅިތައް އެޅުމާއި ކަރަންޓު ވަޔަރިންގެ ގިނަ މަސައްކަތްތައް މިހާރުވެސް ގެންދަނީ ހުރިހާ ފަންގިފިލައެއްގައި ކުރަމުންނެވެ.

ދަރުމަވަންތަ ހޮސްޕިޓަލްގެ ޚިދުމަތަށް ބޭނުންވާ މެޝިންތަަކާއި އިކުއިޕްމަންޓްތައް އަންނަ މޭ މަހުގެ ނިޔަލަށް އިންސްޓޯލްކޮށް ނިންމާނެ ކަމަށް އައިޖީއެމްއެޗުންބުނެއެވެ. އައިޖީއެމްއެޗްގެ ޑިރެކްޓަރ، ޕަބްލިކް ރިލޭޝަންސް އެންޑް މީޑިއާ އަޙްމަދު މަޢުސޫމް ވިދާޅުވީ ޢިމާރާތަށް ބޭނުންވާ އިކުއިޕްމަންޓްތައް ގެނައުމަށް ބަޔަކާ ހަވާލުކޮށް ފައިވާކަމަށެވެ. 

ދަރުމަވަންތަ ހޮސްޕިޓަލްގެ ޚިދުމަތް ފެށުމަށް ހަމަޖެހިފައިވަނީ އެކި އެކިއެކި ފިޔަވަހިތަކަކަށް ބަހާލައިގެންނެވެ. އެގޮތުން މިއަހަރުގެ ޖުލައި މަހުގެ 26ވަނަ ދުވަހު ހޮސްޕިޓަލް ހުޅުވާއިރު އޯޕީޑީ ނުވަތަ އާއްމުކޮށް ޚިދުމަތްހޯދާ ހުރިހާ ބަލިތަކެއްގެ ޚިދުމަތް ލިބޭނެއެވެ. 

ދަރުމަވަންތަ ހޮސްޕިޓަލްގެ ޚިދުމަތް ފުރިހަމަ ވާއިރު، އެކިއެކި ބޮޑެތި ބަލިތައް ތަޙުލިލުކުރުމާއި ސިއްޙީ ދާއިރާއާއި ގުޅުންހުރި ބޮޑެތި ކޮންފަރެންސްތައް ބޭއްވޭނެ އިންތިޒާމް ހަމަޖެހިގެންދާނެއެވެ. މިއަހަރަށް ކަނޑައަޅާފައިވާ ބަޖެޓުގައި ދަރުމަވަންތަ ހޮސްޕިޓަލްގެ ޢިމާރާތަށާއި ހޮސްޕިޓަލަށް ބޭނުންވާ މެޝިނަރީއާއި ތަކެތި ހޯދުމާއި ޚިދުމަތަށް ބޭނުންވާ ޚަރަދުގެ ގޮތުގައި 818 މިލިއަން ރުފިޔާ ވަނީ ހިމަނާފައެވެ.