ޔޫރަޕްގެ އިއްތިޙާދުގެ ޤައުމުތަކަށް ދިއުމަށް ބޭނުންވާ ޝޭންގެން ވިސާ ރާއްޖެއިން ލިބޭނެ އިންތިޒާމް މިއަހަރު ހަމަޖެހިގެން ދާނެކަމުގެ ޔަޤީންކަން ޔޫރަޕުގެ އިއްތިޙާދުން ދެއްވާފައިވާކަމަށް ރާއްޖެއިން ޔޫރަޕްގެ އިއްތިޙާދަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އަޙުމަދު ޝިޢާން ވިދާޅުވެއްޖެއެވެ. ސަފީރު މިހެން ވިދާޅުވީ ޕީއެސްއެމް ނިއުސްއަށް ދެއްވި އިންޓަރވިއުއެއްގައެވެ.
ޔޫރަޕްގެ ޤައުމުތަކަށް އެތެރެވުމަށް ބޭނުންވާ ވީސާ ރާއްޖޭގައި ތިބެގެން ލިބޭނެ އިންތިޒާމް ހަމަޖެއްސުމަށް މިދިޔަ އަހަރުން ފެށިގެން ދިވެހި ޚާރިޖިއްޔާއިން އަންނަނީ މަސައްކަތް ކުރަމުންނެވެ. އެންމެ ފަހުން ރާއްޖެ ވަޑައިގެންނެވި ޔޫރަޕިއަން ޔޫނިއަންގެ އިސް ވަފްދުގެ ބޭފުޅުންނާ ރާއްޖޭގެ ފޮރިންގ މިނިސްޓްރީއާއެކު ބޭއްވި ބައްދަލުވުން ތަކުގައިވެސް ވަނީ މިކަމަށް ހައްލެއް ގެނައުމަށް މަޝްވަރާ ކުރައްވާފައެވެ. މިކަމާ ގުޅޭ މަޢުލޫމާތު ދެއްވަމުން އިނގިރޭސިވިލާތަށާއި ޔޫރަޕިއަން ޔޫނިއަންނަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އަޙްމަދު ޝިއާން ވިދާޅުވީ، ރާއްޖޭގައި ތިބެގެން ދިވެހިންނަށް ވިސާ ލިބޭނެ އިންތިޒާމް ވަރަށް އަވަހަށް ހަމަޖެހިގެން ދާނެކަމަށާއި މިއަހަރުގެ ތެރޭގައި ފަސޭހަ އިންތިޒާމެއް ހަމަޖެހިގެން ދާނެކަމުގެ ޔަޤީންކަން ލިބިފައިވާކަމަށެވެ. ވިސާގެ ކަންކަމަށް ބޭނުންވާ އިންތިޒާމްތައް އަވަސްކުރުމަށް ކުރެވުނު މަސައްކަތުން ކުރިއަށް އޮތީ އަމަލީ ސިފަ ގެނައުމަށް ކުރަންޖެހޭ ކަންކަންކަމަށް ސަފީރު ވިދާޅުވިއެވެ. ވިސާ ފަސޭހައިން ލިބޭގޮތް ހެދުމުގެ މަސައްކަތުގެ ބޮޑު ބައެއް ކުރިއަށް އޮތް ތިން ހަތަރު މަސްދުވަހުގެ ތެރޭގައި ނިމޭނެކަން ސަފީރު ފާހަގަކުރެއްވިއެވެ.
"އީޔޫއާ އެކު ކުރޭ ހުރިހާ މަޝްވަރާތަކެއްގައި ޝޭންގެން ވިސާ ދިވެހިންނަށް ކޮލޮމްބޯއަށް ނުގޮސް ޖެހޭނެ ގޮތުގެ މަޝްވަރާކުރަން. އީޔޫވަފްދުގެ މިދަތުރުފުޅުގައި އެކަމުގެ ވަރަށް ބޮޑޫ އަޕްޑޭޓެއް ލިބިއްޖެ. ވަރަށް ބޮޑުކުރިއެރުމެއް ލިބިއްޖެ. ތިން ހަތަރު މަހެއްގެ ތެރޭގައި ބޮޑު ބައެއްހަމަޖެހިގެންދާނެ" އަޙުމަދު ޝިޔާން ވިދާޅުވިއެވެ.
ޝިއާން ވިދާޅުވީ، ވިސާގެ ކަނަކަން ލަސްވެގެން އުޅެނީ ޔޫރަޕަށް މިވަގުތު ދިމާވެފައިވާ ބައެެއް މައްސަލަތަކުގެ ސަބަބުންކަމަށެވެ. އެގޮތުން އީޔޫގެ ރެފިއުޖީންގެ މައްސަލައާއި އިމިގްރޭޝަންގެ މައްސަލަތައް އެނާ ފާހަގަ ކުރެއްވިއެވެ. ނަމަވެސް ދިވެހިންނަށް ފަސޭހަގޮތަކަށް ދަތުރުކުރުމުގެ ކަންކަން ހަމަޖެއްސުމަށް ވަރަށް ބޮޑަށް މަސައްކަތް ކުރައްވަމުން ގެންދަވާކަމަށް އޭނާ ވިދާޅުވިއެވެ.
މިހާރުވެސް ފޮރިންގ މިނިސްޓްރީން އަންނަނީ ކޮންމެ އަހަރަކުވެސް އޮގަސްޓްމަހުގެ ތެރޭގައި އީޔޫގެ ވިސާ އޮފިޝަލުން ރާއްޖެގެނެސް ވިސާޖެހޭނެ އިންތިޒާމް ހަމަޖައްސަމުންނެވެ. ޔޫރަޕްގެ ޤައުމުތަކުގައި ތަޢުލީމް ހާސިލްކުރުމަށާއި އެނޫންވެސް ބޭނުންތަކަށް ހަތްސަތޭކައެއްހާ ދިވެހިން ދިރިއުޅެމުންދެއެވެ.