ވޭތުވެދިޔަ ރިޔާސީ އަދި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ސުޕްރީމް ކޯޓުން ނެރުއްވި ގައިޑްލައިންތަކާއި، އޮބްޒާވަރުން ފާހަގަކުރެއްވި ކަންކަމަށް ރިޢާޔަތްކޮށް އިންތިޚާބުތަކާބެހޭ ޤާނޫނަށް ގިނަ އިސްލާޙުތަކެއް ގެންނަވާނެކަމަށް ބަންޑާރަ ނާއިބު އަލްއުސްތާޛް މުޙައްމަދު އަނިލް ވިދާޅުވެއްޖެއެވެ. މި އިޞްލާހުތައް ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގަ ހުށައަޅުއްވުމަށް ދަނީ ޔައްޔާރު ވަމުންނެވެ.
ބަންޑާރަ ނާއިބު އަލްއުސްތާޛް މުޙައްމަދު އަނިލް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރަށް އިންތިޚަބުތަކާބެހޭ ޤާނޫނަށް މުހިންމު ގިނަ އިސްލާޙުތަކެއް ހުށައަޅުއްވާނެކަމަށެވެ. މި އިސްލާޙުތަކުގެ ތެރޭގައި 2013 ވަނައަހަރުގެ ރިޔާސީ އިންތިޚާބަށް ސުޕްރީމްކޯޓުން ނެރުއްވި ގައިޑްލައިންގައި ހިމެނޭ ނުކުތާތަކަށް ރިޢާޔަތްކޮށް ހިމަނުއްވާފައިވާ އިސްލާހުތައް ހިމެނެއެވެ. ސުޕްރީމް ކޯޓުން ނެރުއްވި ގައިޑްލައިންގައި ހިމެނޭކަންކަމަކީ، މިނިވަން އިންސާފުވެރި އިންތިޚާބެއް ބޭއްވުމަށް އިންތިޚާބީ ނިޒާމްގައި ކޮންމެހެން ހުންނަންޖެހޭނެ ނުކުތާތަކެއްކަމަށް ސްޕްރީމް ކޯޓުން ކަނޑައަޅުއްވާފައިވާކަން ފާހަގަކުރައްވާ ބަންޑާރަ ނާއިބު ވިދާޅުވީ އެއީ ބައިނަލްއަޤްވާމީ މިންގަނޑުތަކާވެސް އެއްގޮތް ކަންތައްތަކެއް ކަމަށާއި، އެކަންކަމަށް ޤާނޫނުގެ ތެރެއިން އިތުރު ތަފްސީލް ބޭނުންވާ ކަމަށެވެ. އެހެންކަމުން ސްޕްރީމް ކޯޓުގެ ގައިޑްލައިންގައި ހިމެނޭ ކަންކަން ރިޔާސީ އިންތިޚާބާ ބެހޭ ޤާނޫނާއި، އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނު އަދި ރައްޔިތުންގެ މަޖިލީހުގެ ޤާނޫގައި ހިމަނުއްވާނެކަމަށް ބަންޑާރަ ނާއިބު މުޙައްމަދު އަނިލް ވިދާޅުވިއެވެ. މީގެ އިތުރުން ވޭތުވެދިޔަ ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އޮބްޒާވްކުރި އޮބްޒާވަރުން ފާހަގަކުރެއްވި ކަންކަމަށް ރިޢާޔަތްކޮށް އިންތިޚާބުތަކާބެހޭ ޤާނޫނަށްގެންނަ އިސްލާހުތައް އެކުލަވާލާ މިއަހަރުގެ ފުރަތަމަ ދައުރުގަ މަޖިލީހަށް ހުށެހެޅުއްވާނެ ކަމަށް ބަންޑާރަ ނައިބް ވިދާޅުވިއެވެ.
"މިއަހަރަކީ ރިޔާސީ އިންތިޚާބުގެ އަހަރު. އަދި އަންނަ އަހަރަކީ މަޖިލިސް އިންތިޚާބުގެ އަހަރު ކަމުގައިވާތީ މި ވޭތުވެދިޔަ ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގަ ފާހަގަކޮށްފައިވާ ރިކޮމެންޑޭޝަންގެ މައްޗަށްބިނާކޮށް ފާހަގަކޮށްލެވޭ ކަންކަމަކީ އިންތިޚާބުތަކާ ބެހޭ ޤާނޫަނަށް ގެންނަންޖެހޭ އިސްލާޙުތައްވެސް އެެކުލަވާލާ ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ދައުރުގެ ތެރޭގައި އަޅުގަނޑުމެން ހުށައަޅަނަން" ބަންޑާރަ ނައިބް މުޙައްމަދު ޢަނިލް ވިދާޅުވިއެވެ.
މީގެ އިތުރުން ވޯޓުލާ މީހުން ރަޖިސްޓްރީ ކުރުމުގެ ކަންކަން އިތުރަށް ހަރުދަނާކުރުމުގެ ނިޒާމެއް ގެނައުމަށް އިންތިޚާބުތަކާބެހޭ ޤާނޫނަށް ގެންނަންޖެހޭ އިސްލާހުވެސް ގެންނަވާނެކަން ބަންޑާރަ ނާއިބު ފާހަގަކުރެއްވިއެވެ. އަދި ފައިސާގެ ނުފޫޒް އިންތިޚާބުތަކުގަ ހިންގަމުންދާތީ އެކަން އިތުރަށް ކުށްވެރިކޮށް، އެކަމާއި ގުޅޭ ބޮޑެތި އަދަބުތައް ކަނޑައަޅުމުގެ ބައިތަކާއި، އެކަން ހުއްޓުވުމަށް އަޅާނެ އިތުރު ފިޔަވަޅުތައް ވެސް ޤާނޫަނަށް ގެންވަނާ އިސްލާޙުތަކުގެ ތެރޭގައި ހިމަނުއްވާފަވާކަމަށް ބަންޑާރަ ނާއިބު ވިދާޅުވިއެވެ.
ސަރުކާރުގެ ލެޖިސްލޭޓިވް އެޖެންޑާގައި 200 އެއްހާ ޤާނޫނު ހިމެނޭ އިރު ސަތޭކަ ފަސްދޮޅަަހަށްވުރެ ގިނަ ޤާނޫނު ވަނީ ވޭތުވެދިޔަ ހަތަރު އަހަރުގެ ތެރޭގައި ފާސްކޮށްފައެވެ. މިއަހަރު ހުށައަޅާ އިތުރު ބިލްތަކުގެ ތެރޭގަ ޤާނޫނުލް ޢުޤޫބާތަށް ގެނައިސްލާޙުގެ 2 ބިލަކާއި ޖިނާއީ ޢަދުލުގެ ނިޒާމް ހަރުދަނާކުރުމަށް ހުށައަޅާ ގިނަ ބިލްތަކާއި ކޮރަޕްޝަނާއި ޚިޔާނާތާ ރިޝްވަތު ދިނުން ހުއްޓުވުމަށް ޤާނޫނު ހަރުދަނާކުރުމަށް ހުށައަޅާ ބިލްތަކާއި ކުޑަކުދިންގެ އަދުލުގެ ނިޒާމްގެ ބިލެއް ހިމެނެއެވެ. އަދި އިޤްތިޞާދީ ދައިރާއިން އިންޝިއުއަރަންސް އަދި ރިއަލް އެސްްޓޭޓް ދާއިރާ ފުޅަކޮށް ހަރުދަނާކުރުމާ ބެހޭ ބިލާއި އިތުރު މުހިންމު ބިލްތައް ހިމެނޭކަމަށް ބަންޑާރަ ނާއިބު އޮފީހުން ބުނެއެވެ.