ޚަބަރު

ރާއްޖެ އެތެރެވާ ބޯޓުތަކުގެ ރައްކާތެރިކަމާގުޅޭ ޤަވާޢިދެއް ހަދަނީ


ރާއްޖޭގެ ސަރަޙައްދު ހުރަސްކޮށް ދަތުރުކުރާ ބޭރުގެ ކަނޑުއުޅަނދު ފަހަރުގެ ސަލާމަތާއި ރައްކާތެރިކަމާއި ގުޅޭގޮތުން ޤަވާއިދެއް ހެދުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ޑިފެންސް މިނިސްޓްރީން ބުނެފިއެވެ.

ޑިފެންސް މިނިސްޓްރީން މަޢުލޫމާތުދޭގޮތުގައި، އެ ޤަވާއިދު ހެދުމުގެ މަސައްކަތް މިދިޔަ އަހަރުގެ ތެރޭގައި ވަނީ ފަށާފައެވެ. އެޤަވާއިދުގައި ރާއްޖޭގެ ސަރަހައްދަށް ވަންނަ ބޭރުގެ އުޅަނދު ފަހަރުގެ ސަލާމަތާއި ރައްކާތެރިކަމަށް އެ އުޅަނދު ފަހަރުގައި ބަހައްޓާފައި ހުންނަ ރާއްޖެއަށް ގެނައުންމަނާ ހަތިޔާރާމެދު ޢަމަލުކުރާނެ ގޮތް ކަނޑައެޅިފައި އޮންނާނެއެވެ.

ރާއްޖޭގެ ސަރަޙައްދު ހުރަސްކޮ ދަތުރުކުރާ ބޭރުގެ އުޅަނދު ފަހަރުގެ ސަލާމަތާއި ރައްކާތެރިކަމާއި ގުޅޭ ޚާއްސަ ޤަވާއިދެއް ހެދުމުގެ މަސައްކަތް ޑިފެންސް މިނިސްޓްރީން ކުރަމުން އަންނައިރު މި ދުވަސްވަރަކީ ރާއްޖޭގެ ޚާއްސަ އިޤްތިޞާދީ ކަނޑުގެ ސަރަޙައްދަށް ބޭރުގެ ބައެއް އުޅަނދުފަހަރު ޤަވާއިދާއި ޚިލާފަށް ވަންނަ ދުވަސްވަރެކެވެ.

ޑިފެންސް މިނިސްޓްރީން މިދިޔަ އަހަރުގެ ތެރޭގައި މުހިއްމު ބިލްތަކެއް ޑްރާފްޓްކޮށް އޭޖީ އޮފީހަށް ވަނީ ފޮނުވާފައެވެ. އެގޮތުން ޤައުމީ ސަލާމަތާ ބެހޭ ބިލަކާއި ޒުވާނުންގެ މެދުގައި ޤައުމީ ރޫޙް އާލާ ކުރުމުގެ ބިލެއް ޑްރާފްޓް ކުރުމަށްފަހު އޭޖީ އޮފީހަށް ޑިފެންސް މިނިސްޓްރީން ވަނީ ފޮނުވާފައެވެ. އަދި ސިފައިން ކުރާ ކުށްތައް ތަހްޤީޤްކޮށް އަސްކަރީ އަދުލުގެ ނަމުގައި ބިލެއް ޑްރާފްޓްކޮށް އެޓަރނީ ޖެނެރަލް އޮފީހަށް ވަނީ ފޮނުވާފައެވެ.