ޚަބަރު

މާމިގިނލީ ބައިނަލްއަޤްވާމީ ބަނދަރު އަންނަ މަހު ބޭނުންކުރަނީ


މާމިގިލީގައި ތަރައްޤީ ކުރަމުންދާ ބައިނަލްއަޤްވާމީ ބަނދަރުގެ މަސައްކަތް ނިންމާ އަންނަ މަހު ބޭނުންކުރަން ފަށާނެކަމަށް އެމްޕީއެލްއިން ބުނެފިއެވެ. ޕީއެސްއެމް ނިއުސްއަށްދެއްވި އިންޓަވިއުއެއްގައި އެމްޕީއެލްގެ އެސިސްޓަންޓް ސީއީއޯ ރާބިހު މުޙައްމަދު ވިދާޅުވީ މިހާރު ކުރިއަށްދަނީ އިންވަކި ކުރުމަށްޖަހާ ފެންސް ޖެހުމުގެ މަސައްކަތްކަމަށާއި، މި މަސައްކަތް މިމަހު ފަހުކޮޅު ނިމޭނެކަމަށެވެ.



މާމިގިލި ބަނދަރު ބައިނަލްއަޤްވާމީ ބަނދަތަކަށް ބަދަލުކުރުމުގެ މަސައްކަތް ހާވާލުކޮށްފައިވަނީ މޯލްޑިވްސް ޕޯޓްސް ލިމިޓެޑާއެވެ. 263 މީޓަރުގެ މި ބަނދަރަކީ ރާއްޖޭގައި މިހާތަނަށް ހަދާ އެންމެ ބޮޑު އިންޓަރނޭޝަނަލް ބަނދަރަށް ވާނެއެވެ. މާމިގިލީގައި ބައިނަލްއަޤުވާމީ ބަނދަރެއް ހެދުމަށް ސަރުކާރުން ނިންމީ އެ ސަަރަޙައްދަކީ ރިޒޯޓްތައް ގިނަ ތަރައްޤީގެ ބޮޑެތި މަޝްރޫޢުތައް ކުރިއަށްދާ ސަރަހައްދަކަށް ވާތީއެވެ. މާމިގިލީގައި ތަރައްޤީ ކުރާ ބައިނަލްއަޤުވާމީ ބަނދަރުގެ ސަބަބުން އެ ސަރަޙައްދަށް މުދާ އުފުލަންކުރާ ޚަރަދު ކުޑަވެ، މާލޭ ބަނދަރުގެ ތޮއްޖެހުން ކުޑަވެގެންދާނެކަމަށް އެމްޕީއެލްއިންބުނެއެވެ.



އެމްޕީއެލްގެ އެސިސްޓެންޓް ސީއީއޯ ރާބިޙް މުޙައްމަދު ވިދާޅުވީ ރާއްޖެއިން ބޭރުން މުދާ ބަރުކޮށްގެން އަންނަ އުޅަނދުތަކަށް ސީދާ އެރަށަށް މުދާ ބާލައި ގުދަންކުރުމުގެ ޚިދުމަތް ލިބޭނެކަމަށެވެ. ރާބިޙް ވިދާޅުވީ އެމްޕީއެލްއިން މަސައްކަތް ކުރަމުންދަނީ އަންނަ މަހު ބައިނަލްއަޤްވާމީ ބަނދަރުގެ ހުރިހާ މަސައްކަތް ނިންމާ ޚިދުމަތް ދިނުމަށް ކަމަށެވެ. އޭނާ އިތުރަށް ވިދާޅުވީ މާމިގިލީ ބަނދަރުގެ ސަބަބުން މާމިގިލީގެ އިތުރުން އެ ސަރަޙައްދުގެ ރަށްތަކާއި ރިސޯޓްތަކަށް ބޮޑެތި ކުރިއެރުންތައް ލިބިގެންދާނެކަމަށެވެ. އަދި މި ބަނދަރުގެ ޚިދުމަތް ދޭން ފެށުމުން ވަޒީފާގެ ގިނަ ފުރުސަތުތަކެއް ފަހިވެގެންދާނެކަން އޭނާ ފަހަގަ ކުރެއްވިއެވެ.



މާމިގިލި ބަނދަރުގެ ޚިދުމަތް ފަށާއިރު ބައިނަލްއަޤްވާމީ ޕޯޓަކުންލިބޭ ގިނަ ޚިދުމަތްތަކެއް ލިބޭނެކަމަށް އެމްޕީއެލް އިން ބުނެއެވެ. އެގޮތުން އިމާރާތް ކުރުމަށް ބޭނުންވާ ހިލަޔާއި ހިލަވެލި އަންލޯޑް ކުރުމާއި ފެންޕްލާންޓެއްގެ ޚިދުމަތާއި ކޯލްޑް ސްޓޯރޭޖްގެ ޚިދުމަތްވެސް ލިބޭނެއެވެ.