ވިޔަފާރި

ޕިކްޕޯސްޓްގެ ޚިދުމަތްދޭ 2 ވަނަ ސްޓޭޝަން ހުޅުވައިފި


މޯލްޑިވްސް ޕޯސްޓް ލިމިޑެޓުން ޕިކްޕޯސްޓްގެ ޚިދުމަތްދޭ އިތުރު ސްޓޭޝަނެއް ޕޯސްޓް ބިލްޑިންގގައި ހުޅުވައިފިއެވެ. މޯލްޑިވްސް ޕޯސްޓް ލިމިޓެޑުން ބުނީ މިއީ އެ އިދާރާއިން ފޯރުކޮށްދޭ ޚިދުމަތް ފުޅާކޮށް ތަރައްޤީކުރުމަށް ކުރަމުންދާ މަސައްކަތަށް އިތުރުވި ކަމެއްކަމަށެވެ.

މިތަނުން ހަފްތާގެ ހުރިހާ ދުވަހެއްގައި 24 ގަޑިއިރު ޚިދުމަތްލިބޭނެ އެވެ. ޕޯސްޓް މެދުވެރިކޮށް ރާއްޖެ ގެނެވޭ ތަކެތި ދުވަހުން ދުވަހަށް އިތުރުވަމުންދާއިރު ޕިކްޕޯސްޓް ސްޓޭޝަންތަކުގެ ސަބަބުން ޚިދުމަތް ލިބިގަންނަ ފަރާތްތަކަށް އިތުރު ލުއިފަސޭހަތަކެއް ލިބިގެންދާނެކަމަށް މޯލްޑިވްސް ޕޯސްޓް ލިމިޓެޑުން މައުލޫމާތުދެއެވެ.

މޯލްޑިވްސް ޕޯސްޓް ލިމިޓެޑުން މައުލޫމާތުދޭ ގޮތުގައި މިފަދަ ސްޓޭޝަންތައް މާލޭގެ އެކި ސަރަހައްދުތަކުގައާއި ހުޅުމާލޭގައި ޤާއިމްކުރުމަށްވަނީ ހަމަޖެހިފައެވެ. އެގޮތުން ހުޅުމާލޭގައި ޤާއިމްކުރެވޭ ޕިކްޕޯސްޓް ސްޓޭޝަން ވަރަށް އަވަހަށް ހުޅުވާ ޚިދުމަތްދޭނެކަމަށް ޕޯސްޓް ލިމިޓެޑުން ބުނެއެވެ.

ޕިކްޕޯސްޓްގެ ޚިދުމަތްދޭ ފުރަތަމަ ސްޓޭޝަން މިދިޔަ އަހަރު ދުނިޔޭގެ ޕޯސްޓް ދުވަހުގެ މުނާސަބަތާއި ގުޅުވައިގެން ހުޅުއްވާދެއްވީ މިނިސްޓަރ އޮފް ހޯމް އެފެއާޒް އަޒްލީން އަޙްމަދެވެ. މިސްޓޭޝަން ހުޅުވީ ވެލާނާގޭ އޮފީސް އިމާރާތުގައެވެ.