ޚަބަރު

ސަދަޤާތު ފައުންޑޭޝަންގެ ޚިތާނީ ފެސްޓިވަލް ނިންމާލައިފި


މިދިޔަ އަހަރު ސަދަޤާތު ފައުންޑޭޝަނުން ކުރިއަށްގެންދިޔަ ޚިތާނީ ފެސްޓިވަލް ނިންމާލައިފިއެވެ. މި ފެސްޓިވަލް ނިންމުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ އެމްޑީއޭގެ ލީޑަރު އަޙްމަދު ސިޔާމް މުހައްމަދުއެވެ. މި ރަސްމިއްޔާތުގައި ފަސްޓް ލޭޑީ މެޑަމް ފާތުމަތު އިބްރާހީމާއި ސަރުކާރުގެ އިސްވެރިން ވަނީ ބައިވެރިވެވަޑައިގަންނަވާފައެވެ.

img:http://s1.psmnews.mv/images/660x400/15150086260909.jpg|ހިތާނީ ފެސްޓިވަލް ނިންމާލުމުގެ ރަސްމިއްޔާތުގެ ތެރެއިން

ސަދަޤާތު ފައުންޑޭޝަނުން މިިދިޔަ އަހަރު ކުރިއަށްގެންދިޔަ ޚިތާނީ ފެސްޓިވަލަށް ބޮޑު ތަރުހީބެއް ލިބިގެންގޮސްފައެވެ. ސަދަޤާތު ފައުންޑޭޝަންގެ ޚިތާނީ ފެސްޓިވަލް ކުރިއަށް ގެންގޮސްފައިވަނީ ހުޅުމާލޭ ރެހެންދި ސްކޫލާއި، ގޭޓްވޭ އިންޓަރނޭޝަނަލް ސްކޫލްގައެވެ. މުޅި ޖުމްލަ ފައްސަތޭކަ ކުދިން ބައިވެރިވި މިފަހަރުގެ ޚިތާނީ ފެސްޓިވަލް ނިންމުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ ފެސްޓިވަލްގައި ބައިވެރިވި ކުދިންނާއި ބެލެނިވެރިންނާއި އެކު ފަރުކޮޅުފުށީގައެވެ.

img:http://s2.psmnews.mv/images/660x400/15150086630724.jpg|ހިތާނީ ފެސްޓިވަލް ނިންމާލުމުގެ ރަސްމިއްޔާތުގެ ތެރެއިން

މިރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެމްޑީއޭގެ ލީޑަރު އަޙްމަދު ސިޔާމް ވަނީ ސަދަޤާތް ކުރުމުގެ މުހިންމުކަމާއި އެކަމުގެ މާތްކަމާއި ގުޅޭގޮތުން ވާހަކަދައްކަވާފައެވެ. ސިޔާމް ވިދާޅުވީ އެމީހަކަށް ލިބޭ މިންވަރަކުން ސޮދަގާތް ކުރުމަކީ އޭގެ ބަދަލު އެމީހަކަށް ދެ ދުނިޔެއިން ލިބިގެންދާނެކަމެއްކަމަށެވެ. ސިޔާމް ވިދާޅުވީ ފަސްޓް ލޭޑީ ފާތުމަތު އިބްރާހީމްއަކީ ސޮދަގާތްކުރުމުގައި ލާމަސީލު މިސާލެއްކަމަށެވެ.

މި ފެސްޓިވަލްގައި ބައިވެރިވި ކުދިންނާއި ބެލެނިވެރިން ތިބީ ޚިތާނީ ފެސްޓިވަލުން ލިބުނު ޚިދުމަތްތަކަށް ވަރަށް ބޮޑަށް ހިތްހަމަޖެހިފައެވެ. އެމީހުން ބުނީ މި ފެސްޓިވަލްގެ ސަބަބުން އެ އާއިލާތަކަށް ބޮޑެތި ލުއިތަކެއް ލިބިގެންދިޔަކަމަށެވެ. އަދި މިފަދަ ފެސްޓިވަލްތައް ކޮންމެ އަހަރުކު ބޭއްވުމަކީ މުހިއްމުކަމެއްކަމަށްވެސް މި ފަހަރުގެ ފެސްޓީވަލްގައި ކުދިން ބައިވެރިކުރި ބައެއް ބެލެނިވެރިން ބުންޏެވެ. 

img:http://s4.psmnews.mv/images/660x400/15150086457909.jpg|ހިތާނީ ފެސްޓިވަލް ނިންމާލުމުގެ ރަސްމިއްޔާތުގެ ތެރެއިން

ޞަދަޤާތު ފައުންޑޭޝަނުން ޚިތާނީ ކޭމްޕް ކުރިއަށްގެންދިޔަ މިއީ 2 ވަނަ އަހަރެވެ. އެ ފައުންޑޭޝަނަކީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފާޠިމަތު އިބްރާހީމް އިސްނަންގަވައިގެން އުފައްދާފައިވާ ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމްޢިއްޔާއެކެވެ. އަދި މިޖައްމިޔާއިން ދަނީ ތަފާތު ގިނަ އިޖްތިމާޢީ ހަރަކާތްތައް ހިލޭ ސާބަހަށް ހިންގައި މުޖުތަމަޢުގައި އަޅާލުން ބޭނުންވާ މީހުންނަށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ.