މިދިޔަ އަހަރުގެ ނޮވެމްބަރުމަހާއި އަޅާބަލާއިރު މިއަހަރު ނޮވެމްބަރުމަހު ރާއްޖެއަށް އިންޕޯޓްކުރި މުދަލުގެ އަދަދު ދަށްވެ އެކްސްޕޯޓްކުރި މުދަލުގެ މިންވަރު އިތުރުވެއްޖެއެވެ.
މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ ތަފާސްހިސާބުތައް ދައްކާގޮތުން ފާއިތުވި ނޮވެމްބަރުމަހު ރާއްޖެއަށް އިމްޕޯޓު ކުރެވުނު މުދަލުގެ ސީއައިއެފް އަގު 2016 ވަނަ އަހަރުގެ ނޮވެމްބަރު މަހާ އަޅާބަލާއިރު 5 އިންސައްތަ ވަނީ ދަށްވެފައެވެ. މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ރާއްޖެއަށް 3.2 ބިލިއަން ރުފިޔާގެ މުދާ އިމްޕޯޓްކޮށްފައިވާއިރު މިއަހަރުގެ ނޮވެމްބަރުމަހު މިއަދަދުވަނީ 3.1 ބިލިއަން ރުފިޔާއަށް ދަށްވެފައެވެ. އިމްޕޯޓްކުރި މުދަލުގެ %23 ޔޫ.އޭ.އީ އިން އިމްޕޯޓްކޮށްފައިވާއިރު، ސިންގަޕޫރާއި އިންޑިއާއިން ވަނީ %13 އިމްޕޯޓްކޮށްފައެވެ. އިމްޕޯޓްކުރި މުދަލުގެ %8 ހިއްސާކުރަނީ ޗައިނާއާއި މެލޭޝިއާއިންނެވެ.
ފާއިތުވި ނޮވެމްބަރުމަހު ދިވެހިރާއްޖެއިން އެކްސްޕޯޓު ކުރެވުނު މިންވަރު ވަނީ މިދިޔަ އަހަރުގެ ނޮވެމްބަރުމަހާ އަޅާބަލާއިރު %99 އިތުރުވެފައެވެ. 2016 ވަނަ އަހަރުގެ ނޮވެމްބަރުމަހު 194 މިލިއަން ރުފިޔާގެ މުދާ ރާއްޖެއިން ބޭރުކޮށްފައިވާއިރު މިއަހަރުގެ މިމުއްދަތުގައި، މިއަދަދު ވަނީ 386 މިލިއަން ރުފިޔާއަށް މައްޗަށް ގޮސްފައެވެ.
ދިވެހިރާއްޖެއިން މައިގަނޑުގޮތެއްގައި އެކްސްޕޯޓްކުރަނީ މަހުގެ ބާވަތްތައްކަމަށްވާއިރު މިދިޔަ ނޮވެމްބަރުމަހު އެކްސްޕޯޓްކުރި މުދަލުގެ %36 ތައިލެންޑަށް އެކްސްޕޯޓްކޮށްފައިވާއިރު، %10 އެކްސްޕޯޓްކޮށްފައިވަނީ ފަރަންސޭސިވިލާތާއި، އެމެރިކާއަށާއި އިނގިރޭސިވިލާތަށެވެ.
އިމްޕޯޓު ޑިއުޓީއާއި އެހެނިހެން ފީ ގެ ގޮތުގައި ކަސްޓަމްސަށް ލިބުނު އާމްދަނީ ވަނީ 2016 ވަނަ އަހަރުގެ ނޮވެމްބަރު މަހާއި އަޅާބަލާއިރު ހުސްވި ނޮވެމްބަރުމަހު %2 ދަށްވެފައެވެ. މިއަހަރު ނޮވެމްބަރުމަހު އިމްޕޯޓު ޑިއުޓީއާއި އެހެނިހެން ފީގެ ގޮތުގައި ދަޢުލަތަށް 246 މިލިއަން ރުފިޔާ ލިބިފައިވާއިރު 2016 ވަނަ އަހަރުގެ ނޮވެމްބަރުމަހު ލިބިފައިވަނީ 252 މިލިއަން ރުފިޔާއެވެ.