އދ. ދިއްދޫއަށް ދުވާލު ފޯރުކޮށްދޭ ކަރަންޓަކީ ސޯލާ ޕެނަލް މެދުވެރިކޮށް ފޯރުކޮށްދެވޭ ކަރަންޓަށް ހެދުމަށް މަސައްކަތް ކުރަމުންދާކަމަށް އެރަށުގެ އިންޖީނުގެއިން ބުނެފިއެވެ.
އދ ދިއްދޫ އަކީ ދުވާލުގަޑީގައި ބޭނުންކުރާ ކަރަންޓުގެ ބޮޑު ބައެއް މިހާރުވެސް އިޔާދަކުރަނިވި ހަކަތައިން ބޭނުންކުރަމުން އަންނަ ރަށެކެވެ.
ދިއްދޫ އިންޖީނުގޭގެ އެސިސްޓެންޓް ސްޓޭޝަން މެނޭޖަރ އިބްރާހިމް ޙަސަން ވިދާޅުވީ، ރަށުގައި މިހާރު ހަރުކޮށްފައިހުރި ސޯލާ ޕެނަލްތައް މެދުވެރިކޮށް ދުވާލުގެ ފަހެއް ނުވަތަ ހަ ގަޑިއިރުގެ ކަރަންޓް ފޯރުކޮށްދެމުންދާއިރު، އިތުރު ސޯލާ ޕެނަލް ހަރުކުރެވުމުން ދުވާލުގެ 12 ގަޑިއިރުގެ ކަރަންޓް ސޯލާޕެނަލް މެދުވެރިކޮށް ދޭން ފެށޭނެކަމަށެވެ.
މީގެ ސަބަބުން އާއްމުންނަށް ބޮޑެތި ފަސޭހަތަކެއް ލިބިގެންދާއިރު، އިންޖީނުގެ މެއިންޓެއިން ކުރުމަށްވެސް ލުއިފަސޭހަތަކެއް ލިބިގެންދާކަމަށް ޙަސަން ވިދާޅުވިއެވެ. އަދި ދުވާލުގެ ހުރިހާ ވަގުތެއްގައި ބޭނުންކުރާ ކަރަންޓަކީ ސޯލާ ޕެނަލުން އުފައްދާ ކަރަންޓަށް ހެދުމަށްޓަކައި، އިތުރު ސޯލާ ޕެނަލްތަކެއް ހަރުކުރުމަށް މަޝްވަރާ ކުރަމުންދާކަމަށްވެސް ޙަސަން ވިދާޅުވިއެވެ.
އދ ދިއްދޫ އިންޖީނުގޭގެ އިންޖީން އޮޕަރޭޓަރ ޙުސައިން ނަދީމް ވިދާޅުވީ، ސޯލާޕެނަލްތައް މެދުވެރިކޮށް އުފައްދާ ހަކަތަ ރަށުގެ ކަރަންޓް ވިއުގަޔާއި ގުޅާލާފައިވުމުން، ޖަނެރޭޓަރުތަކަށް މައްސަލަ ދިމާވުންވެސް ކުޑަކަމަށެވެ. އަދި ސޯލާއިން ނަގާ ހަކަތަ ވިއުގައާއި ގުޅުވާލާފައިވަނީ އޮޓެމެޓިކް ސިސްޓަމެއްގެ ދަށުންކަމުން، މި މަސައްކަތްތަކީ މެއިންޓެނެސް ފްރީ މަސައްކަތަކެއްކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ދުވާލު ގަޑީގައި ބޭނުންކުރާ ކަރަންޓުގެ ތިރީސް އިންސައްތައަކީ އިއާދަކުރަނިވި ހަކަތައަށް ހެދުމަކީ ސަރުކާރުގެ އަމާޒެކެވެ.