ކުޅިވަރު

އަންހެނުންގެ ކްރިކެޓް ލީގުގެ ޗެމްޕިއަންކަން ކުނަހަންދޫ ހޯދައިފި


އަންހެނުންގެ ކުރިކެޓް ލީގު ދެވަނަ ލެގުގެ ޗެންޕިއަންކަން ލ.ކުނަހަންދޫ އަންހެން ކުރިކެޓް ޓީމް ހޯދައިފިއެވެ. 

ކުނަހަންދޫ މުބާރާތް ކާމިޔާބުކުރީ ފައިނަލުގައި މާލޭ ކުރިކެޓް ޓީމާ ވާދަކޮށް ހަތަރު ވިކެޓުން ކުރި ހޯދައިގެންނެވެ. މެޗުގައި ޓޮސް ލިބިގެން މާލެ ޓީމުން ކުޅެން އަރާ ހުރިހާ ކުޅުންތެރިން ނުބައިވެގެން ހެދުނީ 47 ލަނޑެވެ. މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިންނަކީ ކުނަހަންދޫގެ ސުމައްޔާ ބިންތި އަބްދުލް ހަމީދު، ހަފްސާ އަބްދުﷲ، ހަލީމަތު ލައިޝާގެ އިތުރުން މާލޭ އަންހެން ކުރިކެޓް ޓީމުގެ ފާތުމަތު ޝަފާ އަދި މަރިޔަމް އީމާންއެވެ. 

މުބާރާތުގެ ޗެންޕިއަންކަން ހޯދުމަށްފަހު ކުނަހަންދޫ އަންހެން ކުރިކެޓް ޓީމުގެ ކޯޗު ކުރީގެ ފުޓްބޯޅަ ކުޅުންތެރިޔާ ލިރުގާމް ސައީދު (ލަރޭ) ބުނީ މުބާރާތައް ތައްޔާރުވާން ލިބުނު މުއްދަތާ އަޅާބައިރު ލިބުނު ކާމިޔާބު ރަނގަޅުކަމަށެވެ. މިމުބާރާތުގެ ސަބަބުން ކުރިކެޓްގައި އަންހެން ކުޅުންތެރިންތަކެއް އުފެދިއްޖެކަމަށާއި، އެހެންނަމެވެސް އެކުދިންނަން ކުރިޔަށް ދިޔުމަށް އިތުރު ތަމްރީން ބޭނުންވާނެކަން ލަރޭ ފާހަގަކުރިއެވެ.

" ތައްޔާރުވާން ލިބުނު ދުވަސްކޮޅާ ބަލާއިރު ލިބުނު ކާމިޔާބީ ރަނގަޅޭ ބުނެވޭނީ. މުބާރާތުގެ ސަބަބުން އިތުރު އަންހެން ކުޅުންތެރިންތަކެއް އުފެދިއްޖެ. މިކުދިންނަށް އަދި އިތުރު ތަމްރީން ބޭނުންވޭ"

މުބާރާތުގެ ދެވަނައަށް ދިޔަ މާލޭ އަންހެން ކުރިކެޓް ޓީމުގެ ކޯޗު މަރިޔަމް ލިއުޝާ ބުނީ ކުޅުންތެރިންގެ ފަރާތުން ކުރިއެރުން ފެނުނުކަމަށެވެ. އަދި ކުރިޔަށްހުރި މުބާރާތްތަކުގައި މިއަށްވުރެން ރަނގަޅު ކުޅުމެއް ފެންނާނެކަމަށް އުންމީދު ކުރާކަމަށް ރާއްޖޭގެ ފުރަތަމަ އަންހެން ކުރިކެޓް ކޯޗު ބުންޏެވެ.

" މުބާރާތުގައި ވަރަށް ރަނގަޅަށް ޓީމު ކުޅެފި. މުބާރާތުގައި ދެވަނަ ލިބުނެއްކަމަކު ޓީމުން ކުރިއެރުންތަކެއް ފެނުނު. އުންމީދަކީ ކުރިއަށް އޮތް ތަނުގައި އަދި މިއަށްވުރެން ރަނގަޅުވެގެން ދިޔުން"

ދިވެހި އަންހެނުންގެ ކުރިކެޓް ލީގުގެ ދެލެގް ކުޅެނިމުނުއިރު ފުރަތަމަ ލެގުގެ ޗެންޕިއަންކަން ހޯދީ ފުވައްމުލަކު އަންހެން ކުރިކެޓް ޓީމެވެ. މި ލީގުގެ ދެލެގުގެ ޗެންޕިއަންނުން ވާދަކުރާ ގްރޭންޑް ފައިނަލް އޮންނާނީ އަންނަ އަހަރުގެ ފެބްރުއަރީ މަހުއެވެ.