މީޑިއާގެ ދާއިރާއިން ކުރިއަށްދާން ބޭނުންވާ ފަރާތްތަކަށް ޚާއްސަކޮށްގެން މޯލްޑިވްސް މީޑިއާ އިންސްޓިއުޓް އެމްއެމްއައިއިން ކުރިއަށްގެންދަން ރާވާފައިވާ ކޯސްތަކަށް ގިނަ އަދަދެއްގެ ޒުވާނުން ޝައުޤުވެރިކަންފާޅު ކޮށްފިއެވެ. ރަސްފަންނު ސަރަޙައްދުގައި މިއަދު ކުރިއަށް ގެންދިޔަ އެމްއެމްއައި އެޑިއުކޭޝަން ފެއަރގައި މޯލްޑިވްސް މީޑިއާ އިންސްޓިޓިއުޓުން އަންނަ ޖެނުއަރީގައި ފެށުމަށް ހަމަޖެހިފައިވާ ކޯސްތަކާ ބެހޭ މަޢޫލޫމާތު ވަނީ ދީފައެވެ. ފެއަރ ހުޅުވާދެއްވީ ޕީއެސްއެމްގެ ޗެއަރމަން އިބްރާހީމް ޢުމަރު މަނިކެވެ. ހަވީރުން ފެށިގެން ރޭގަނޑު ދިހަގަޑި ތިރީހަށް ކުރިއަށް ގެންދިޔަ މި ފެއަރގައި އެމްއެމްއައި އިން ހިންގުމަށް ހަމަޖެހިފައިވާ ކޯސްތަކަށް ކުރިމަތިލާނެ ގޮތާއި ކޯސްތަކުގެ ފީއާއި އެނޫންވެސް މުހިންމު މަޢުލޫމާތު ހިއްސާކޮށްފައިވެއެވެ.
މޯލްޑީވްސް މީޑިއާ އިންސްޓިޓިއުޓްގެ ފަރާތުން މަޢޫލޫމާތު ދެއްވަމުން މުޙައްމަދު ޖިނާޙް ވިދާޅުވީ މީޑިއާގެ ދާއިރާއިން ކުރިއަށްދާން ބޭނުންވާ ތަމްރީނާއި މަތީ ތަޢުލީމްގެ ގިނަ ފުރުޞަތުތަކެއް ޒުވާނުންނަށް ޚާއްޞަކޮށް ފެށުމަށް ހަމަޖެހިފައިވާކަމަށެވެ. އެގޮތުން މެލޭޝިއާގެ ލިމްކޮކްވިންގ ޔުނިވާސިޓީއާއި ގުޅިގެން މަތީ ތަޢުލީމްގެ ކޯސްތަކާއި އެމްއެމްއައި އިން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކޯސްތައް ހިމެނޭކަމަށެވެ. އަންނަ ޖެނުއަރީ އިންޓޭކަށް ހުޅުވާލި މި ކޯސްތަކުގެ ތެރޭގައި ލިމްކޮކްވިންގ ޔުނިވާސިޓީގެ ހަ ކޯހެއް ހިމެނޭ އިރު އެމްއެމްއައިގެ ޚާއްޞަ ކޯސްތައްވެސް ހިމެނެއެވެ. އަދި މި ފެއަރ އަށްފަހުވެސް މި ކޯސްތަކަށް ކުރިމަތިލުމުގެ ފުރުޞަތު އޮންނާނެކަމަށް އެމްއެމްއައި އިން ބުނެއެވެ.
"އަޅުގަނޑުމެން އަންނަ ޖެނުއަރީ އިންޓޭކްގައި ލިމްކޮކްވިންގ ޔުނިވާސިޓީގެ 6 ކޯހެއް އަދި އަޅުގަނޑުމްނެ އެމްއެމްއައިގެ ކޯސްތައްވެސް ހިންގަން. އޭގެ ތެރޭގައި ފައުންޑޭޝަން ލެވެލްގެ ކޯސްތަކާއި ޕްރޮފެޝަނަލް ޑިޕްލޮމާގެ 2 ކޯހަކާއި، ބެޗްލާސްގެ 3 ކޯސް ހިމެނޭ. އޭގެ ތެރޭގައި ބްރޯޑްކާސްޓިންގ ޖަރނަލިޒަމްއާއި، ކޮމިއުނިކޭޝަންއާއި، ސައުންޑް އެންޑް މިއުޒިކްއާއި، ޕަރފޯމިންގ އާރޓްސްއާއި، ޑިޖިޓަލް މީޑިއާއާއި ޑިޖިޓަލް ފިލްމް އެންޑް ޓެލެވިޒަންގެ ދާއިރާގެ ކޯސްތައް ހިމެނޭ." މުހައްމަދު ޖިނާހް ވިދާޅުވިއެވެ.
މޯލްޑިވްސް މީޑިއާ އިންސްޓިޓިއުޓަކީ ޕީއެސްއެމްގެ ޤާނޫނުގެ ދަށުން ތަޢުލީމާއި ތަމްރީންގެ ފުރުޞަތު ތަނަވަސްކޮށްދިނުމަށް އުފައްދާފައިވާ އިންސްޓިޓިއުޓެކެވެ. ވޭތުވެދިޔަ ދެ އަހަރު ދުވަހުގެތެރޭ އެމްއެމްއައިއިން 400 ވުރެ ގިނަ ދަރިވަރުން ދަސްވެނިވެފައިވެއެވެ. މި ފެއަރ އަށް ޒިޔާރަތްކުރި ފަރާތްތަކުގެ މެދުގައި ކުރިއަށްގެންދިޔަ ލަކީޑްރޯއައިން ވަނީ އެމްއެމްއައިގެ ކޯސްތަކުން ޓިއުޝަންފީ ހިލޭ ލިބޭ ކޯހަށް ހޮވުނު ފަރާތާއި ލިމްކޮކްވިންގ ޔުނިވާސިޓީގެ ޕްރޮގްރާމުން ތިރީސް އިންސައްތަ ޑިސްކައުންޓް ލިބުނު ބައިވެރިން ހޮވާފައެވެ.