ރީތި ހިނިތުންވުމަކީ އެންމެންގެ ލޮލުގައިވެސް އަޅައިގަންނަ ސިފައެކެވެ. އަދި ދަތްތަކުގެ ހުދުކަމާއި ރީތިކަމަކީ އެހިނިތުންވުން އިތުރަށް ފުރިހަމަކޮށްދޭ ކަމެކެވެ. އެހެންކަމުން ދަތްތަކުގެ ހުދުކަން ދެމެހެއްޓުމަށް ޚާއްސަ ސަމާލުކަމެއް ކޮންމެ މީހަކުވެސްދެއެވެ. އެހެން ނޫންނަމަ ދަތްތައް ހަޑިވެގެން ކުރިމަތިވެދާނެ މަލާމާތަކީ އެކަކަށްވެސް ހަޖަމްވާނޭކަމެއް ނޫންކަން ޔަޤީނެވެ.
ދަތްތައް ހުދުކޮށް ބެހެއްޓުމަށް ނޫނީ އިތުރަށް ހުދުކޮށް ބެހެއްޓުމަށް ކުރެވިދާނެ ކަންތައްތަކެއް ހުރެއެވެ. މިގޮތުން މިކަންކަމަށް ސަމާލުކަން ދީފިނަމަ ދަތްތައް ހުދުކޮށް، ސާފުކަންމަތީ ބެހެއްޓުމަކީ އުނދަގޫކަމަށް ނުވާނެއެވެ.
1- ދަތް ހުދުކުރުމަށް ބޭކިން ސޯޑާ ބޭނުން ނުކުރުން
img:http://s1.psmnews.mv/images/660x400/15113728701679.jpg|ބޭކިން ސޯޑާއަކީ ދަތްތަކަށް ގެއްލުންތަކެއް ލިބިދާނެ އެއްޗެއް
ބޭކިން ސޯޑާ ބޭނުންކޮށްގެން ދަތް އުނގުޅުމުން ދަތްތައް ހުދުވާކަމަށް ބައެއް ފަރާތްތަކުން ބުނެއެވެ. އެހެން އެކަން ވެދާނެއެވެ. ނަމަވެސް ޞިއްޙީ ތަޖުރިބާކާރުން ލަފާދެއްވާ ގޮތުގައި އެކަން އާއްމުކޮށް ކުރަންވެއްޖެނަމަ ދަތްތަކަށް ގެއްލުންތަކެއް ކުރިމަތިވެދާނެއެވެ. އެގޮތުން ދަތްތަކުގެ ވަށައިގެން ހުންނަ އޮފު ފަށަލަ ބޭކިން ސޯޑާގެ ސަބަބުން ހަލާކުވާނޭކަމަށް ތަޖުރިބާކާރުން ލަފާދެއްވައެވެ. އަދި ބޭކިން ސޯޑާއަކީ ދަތްތައް ވަރުގަދަކުރަން ބޭނުންވާ އެއްވެސް މާއްދާއެއް ހިމެނޭ އެއްޗަކަށް ނުވާތީ ދަތްއުނގުޅަން ޚާއްސަކޮށްފައި ހުންނަ ބޭހުން ލިބޭ އެއްވެސް ފައިދާއެއް ބޭކިން ސޯޑާއިން ނުލިބޭނެއެވެ.
2- ކަޅުކުލަގަދަ ކާނާ ބޭނުންކުރުން މަދުކުރުން
img:http://s3.psmnews.mv/images/660x400/15113729053408.jpg|ކަޅުކުލަ ގަދަ ކާނާއަކީ ދަތްތަކުގައި ލަތްގަނޑު ޖައްސާ އެއްޗެއް
ޗޮކްލެޓަކީ ގިނަ ބަޔަކަށް ވަރަށް މީރު އެއްޗެކެވެ. ބުލޫބެރީއަކީވެސް އެފަދަ އެއްޗެކެވެ. ނަމަވެސް ދަތްތައް ހުދުކޮށް ބަހައްޓަން ބޭނުންނަމަ ޗޮކްލެޓާއި ބުލޫބެރީ އަދި ސޯޔާ ސޯސްފަދަ ކަޅުކުލަގަދަ ތަކެތި ބޭނުންކުރުން މަދުކުރަންޖެހެއެވެ. އެހެންނޫން ނަމަ ދަތްތަކުގައި ލަތްތައް ޖެހުން އިތުރުވާނެއެވެ.
3- ދަތްއުނގުޅާ ބުރުސް ބަދަލުކުރުން
img:http://s4.psmnews.mv/images/660x400/15113729373492.jpg|ދަތް އުނގުޅާ ބުރުސް ގަވާއިދުން ބަދަލުކުރުމަކީ މުހިއްމުކަމެއް
ދަތް އުނގުޅާ ބުރުހަކީވެސް ދަތްތައް ހުދުކޮށް ބެހެއްޓުމަށް މުހިއްމު ދައުރެއް އަދާކުރާ އެއްޗެކެވެ. އެހެންކަމުން ބުރުސް ހަލާކު ނުވަނީސް އާ ބުރުހެއް ހޯދުމަކީ މުހިއްމުކަމެކެވެ. މިގޮތުން ކޮންމެ 3 މަހުން ބުރުސް ބަދަލުކުރުމަށް ތަޖުރިބާކާރުން ލަފާދެއްވައެވެ.
4- އެނާރޖީ ޑްރިންކްސްތަކާއި ދުރުހެލިވުން
img:http://s3.psmnews.mv/images/660x400/15113729725315.jpg|ދަތްތައް ހުދުކޮށް ބެހެއްޓުމަށް އެނަރޖީ ޑްރިންސްއާ ދުރުހެލިވާންޖެހޭ
ކޮފީ ބުއިމުން ދަތްތައް ހަޑިވާ މިންވަރު އެއީ އެންމެނަށްވެސް އެނގޭކަމެކެވެ. ހަމައެއާއެކު އާއްމުކޮށް މިހާރު ޒުވާނުން ބޭނުންކުރާ އެނަރޖީ ޑްރިންކްސްތަކަކީވެސް ކޮފީ ފަދައިން ދަތްތައް ހަޑިވެ، ދަތްތަކަށް ގެއްލުން ލިބޭ އެއްޗެކެވެ.
5- ދަތް އުނގުޅާއިރު ދޫވެސް ސާފުކުރުން
img:http://s4.psmnews.mv/images/660x400/15113730044929.jpg|ދަތް އުނގުޅާއިރު، ދޫވެސް ސާފުކުރުން މުހިއްމު
ގިނަ މީހުން ދަތް އުނގުޅާއިރު، ހަމައެކަނި އުނގުޅާނީ ދަތްތަކެވެ. އެހެންނަމަވެސް ދުލަކީވެސް ދަތްއުނގުޅާއިރު ސާފުކުރުން މުހިއްމު އެއްޗެކެވެ. އެކަމުގެ ސަބަބުން ނޭވާލާއިރު ނުބައި ވަސް ދުވުމުން މީހާ ސަލާމަތްކޮށްދޭނެއެވެ. އަދި ދަތްތަކުގައި ލަތްގަނޑުތައް ޖައްސާ ބެކްޓީރިއާތައްވެސް ނައްތާލާނެއެވެ.
6- އެޕަލް ސިޑަރ ވިނިގަރ
img:http://s4.psmnews.mv/images/660x400/15113730386233.jpg|އެޕަލް ސިޑަރ ވިނިގާރ އިން އަނގަ ދޮވުމުން ފައިދާތަކެއް ކުރޭ
މިއީވެސް ދަތްތަކަށް ފައިދާތަކެއް ލިބޭ އެއްޗެކެވެ. ތިންބައިކުޅަ އެއްބައި ވިނިގަރ އާއި ތިންބައިކުޅަ ދެބައި ފެން އެއްކޮށްލުމަށްފަހު އަނގަ ރަނގަޅަށް ދޮވެލާށެވެ. މިކަމުގެ ސަބަބުން ދަތްތަކުގައި ޖެހިފައި ހުންނަ ލަތްތަކާއި ހިރުގަނޑު އިންފެކްޓްވުމުން މީހާ ސަލާމަތްކޮށްދޭނެއެވެ. އަދި އަނގައިން ނުބައިވަސް ދުވުންވެސް ހުއްޓުވައެވެ.
7-ތާޒާ މޭވާއާއި ތަރުކާރީ
img:http://s4.psmnews.mv/images/660x400/15113730686452.jpg|ތާޒާ މޭވާއާއި ތަރުކާރީއަކީވެސް ދަތްތަކަށް މުހިއްމު އެއްޗެއް
މޭވާއާއި ތަރުކާރީއަކީވެސް ދަތްތަކަށް މުހިއްމު އެއްޗެކެވެ. މިގޮތުން ތާޒާ މޭވާއާއި ނުކައްކާ ހުންނަ ތަރުކާރީ ކެއުމުންވެސް ދަތްތަކުގައި ޖެހިފައި ހުންނަ ލަތްތައް ފިލުވައިދެއެވެ.
8-ހުތްކަންގަދަ ތަކެތި ކެއުމަށްފަހު އަނގަ ދޮވުން
img:http://s4.psmnews.mv/images/660x400/15113730937107.jpg|ހުތްކަން ގަދަ ކާނާ ކެއުމަށްފަހު ރަނގަޅަށް އަނގަ ދޮންނަން ޖެހޭ
އޮރެންޖު އަދި ގްރޭޕްފުރުޓްފަދަ ހުތްކަންގަދަ މޭވާގައި ހިމެނޭ އެސިޑްތަކަކީ ދަތްތައް ހަޑިކުރާ އެއްޗެކެވެ. ނަމަވެސް ދަތްތައް ސާފުކޮށް ބެހެއްޓުމަށް މިފަދަ މޭވާތައް ކެއުން ހުއްޓާލާކަން ނުޖެހެއެވެ. އޭގެ ބަދަލުގައި ހުތްކަން ގަދަ މޭވާ ކެއުމަށްފަހު ރަނގަޅަށް އަނގަ ދޮވުމުން އެކަން ނިމުނީއެވެ.