މެޗުގެ އިތުރު ވަގުތުގެވެސް އެންމެ ފަހު ވަގުތުކޮޅުގެ ތެރޭގައި އަލީ ހައިޝަމް ކާމިޔާބުކުރި ލަނޑު މާޅޮސް ބަލިކޮށް، އުރީދޫ ދިވެހި ޕްރިމިއަރ ލީގު ތާވަލްގެ ހަތަރު ވަނައަށް ތިނަދޫ ޖެހިލައިފިއެވެ.
މެޗު ތިނަދޫ ކާމިޔާބުކުރީ ދޭއް އެކަކުންނެވެ. ފުރަތަމަ ލަނޑު ފުރަތަމަ ހާފް ނިމެނިކޮށް ކާމިޔާބުކޮށްދިނީ އަހުމަދު ރިޒުވާންއެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަޤާމްވެސް ހޯދި ރިޒުވާން އޭރިޔާގެ ބޭރުން ފޮނުވާލި ބޯޅަ އަމާޒުވީ އިރުމަތީ ފަރާތު ކަނަށެވެ. ދެވަނަ ހާފްގައި ކުޅެން ނިކުމެ އެންޖެލް މުނޯޒް މާޅޮސް ޓީމަށް ނަތީޖާ ހަމަހަމަކޮށްދިނީ ތިނަދޫ ހާފްގެ މެދަކާ ހިސާބުން ފޮނުވާލި ބޯޅަ ގޯލްގެ ތެރެއަށް ފޮނުވާލައިގެންނެވެ. އެބޯޅަ ހުރަސް ދަނޑީގައި ޖެހިފައި، ބޭރަށް ނިކުތީ ގޯލްގެ އެތެރޭގައި ފެނުޖެހިފައެވެ. އެލަނޑާމެދު ތިނަދޫގެ އޮފިޝަލުން ކޮންމެވެސް ވަރަކަށް ސުވާލުވެސް އުފެއްދިއެވެ. ތިނަދޫން މެޗުން ތިން ޕޮއިންޓް ހޯދީ މާޅޮސް ކުޅުންތެރިންގެ ސަމާލުކަން ގެއްލިފައި ތިއްބާ އިތުރު ވަގުތުގައެވެ. ގޯލެ އޭރިޔާ ތެރެއަށް ހުރަސްވި ބޯޅަ ހައިޝަމް ގޯލެގެ ތެރެއަށް ފޮނުވާލީ ބޮލުން ޖަހައެވެ. އޭރު މާޅޮސް ކުޅެމުން ދިޔައީ ދިހަ ކުޅުންތެރިންނާއެކުއެވެ. އެއީ އަލީ ވަސީމްއަށް އަނިޔާވެ ބެންޗުގައި ފަރުވާ ހޯދަމުން ދިއުމުންނެވެ.
ތިނަދޫން ދެވަނަ ލަނޑު ޖެހީ އިތުރު ވަގުތުގެ ގޮތުގައި ދެއްކި ހަ މިނިޓް ހަމަވެ އިތުރަށްވެސް ދެމިނިޓް ކުޅުނު ފަހުންނެވެ. މެޗަށްފަހު ތިނަދޫގެ ކޯޗު އަލީ ސުޒޭންގެ ހިތްހަމަ ނުޖެހުން އަމާޒުކުރީ މާޅޮސް ޓީމުން މެޗު ލަސްކުރުމުންނެވެ. ދެވަނަ ހާފްގައި އެކަނިވެސް ދިހަވަރަކަށް ފަހަރު އަށިގަނޑު އަރުވަން ޖެހުނު ކަމަށާއި، މިބޯޅަ ބަލަން ސަޕޯޓަރުން ދަނޑަށް ވަންނަން ނުޖެހޭކަމަށް ސުޒޭން ބުންޏެވެ. އޭނާ ބުނީ ވަގުތު ދުއްވާލަން އޮންނަ ހަމައެކަނި ގޮތަކީ އަށިގަނޑު އެރުވުން ނޫންކަމަށެވެ.
" މާޅޮސްވެސް އައިސް މިލެވެލްގައި ބޯޅަ ކުޅޭތީ އެޕްރެޝިއޭޓް ކުރަންޖެހޭ. އެކަމަކު މިގޮތަށް ކުޅޭނަމަ އެކަން ފާހަގަކުރާކަށް ނުޖެހޭނެ. މިބޯޅަ ބަލަން މީހުން ވަންނާކަށް ނުޖެހޭ ދަނޑަށް. ދެވަނަ ހާފްގައި އެކަނިވެސް ދިހަވަރަކަށް ފަހަރު ސްޓްރެޗަރ އަރުވައިފި. މެޗު ލަސްކުރަން އޮންނަ ހަމައެކަނި ގޮތަކީ ސްޓްރެޗަރ އެރުވުމެއްނޫން. މިކަމާ ކޮންމެސް ބަޔަކު އުޅެން އެބަޖެހޭ " ސުޒޭން ބުންޏެވެ.
ސުޒޭންގެ ވާހަކަތަކާ ގުޅިގެން މާޅޮސް ޓީމްގެ ކޯޗު އަލީ ނިޝްތާރު ބުނީ ރާވައިގެން މެޗު ލަސްކުރަން އޭނާގެ ޓީމުން މަސައްކަތް ނުކުރާ ކަމަށާއި، ލަސް ކުރުމަކީވެސް ފުޓްބޯޅައިގެ ބައެއްކަމަށެވެ. އަދި މެޗުން ތިނަދޫ މޮޅުވަންދެން ކުޅުނީކަމަށްވެސް އޭނާއަށް ހީވާކަމަށެވެ.
" ކުޅުންތެރިން ވަރަށް ހިތްވަރު ކުރި. އަޅުގަނޑުމެން ރާވައިގެން މެޗު ލަސްކުރާކަށް މަސައްކަތެއް ނުކުރަން. މެޗު ލަސްކުރުމަކީވެސް ޕާރޓް އޮފް ފުޓްބޯލް. ހީވާކަހަލަ އެމީހުން މޮޅުވަންދެން މިއަދު ކުޅުނީއޭވެސް. އިތުރަށް ހަމިނިޓް ދައްކާފަ އެއަށްވުރެވެސް އިތުރަށް ކުޅުނު. އޯލްމޯސްޓް ދިހަ މިނިޓް ކުޅުނު. ޔަޤީނުންވެސް ކުޅުންތެރިއަކު ވެއްޓިގެން ހަތަރު މިނިޓެއް ނުދާނެ " ނިޝްތާރު ބުންޏެވެ.
ކޮންމެ ޓީމަކަށްވެސް ދެން ލީގުގައި އޮންނާނީ އެއް މެޗެވެ.