ރިޓަޔަމަންޓް ޕެންޝަން ސްކީމްގައި މިހާރު ބައިވެރިކޮށްފައިވާ ބިދޭސިންނަށް މި އެޕްރީލް މަހުގެ ފައިސާ ދައްކަން ނުޖޭހެނެކަމަށް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުން ބުނެފިއެވެ.
ޕެންޝަނާބެހޭ އޮފީހުން ބުނީ އެޕްރީލް މަހުގެ ފައިސާ ދައްކަން ނުޖެހޭކަން ވަޒީފާ ދޭ ފަރާތްތަކަށް މިހާރު އަންގާފައިވާކަމަށާއި ސްކީމްގައި ބައިވެރި ނުކުރެވޭނެކަން ވަޒީފާ ދޭ ފަރާތްތަކަށް އަންގާނީ މިހާރު މަޖިލީހުން ފާސްކޮށްފައިވާ އިސްލާހް ތަސްދީގުކުރުމުންކަމަށެވެ.
ރިޓަޔަރމަންޓް ޕެންޝަން ސްކީމުގައި ބިދޭސީން ބައިވެރިކުރުމަކީ އިޚްތިޔާރީ ކަމެއްގެ ގޮތުގައި ހެދުމަށް ރައްޔިތުންގެ މަޖިލީހުން މި ހަފްތާގެ ކުރީކޮޅުގައި ވަނީ ފާސްކޮށްފައެވެ.
ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުން ބުނީ މި ސްކީމްގައި ބިދޭސިން ބައިވެރިކުރުން އިޚްތިޔާރީކަމަކަށް ހެދިޔަސް މިހާރު ސްކީމްގައި ބައިވެރިކޮށްފައިވާ ފަރާތްތަކަށް ފައިސާ ދޫކުރޭވޭނީ އެ އޮފީހުން ތައްޔާރުކޮށްފައިވާ އުސޫލްގެ ދަށުންކަމަށެވެ. އެގޮތުން ބިދޭސި މުވައްޒަފުން އެއްކޮށް ރާއްޖެ ދޫކޮށްދާއިރު އެ ފައިސާ ގަނޑުކޮށް ދޭގޮތަށް ހަމަޖެހިފައިވާކަމަށް ޕެންޝަނާ ބެހޭ އޮފީހުން ބުނެއެވެ.
ރިޓަޔަރމަންޓް ޕެންޝަން ސްކީމްގައި ހަތްހާސް ނުވަސަތޭކައަށް ވުރެ ގިނަ ބިދޭސިން ބައިވެރިކޮށްފައިވާކަމަށް ޕެންޝަން އެޑްމިނިސްޓްރޭޓިވް އޮފީހުން ބުނެއެވެ.