ޚަބަރު

ލަންކާގައި ކިޔަވާ ދަރިވަރުންނަށް ޚާއްޞަ ޑިސްކައުންޓް ކާޑެއް


ރާއްޖޭން ބޭރުގައި ތަޢުލީމް ޙާސިލްކުރާ ދިވެހި ދަރިވަރުންގެ ނިސްބަތުން އެންމެ ގިނަ އެއް ޤައުމަށް އަވައްޓެރި ސްރިލަންކާ ވެގެންދާނެއެވެ.

ތައުލީމް ހާސިލްކުރުމުގެ ރާއްޖެއިން ބޭރުގައި ދިރިއުޅޭ ދިވެހިންގެ އާބާދީ އެންމެ ބޮޑު އެއް ޤައުމަކީވެސް ލަންކާއެވެ. އަދި ފަހަކަށް އައިސް ބޭސްފަރުވާއަށް އެންމެ ގިނައިން ދިވެހިން ދާ ޤައުމުތަކުގެ ލިސްޓްގެ އެންމް ކުރީގައިވެސް ލަންކާ ހިމެނެއެވެ.

ލަންކާގައި ކިޔަވަމުންދާ ދިވެހި ދަރިވަރުންނަށް އެހީތެރިކަން ދިނުމަށް ސަރުކާރުން އެކި މަސައްކަތްތައް ކުރަމުންދާއިރު ލަންކާގައި ކިޔަވާ ދިވެހި ދަރިވަރުން ގުޅިގެންވަނީ "މޯލްޑިވިއަން ސްޓޫޑެންޓްސް ކޮމިއުނިޓީ"ގެ ނަމުގައި ޖަމްޢިއްޔާއެއް އުފައްދާފައެވެ. މި ޖަމްޢިއްޔާއިންވެސް ދަނީ ދިވެހި ދަރިވަރުންނަށް އެކި ޚިދުމަތްތައް ދެމުންނެވެ. މި މަސައްކަތުގެ ދަށުން ދިވެހި ދަރިވަރުންނަށް ޚާއްސަކޮށްގެން ޑިސްކައުންޓް ކާޑެއް ތަޢާރަފުކުރުމުގެ މަސައްކަތް އެ ޖަމްއިއްޔާއިން ދަނީ ކުރަމުންނެވެ.

އެމް.އެސް.ސީ އަކީ ކޮލަމްބޯ އިންސްޓިޓިއުޓް އޮފް ރީސާރޗް އެންޑް ސައިކޮލޮޖީގައި ކިޔަވާ ދިވެހި ދަރިވަރުންތަކެއްގެ އިސްނެގުމާއެކު އުފައްދާފައިވާ ޖަމްޢިއްޔާއެކެވެ. މިދިޔަ އޮކްޓޯބަރު މަހުގެ 27 ވަނަ ދުވަހު ވުޖޫދަށް އައި މި ޖަމްޢިއްޔާއަކީ ސްރީލަންކާގައި ތަޢުލީމް ހާސިލްކުރާ ދިވެހި ދަރިވަރުންގެ މެދުގައި ގުޅުން ބަދަހިކޮށް ދިވެހި ދަރިވަރުންނާއި ލަންކާގެ މުޖުތަމަޢާ ދެމެދު، މެދުވެރިއެއްގެ ދަޢުރު އަދާކުރުމުގެ މަޤުޞަދުގައި އުފައްދާފައިވާ ޖަމްޢިއްޔާއެކެވެ.

އެމް.އެސް.ސީއިން މިވަގުތު އެންމެ ބޮޑު އިސްކަމެއްދީގެން ކުރަމުން އަންނަ މަސައްކަތަކީ ތަފާތު ޚިދުމަތްތަކުން ޑިސްކައުންޓް ލިބޭނެހެން ތައްޔާރުކުރާ އެޖަމްޢިއްޔާގެ މެމްބަރޝިޕް ކާޑުގެ މަސައްކަތެވެ. މިކާޑުން އާއްމުކޮށް ދިވެހި ދަރިވަރުން ޚިދުމަތް ހޯދާ ގިނަ ކެފޭ، ރެސްޓޯރެންޓްފަދަ ތަންތަނާއި، ހޮސްޕިޓަލާއި ލަންކާގެ އެތެރޭގެ ދަތުރުފަތުރާއި ބައެއް އެއަރލައިންތަކުންވެސް ޑިސްކައުންޓް ލިބިގެންދާނެކަމަށް އެމް.އެސް.ސީއިން ބުނެއެވެ.

img:http://s2.psmnews.mv/images/660x400/15099842238125.jpg|

ޕީއެސްއެމް ނިއުސްއަށް ދިން ޚާއްސަ އިންޓަރވިއުއެއްގައި އެ ޖަމްޢިއްޔާގެ ނާއިބު ރައީސް ޔޫސުފް މިސްބާޙު ވިދާޅުވީ، ސްޓޫޑެންޓް ވިސާގައި ލަންކާގައި ތަޢުލީމް ޙާސިލްކުރާ ކޮންމެ ދިވެހި ދަރިވަރަކަށްވެސް އެ ޖަމްޢިއްޔާގައި ރަޖިސްޓަރީވުމުން މި ކާޑު ލިބިގެންދާނެކަމަށެވެ. އަދި މި ކާޑު ތައްޔާރުކުރުމުގެ މަސައްކަތް ކޮށްފައިވަނީ އިންޓަރނޭޝަނަލް ސްޓޫޑެންޓް އައިޑެންޓިޓީ ކާޑް، އައި.އެސް.އައި.ސީ އެސޯސިއޭޝަނާއި ގުޅިގެންކަމަށެވެ. މި މަސައްކަތް ކުރުމުގައި ލަންކާގައި ހުންނަ ރާއްޖޭގެ އެމްބަސީގެ ފަރާތުން ބޮޑު އެއްބާރުލުމެއް ލިބިފައިވާކަމަށްވެސް މިސްބާޙު ވިދާޅުވިއެވެ.

އައި.އެސް.އައި.ސީއަކީ ކިޔަވާ ދަރިވަރުންނަށް ޚާއްސަކޮށްގެން ތަފާތު އެކި ޙިދުމަތްތަކުން ޑިސްކައުންޓް ލިބޭނެ އިންތިޒާމް ހަމަޖައްސައިދިނުމަށް ހިލޭ ސާބަހަށް މަސައްކަތް ކުރާ ބައިނަލްއަޤްވާމީ ޖަމްޢިއްޔާއެކެވެ. އެގޮތުން އެ ޖަމްޢިއްޔާއިން މިހާރުވެސް އަންނަނީ ދުނިޔޭގެ 130 ޤައުމެއްގައި މިފަދަ ޑިސްކައުންޓްތައް ލިބޭނެހެން ސްޓޫޑެންޓް އައި.ޑީ ކާޑުތައް ތަޢާރަފުކޮށްފައެވެ. އަދި ދުނިޔޭގެ ފެންވަރުގައިވެސް ބަލައިގެންފައިވާ ހަމައެކަނި ސްޓޫޑެންޓް އައި.ޑީ ކާޑު އުފައްދާފައިވަނީވެސް މި ޖަމްޢިއްޔާއިންކަން ފާހަގަކޮށްލެވެއެވެ. އަދި މިއީ އދ. ގެ އެޑިއުކޭޝަނަލް، ސައިންޓިފިކް އެންޑް ކަލްޗަރަލް އޯގަނައިޒޭޝަން، ޔުނެސްކޯއިން އެންޑޯރޒްކޮށް، ދުނިޔޭގެ ނަން މަޝްހޫރު ކޮލެޖްތަކާއި ޔުނިވަރސިޓީތަކާއި، މާލީ އިދާރާތަކާއި، ސްޓޫޑެންޓް ޔޫނިއަންތަކުން ވަރަށް ބޮޑަށް ބަލައިގެންފައިވާ ކާޑެއްވެސްމެއެވެ.

އެމް.އެސް.ސީގެ މެމްބަރޝިޕް ކާޑެއްގެ ގޮތުގައި ތަޢާރަފުކުރާ މިކާޑުގެ އެންމެ ޚާއްސަކަމަކީ، ސްރީލަންކާގެ އިތުރުން، އައި.އެސް.އައި.ސީ ބަލައިގެންފައިވާ ދުނިޔޭގެ ކޮންމެ ޤައުމަކުންވެސް މި ކާޑުގެ އެހީގައި ތަފާތު ޙިދުމަތްތަކުން ދަރިވަރުންނަށް ޑިސްކައުންޓް ލިބިގެންދިއުންކަމުގައި އެ ޖަމިއްޔާއިން ބުނެއެވެ. މި ކާޑު ބޭނުންކުރާ ދަރިވަރުންނަށް އައި.ޓީގެ އުފެއްދުންތަކަށް ޚާއްސަ ކުންފުންޏެއްކަމަށްވާ އައި.ބީ.އެމް އަދި މައިކްރޯސޮފްޓް އޮންލައިން ސްޓޯރ މެދުވެރިކޮށް 90 އިންސައްތަ ޑިސްކައުންޓް ލިބިގެންދާނެއެވެ. އަދި ހަމައެކަނި ލަންކާއަށް ބަލާލިކަމުގައިވިޔަސް އާއްމުކޮށް ދިވެހިން ގޮސް އުޅޭ ކެފޭ ރެސްޓޯރެންޓްތަކާއި، ބައެއް ފިހާރަތަކާއި ހޮސްޕިޓަލްތަކުން %10 އާއި %30 އާ ދެމެދުގެ ޑިސްކައުންޓެއް ދިނުމަށް މިހާރުވެސް އެއްބަސްވެފައިވާކަމަށް މޯލްޑިވިއަން ސްޓޫޑެންޓްސް ކޮމިއުނިޓީއިން މަޢުލޫމާތުދެއެވެ. އަދި އިތުރު ފަރާތްތައް މެދުވެރިކޮށްވެސް ދަރިވަރުންނަށް ޑިސްކައުންޓް ލިބޭނެ އިންތިޒާމް ހަމަޖެއްސުމަށްޓަކާ މަސައްކަތް ކުރަމުންދާކަމަށްވެސް އެ ޖަމްޢިއްޔާއިން ބުނެއެވެ.

މި ކާޑު ރަސްމީކޮށް ލޯންޗް ކުރުމަށް ހަމަޖެހިފައިވަނީ މިމަހުގެ ފަހުކޮޅު ކަމަށާއި، އެމް.އެސް.ސީގައި ރަޖިސްޓްރީވުމުގެ ފުރުޞަތު ކުރިއަށް އޮތް ހަފްތާ ތެރޭގައި ހުޅުވާލާނެކަމަށްވެސް އެ ޖަމްޢިއްޔާއިން މަޢުލޫމާތުދެއެވެ.