ޚަބަރު

ކާޑެއްދޫ އެއަރޕޯޓު އަތުލީ ބަންދުކުރަންޖެހޭ ހިސާބަށް ދިއުމުން


ކާޑެއްދޫ އެއަރޕޯޓް ހިންގަން ވިލާ އެއަރ އެކު ހަދާފައިވާ އެއްބަސްވުން އުވާލުމަށްފަހު ސަރުކާރަށް ނަގަންޖެހުނީ އެ އެއާރޕޯޓް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ނުފެތޭތީ އެއާރޕޯޓް ބަންދުކުރަންޖެހޭ ހިސާބަށް ދިޔުމުންކަމަށް ސަރުކާރުން ބުނެފިއެވެ.

ކާޑެއްދޫ އެއަރޕޯޓާއި ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ފިނޭންސް މިނިސްޓަރުގެ ނާއިބް ޢަބްދުލް ޙަލީމް ޢަބުދުއްރައްޒާގް ވިދާޅުވީ އެ އާއަރޕޯޓް ސަރުކާރަށް ނަގަންޖެހުނީ ވަސީލަތުގެ ގޮތުން އެއާރޕޯޓްގެ ކަންކަން ބައިނަލްއަގުވާމީ މިންގަޑުތަކަށް ނުފެތޭ ހިސާބަށް ދިޔުމުންކަމަށެވެ. އެއާރޕޯޓު ހިންގުމާއި ސަރުކާރުން ހަވާލުވެފައިވާއިރު ރައްޔިތުންގެ މަޖިލީހަށް ހުށައަޅާ ފާސްކޮށްފައިވާ 493 މިލިޔަންރުފިޔާގެ ސަޕްލިމަންޓްރީ ބަޖެޓުގެ ތެރެއިން 40 މިލިޔަން ރުފިޔާ ކާޑެއްދޫ އެއަރޕޯޓް ތަރައްޤީކޮށް ހިންގުމަށް ވަނީ ކަނޑައަޅާފައެވެ.

ހަލީމް ވިދާޅުވީ އެކި ސަބަބުތަކާހުރެ ދުރާލާ ރާވާފައި ނުހުންނަ ކަންކަން ސަޕްލިމަންޓްރީ ބަޖެޓްގައި ހިމަނަންޖެހުނުކަމަށެވެ. މިގޮތުން ރައްޔިތުންގެ މަޖިލީހުގެ ބައި އިލެކްޝަނާއި ކާޑެއްދޫ އެއާރޕޯޓް ހިންގުމަށް ހިނގާނެ ހަރަދުތައް ބަޖެޓްގައި ހިމަނަންޖެހުނުކަން ހަލީމް ފާހަގަކުރެއްވިއެވެ. ބަޖެޓްގެ ތާށިކަމުން ރައްޔިތުންނަށް ލިބެންޖެހޭ އެއްވެސް ޙިދުމަތަކަށް ބުރޫއެރިޔަ ނުދިނުމަށް ރައްޔިތުންގެ މަޖުލީހަށް ސަޕްލިމަންޓްރީ ބަޖެޓެއް ހުށައެޅީ އޮންނަ އިޖުރާއަތްތަކުގެ ތެރެއިން ކަމަށް ޙަލީމް ވިދާޅުވިއެވެ.

ސަޕްލިމަންޓްރީ ބަޖެޓްގެ ގޮތުގައި ރައްޔިތުންގެ މަޖުލީހުން ފާސްކޮށްފައިވަނީ 493 މިލިޔަންރުފިޔާއެވެ. އޭގެ ތެރެއިން 26 މިލިއަން، ބައިއިލެކްޝަންތަކަށް ކަނޑައަޅާފައިވާ އިރު ސިއްހީ ދާއިރާއަށް ދެމުންދާ ހިދުމަތްތައް މެދު ނުކެނޑި ކުރިއަށް ގެންދިއުމަށް 330 މިލިއަން ރުފިޔާ ހިމަނާފައިވެއެވެ. އަދި ކާޑެއްދޫ އެއާޕޯޓް ހިންގުމާ ސަރުކާރުން ހަވާލުވުމާ ގުޅިގެން ހިމަނާފައިވާ 40 މިލިއަން ރުފިޔާ އާއި ސްކޫލް ޑިޖިޓަލައިޒޭޝަން މަޝްރޫއުތަކަށް ބޭނުންވާ 70 މިލިއަން ރުފިޔާގެ އިތުރުން އެހެނިހެން ހަރަދުތަކަށް 27 މިލިއަން ރުފިޔާ ބަޖެޓްގައި ހިމަނާފައިވެއެވެ. 

ސަޕްލިމެންޓްރީ ބަޖެޓު މަޖިލީހުން ފާސްކުރުމާ ގުޅިގެން މިއަހަރަށް ދައުލަތުން ހަރަދު ކުރި ފައިސާގެ ޖުމްލަ އަދަދު 27.1 ބިލިއަނަށް އަރާއިރު ރާއްޖޭގެ ތާރީޙުގައި ނުހިނގާފަދަ ބިޔަ ބޮޑެތި ގިނަ މަސްރޫއުތަކެއް ސަރުކާރުން މިހާރު ދަނީ ހިންގަމުންނެވެ.