ވިސާއަކާ ނުލާ ޔުނައިޓެޑް ޢަރަބް އެމިރޭޓްސް، ޔޫއޭއީއަށް ދިވެހިންނަށް ދަތުރުކުރެވޭނެ އިންތިޒާމް އަންނަ އަހަރުގެ ތެރޭގައި ހަމަޖެއްސުމަށް މަސައްކަތްކުރައްވަމުން ގެންދަވާކަމަށް ފޮރިންގ މިނިސްޓަރ ޑރ.މުޙައްމަދު ޢާޞިމް ވިދާޅުވެއްޖެއެވެ.
މިނިސްޓަރ މިހެން ވިދާޅުވީ، ޔޫއޭއީއަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ތެރެއިން ދެޤައުމުގެ ދެމެދު ވެވުނު އެއްވަސްވުންތަކާ ގުޅޭގޮތުން ޕީއެސްއެމް ނިވްސްއަށް ދެއްވި ޚާއްޞަ އިންޓަރ ވިއުއެއްގައެވެ.
ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ޔުނައިޓެޑް ޢަރަބް އެމިރޭޓްސްއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި ވަނީ ރާއްޖޭގެ ޑިޕްލޮމެޓިކް ޕާސްޕޯޓް ގެންގުޅޭ ފަރާތްތަކަށް ވިސާއަކާ ނުލާ ޔޫއޭއީއަށް ދަތުރުކުރެވޭނެ އެއްބަސްވުމެއްގައި ސޮއިކުރައްވާފައެވެ.
މި އެއްބަސްވުމާގުޅޭގޮތުން ޕީއެސްއެން ނިއުސްއަށް ދެއްވި ޚާއްޞަ އިންޓަރވިއުއެއްގައި ފޮރިންގ މިނިސްޓަރ ޑރ.މުޙައްމަދު ޢާޞިމް ވިދާޅުވީ، ދުނިޔޭގެ ބައެއް ޤައުމުގައި ވިސާއަކާ ނުލާ ދަތުރުކުރެވޭނެ އިންޒާމް ހަމަޖެއްސުމަށް ކުރެވޭ މަސައްކަތުގެ އެންމެ ފުރަތަމަ މަރުހަލާއަކީ ޑިޕްލޮމެޓިކް ފަރާތްތަކަށް ވިސާއަކާ ނުލާ ދަތުކުރެވޭނެ އިންތިޒާމް ހަމަޖެއްސުންކަމަށެވެ. އެހެންކަމުން މިކަމާ ގުޅޭގޮތުން ދެޤައުމުގެ މެދުގައި މިވެވުނު އެއްބަސްވުމަށްފަހު މިހާރު ކުރިއަށްދަނީ ކޮންމެ ދިވެހި ރައްޔިތަކަށްވެސް ވިސާ އަކާ ނުލާ ޔޫއޭއީއަށް ދަތުކުރެވޭނެ އިންތިޒާމް ހަމަޖެއްސުމުގެ މަސައްކަތްކަމަށެވެ. ވިސާއާ ގުޅޭ މަސައްކަތުގެ ތެރެއިން ޓެކްނިކަލް ލެވެލްގެ ބައްދަލުވުންތައް ވަރަށް އަވަހަށް ފެށިގެންދާނެކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.
މިނިސްޓަރ ވިދާޅުވީ، ޔޫއޭއީގެ އިތުރުން އެހެން ޤައުމުތަކާއެކުވެސް ވިސާ ފްރީ އެއްބަސްވުން އެކުލަވާލުމަށް އިސްކަންދީގެން މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާކަމަށެވެ. ޔޫއޭއީގައި ހުންނަވާ ރާއްޖޭގެ ސަފީރު ޑރ.ޙުސައިން ނިޔާޒް ވިދާޅުވީ، ދިވެހިންނަށް ޔޫއޭއީއަށް ވިސާ ފްރީކޮށް ދަތުރުކުރެވޭނެ ގޮތް ހެއްދެވުމަށް ދިވެހި ސަރުކާރުން ކުރައްވާ މަސައްކަތުގެ ތެރެއިން ޔޫއޭއީގައި ހުންނަ ރާއްޖޭގެ އެމްބަސީން ކުރަންޖެހޭ މަސައްކަތްތައް މިހާރު ފަށްޓަވާފައިވާކަމަށެވެ.
ޔޫއޭއީގައި މިވަގުތު ދިރިއުޅެމުންދާ ދިވެހިންވެސް ވަނީ ވިސާއަކާ ނުލާ ދަތުރުކުރެވޭނެ އިންތިޒާމެއް ހަމަޖެހިއްޖެނަމަ ދިވެހި ކިޔަވާ ކުދިންނަށް ވަރަށް ބޮޑު ފަސޭހައެއް ލިބިގެންދާނެކަން ފާހަގަކޮށްފައެވެ.
ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ޔޫއޭއީއަށް ކުރެއްވި ދަތުރުފުޅުގެ ސަބަބުން ދެޤައުމުގެ ގުޅުން އިތުރަށް ހަރުދަނާވެ އިޤްތިޞާދީ ގޮތުން ގުޅުން ބަދަހިކުރުމަށް ގިނަ އެއްބަސްވުންތަކެއްގައި ސޮއިކުރައްވާފައިވެއެވެ. އަދި ޔޫއޭއީގެ ސަރުކާރާއި އަމިއްލަ ވިޔަފާރިތަކުގެ އިސްވެރިންނާއެކު ބޭއްވެވި ބައްދަލުކުރެއްވުންތަކުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، ރާއްޖެއަށް އެކި ދާއިރާއިން ފަހި ފުރުސަތުތަކެއް ހޯއްދެވުމަށް މަޝްވަރާކުރައްވާފައެވެ.