ކުޅިވަރު

ސެންޓޭގެ ހެޓްރިކާއެކު ނިއު މޮޅުވެ އެއްވަނައަށް


އަލީ ފާސިރުގެ ހެޓްރިކާއިއެކު ފަސޭހަކަމާއިއެކު މިލަންދޫ ބަލިކޮށް އުރީދޫ ދިވެހި ޕްރިމިއަރ ލީގު ތާވަލްގެ އެއްވަނައަށް ނިއުރޭޑިއަންޓް ޖެހިލައިފިއެވެ. 

ދިވެހި ޕްރިމިއަރ ލީގުގައި މިއަދު ހަވީރު ނިއުރޭޑިއަންޓާއި މިލަންދޫ ވާދަކުރި މެޗު ނިއު ކާމިޔާބުކުރީ 7-1ގެ ބޮޑު ތަފާތަކުންނެވެ. 

މެޗުގެ ފުރަތަމަ ލަނޑު ނިއުއަށް ޖަހައިދިނީ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދި އަލީ ފާސިރެވެ. އޭގެ ދިހަ މިނެޓު ފަހުން މިލަންދޫގެ އާދަމް އިމްރާން ޖެހި ގޯލާއިއެކު އެޓީމުން ނަތީޖާ ހަމަހަމަކުރިއެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން ނިއުރޭޑިއަންޓަށް ދެވަނަ ފަހަރަށް ލީޑް ނަގައިދިނީވެސް އަލީ ފާސިރެވެ. ނިއުރޭޑިއަންޓުންވަނީ ދެވަނަ ހާފުގެ ކުރީކޮޅު އަލީ އަޝްފާޤު ކުޅެން އަރުވައި ގިނަ ހަމަލާތަކެއް އުފައްދާފައެވެ. 

މެޗުގެ ދެވަނަ ހާފުގައި ޖެހި ފަސް ގޯލުގެ ތެރެއިން ދެ ގޯލް އަލީ އަޝްފާގު ޖަހައިދިންއިރު، އެދްރިއަން ގަލާޑޯވެސްވަނީ ދެ ގޯލް ޖަހާފައެވެ. މެޗު ނިމެން ހަތަރު މިނެޓަށް ވެފައިވަނިކޮށް ނިއުގެ ފަހު ލަނޑާއިއެކު ހެޓްރިކް ފުރިހަމަކުރީ އަލީ ފާސިރެވެ. 

މި ނަތީޖާއާއިއެކު ނިއުވަނީ ލީގް ތާވަލްގެ އެއްވަނައަށް ޖެހިލާފައެވެ. އެޓީމަށް 21 ޕޮއިންޓް ލިބިފައިވާއިރު، ތާވަލްގެ ދެވަނައިގައި މާޒިޔާ އޮތީ ނަވާރަ ޕޮއިންޓާއިއެކުގައެވެ. ތިންވަނައިގައި އޮތީ ޓީސީއެވެ.

މެޗަށްފަހު ށ.މިލަންދޫ ޓީމްގެ ކޯޗު މުޙައްމަދު ނާސިރު ބުނީ މެޗުގެ ނަތީޖާގެ ސަބަބުން ކުރި ހުރިހާ މަސައްކަތެއް ބޭކާރުވެގެން ހިނގައްޖެކަމަށެވެ. ނާސިރު ބުނީ މެޗަށް ނުކުތީވެސް ނިއުގައި ތިބީ މޮޅެތިކުޅުންތެރިންކަން ދަނެގެން ކަމަށާއި މިކަހަލަ ނަތީޖާއެއް އެއްގޮތަކަށްވެސް އުންމީދު ނުކުރާކަމަށެވެ. ފުރަތަމަ ބުރުގައި ތަފާތު ކުޅުމެއް މިލަންދޫ ޓީމުގެ ފަރާތުން ފެނުނު ނަމަވެސް މި މެޗު ގައި ހެދުނު ގޯސްތަކުގެ ސަބަބުން ކުރިޔަށް ދިޔުމަށް ހުރަސްތަކެއް ކުރިމަތިވާނެކަމަށްވެސް ނާސިރު ވަނީ ފާހަގަކޮށްފައެވެ.

"ފުރަތަމަ ބުރުގައި މޮޅަށް ކުޅެފައި މި މެޗުން މިހެންވީމަ އުނދަގޫތަކެއް ދިމާވާނެ. އެއްވެސް ވަރަކަށް މިނަތީޖާއަކަށް އުއްމީދެއް ނުކުރަން. ކުރިއަށްހުރި މެޗުތައް ރަނގަޅުކުރުން މިހާރު ވިސްނުމަކީ" ނާސިރު ބުންޏެވެ.

މެޗަށްފަހު ނިއުގެ ކޯޗު އޮސްކާ ބުރުޒޮން ބުނީ އޭނާގެ ޓީމުން މޮޅުކުޅުމެއް ދެއްކިކަމަށާއި ފޯކަސް ހުރީ ކުރިޔަށް ހުރި މެޗްތައްވެސް ކާމިޔާބު ކުރުންކަމަށެވެ. އޭނާ ބުނީ މިލަންދޫން ފަހު ވަގުތާއި ހަމައަށްވެސް އެކޮށް ފަހަތަށް ނުޖެހި ކުޅުމުން ހިތްހަމަޖެހިއްޖެކަމަށާއި، އެޓީމަށް ތައުރީފުކުރާކަމަށެވެ. 

އޭނާ ބުނީ ވާދަވެރި ލީގެއްގައި އެއްވެސް މެޗަކީ ފަސޭހަ މެޗެއް ނޫންކަމަށާއި، ކުރިއަށް އޮތް އިމްތިހާންތައް ފަސޭހަ ނުވާނެކަަމެވެ. 

"މިލަންދޫން ވަރަށް ހައިލައިނެއްގައި ޑިފެންސްކޮށްގެން އެ ކުޅުނީ އެކަމަށް އަހަރެން އެ ޓީމަށް މަރުހަބާ ކިޔަން، ނަތީޖާ ކޮންމެ ގޮތަކަށް ނިކުތަސް ވާދަވެރި ލީގެއްގައި ނޯންނާނެ ފަސޭހަ މެޗެއް" ބުރުޒޮން ބުންޏެވެ.