މިފަހަރުގެ ބުންޑަސްލީގުގައި ބޮރޫޝިއާ ޑޯޓްމުންޑް ބަލިކުރި ފުރަތަމަ ޓީމުގެ ޝަރަފާއެކު އާރް.ބީ ލިޕްޒިގް ޑޯޓްމުންޑާއި ތިން ޕޮއިންޓަށް ކައިރިއަށް ޖެހިލައިފިއެވެ.
ބުންޑަސްލީގުގައި ރޭ ލިޕްޒިގް އާއި ޑޯޓްމުންޑް ބައްދަލުކުރި މެޗު ފޯރިގަދަ ކުޅުމަކަށްފަހު ލިޕްޒިގް ކާމިޔާބުކުރީ 3-2 ނެވެ.
މެޗުގެ ފުރަތަމަ ލަނޑު ޖަހާ ކުރި ހޯދީ ޑޯޓްމުންޑުންނެވެ. މި ލަނޑު މެޗުގެ ފުރަތަމަ ފަސް މިނެޓުގެ ތެރޭގައި ކާމިޔާބުކޮށްދިނީ އެޓީމުގެ ފޯވާޑް ޕިއޭ އެމެރިކް އޮއުބަމަޔެންގްއެވެ.
މެޗުގައި ލިޕްޒިގްއަށް ނަތީޖާ ހަމަ ހަމަކޮށްދިނީ މާސެލް ސަބިޓްޒަރއެވެ. އެއަށްފަހު ޔޫސުފް ޕޮއުލްސަންގެ ލަނޑާއެކު ލިޕްޒިލް ލީޑު ނެގިއިރު ޑޯޓްމުންޑް ޓީމަށް ކުރިމަތީ އިތުރު ހުރަސްތަކެކެވެ.
އެއީ ޓީމުގެ ކެޕްޓަން ސޮކްރާޓިސް ޕަޕަސްޓަތޮޕޮއުލޮސް އޭރިއާ ތެރެއިން ކުރި ފައުލަކާ ގުޅިގެން ރަތްކާޑު ދައްކާ ދަނޑުން ފޮނުވާލުމުންނެވެ. އަދި މިއާކު ލިޕްޒިގްއަށް ލިބުނު ޕެނަލްޓީ ކާމިޔާބުކޮށްދީ ވިހި އަހަރުގެ ފްރާންސް ފޯވާޑް ކެވިސް އޮގަސްޓިން ލިޕްޒިގްގެ ލީޑު އިތުރަށް ފުޅާކޮށްދިނެވެ.
އާރް.ބީ ލިޕްޒިގްގެ ކުޅުންތެރިއަކަށްވެސް މިމެޗުގައި ރަތްކާޑު ދެއްކިއިރު ޑޯޓްމުންޑްގެ ދެވަނަ ލަނޑު ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްދިނީ އައުބަމަޔެންގްއެވެ.
މެޗުން ލިބުނު ތިން ޕޮއިންޓާއެކު ލިޕްޒިގް ލީގުގެ ތިން ވަނާގައި އޮތީ ސޯޅަ ޕޮއިންޓާއެކުއެވެ. ލީގުގެ ދެވަނާގައި އޮތް ބަޔާން މިޔުނިކަށް ސަތާރަ ޕޮއިންޓް ލިބިފައިވާއިރު، ލީގުގެ އެންމެ ކުރީގައި އޮތް ބޮރޫޝިއާ ޑޯޓްމުންޑަށް ލިބިފައިވަނީ ނަވާރަ ޕޮއިންޓެވެ.