ސަރުކާރު ހިންގުމުގެ މައި އިންޖީނަކީ ސިވިލް ސަރވިސް މުވައްޒަފުންކަމަށާއި، ސިވިލް ސަރވިސް މުވައްޒަފުންނަށް ރަނގަޅުގޮތްތައް ވެގެންދިއުމަކީ ސަރުކާރުގެ ހިންގުން ހަރުދަނާކުރުމަށް ލިބިގެންދާ އިތުރު ހިތްވަރެއްކަމަށް ސިވިލް ސަރވިސް ކޮމިޝަންގެ ރައީސް ޑރ. ޢަލީ ޝަމީމް ވިދާޅުވެއްޖެއެވެ.
މާލޭ ސަރަޙައްދުގައި ދިރިއުޅޭ ސިވިލް ސަރވިސް މުވައްޒަފުންނަށް ހުޅުމާލޭ ދެވަނަ ފިޔަވަހިން 1000 ހައުސިންގ ޔުނިޓް ދިނުމަށް ކަނޑައެޅުމުން، ސިވިލް ސަރވިސް ކޮމިޝަންގެ ރައީސް ޑރ. އަލީ ޝަމީމް ވިދާޅުވީ، ސަރުކާރުގެ އެކި ސިޔާސަތުތައް ތަންފީޒުކޮށް، ތަރައްޤީއަށް ހިންގޭ މުހިއްމު މަޝްރޫޢުތައް ކާމިޔާބުކަމާއެކު ކުރިއަށްގެންގޮސް، ރައްޔިތުންނަށް ބޭނުންވާ އަސާސީ ހިދުމަތްތައް ދިނުމުގައި އެންމެ މުހިއްމު ދައުރެއް އަދާކުރާ ބަޔަކީ ސިވިލް ސަރވިސް މުވައްޒަފުން ކަމަށެވެ.
ސިވިލް ސަރވިސް މުވައްޒަފުންގެ ކުރިއެރުމަށް ރައީސް ޔާމީންގެ ސަރުކާރުން ކޮށްދެއްވަމުން ގެންދަވާ ކަންތައްތަކަށް އިޝާރާތްކުރައްވާ، ޑރ. ޝަމީމް ވިދާޅުވީ، 2015 ވަނަ އަހަރުގެ ޑިސެމްބަރު މަހު އެކުލަވާލި ސިވިލް ސަރވިސް ކޮމިޝަންގެ ދެވަނަ ސްޓްރެޓެޖިކް ޕްލޭނާއެކު، ސިވިސް ސަރވިސް މުވައްޒަފުންގެ ހާލަތު ރަނގަޅުކުރުމަށް ސަރުކާރުން ވަރަށްވެސް އުއްމީދީ މަސައްކަތްތަކެއް ކުރަމުންދާކަމަށެވެ. މީގެތެރެއިންވެސް މުވައްޒަފުންގެ މުސާރައާއި އިނާޔަތްތަކަށް ހެޔޮ ބަދަލުތަކެއް ގެންނެވުމަށާއި، ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ގެންނެވުމަށް ކުރަމުންދާ މަސައްކަތްތައް ޑރ. ޝަމީމް ފާހަގަކުރެއްވިއެވެ.
ސިވިލް ސަރވިސް މުވައްޒަފުންނަށް ހުޅުމާލޭ ދެވަނަ ފިޔަވަހިން ކަނޑައަޅާފައިވާ 1000 ހައުސިންގ ޔުނިޓް ދޫކުރުމަށް ހަމަޖެހިފައިވަނީ ތިން ކެޓެގަރީއަކުންނެވެ. މި ފެލްޓްތަކަށް އެދި ކުރިމަތިލުމުގެ ފުރުޞަތު އަންނަ ނޮވެމްބަރު މަހުގެ 1 ވަނަ ދުވަހު ހުޅުވާލާއިރު، ޝަރުތުތަކުގެ ގޮތުގައި މައިގަނޑުގޮތެއްގައި ބަލާނީ ކުރިމަތިލާ ފަރާތެއްގެ ތަޢުލީމީ ފެންވަރަށާއި، ސިވިލް ސަރވިސް މުވައްޒަފެއްގެ ގޮތުގައި ޚިދުމަތްކޮށްފައިވާ މުއްދަތަށްކަމަށް ހައުސިންގ މިނިސްޓްރީން ވަނީ ބުނެފައެވެ.
މި 1000 ހައުސިންގ ޔުނިޓާއެކު، މާލެ، ވިލިމާލެ އަދި ހުޅުމާލޭ ހިމެނޭހެން ސިވިލް ސަރވިސްގައި މަސައްކަތް ކުރާ މުވައްޒަފުންގެ ތެރެއިން 26 އިންސައްތަ މުވައްޒަފުންނަށް، ބޯހިޔާވަހިކަން ދެވޭނެކަމަށް ހައުސިންގ މިނިސްޓަރ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ވިދާޅުވެފައެވެ.
ސިވިލް ސަރވިސް މުވައްޒަފުންނަށް ޙާއްސަކުރާ މި 1000 ހައުސިންގ ޔުނިޓްތައް ލިބޭ ފަރާތްތައް ކަނޑައަޅާ، އެފަރާތްތަކުގެ ފައިނަލް ލިސްޓް އަންނަ އަހަރުގެ މާރޗްމަހުގެ ނިޔަލަށް އާއްމުކުރާނެކަމަށް ހައުސިންގ މިނިސްޓްރީން ވަނީ ބުނެފައެވެ. އަދި އެ މިނިސްޓްރީގެ އަމާޒަކީ މި ހައުސިންގ ޔުނިޓްތައް ލިބޭ ފަރާތްތަކާއެކު 2018 ވަނަ އަހަރުގެ އޭޕްރީލް މަހު އެއްބަސްވުމުގައި ސޮއިކުރުންކަމަށެވެ.