ކުޅިވަރު

އޮމާނާއި ދެކޮޅަށް މާދަމާ ދަނގަޑޭއަށް ނުކުޅެވޭ!


އޭޝިއަން ކަޕްގެ ކޮލިފައިންގައި މާދަމާރޭ އޮމާނާއި ދެކޮޅަށް ކުޅޭ މެޗުގައި އަނިޔާގެ ސަބަބުން ޤައުމީ ކެޕްޓަން އަލީ އަޝްފާގަށް ނުކުޅެވޭނެކަމަށް ކޯޗު ޑަރެން ސްޓެވާޓް ބުނެފިއެވެ. 

ކެޕްޓަން އަޝްފާގަށް އަނިޔާވީ އޮމާން މެޗަށް ޤައުމީ ޓީމް ކުރިއަށްގެންދިޔަ ޕްރެކްޓިސްތަކުގައިއެވެ. ސްޓެވާޓް ބުނީ އަޝްފާގުގެ ފަލަމަސްގަނޑަށް ލިބިފައިވާ އަނިޔާގެ ސަބަބުން އޭނާއަށް މެޗުގައި ނުކުޅެން ޤައުމީ ޓީމްގެ ޑޮކްޓަރު އިރުޝާދު ދީފައިވާކަމަށެވެ. 

ކޯޗު ބުނީ މުހިންމު މެޗަކާއި ކުރިމަތިލާއިރު އަޝްފާގު ނެތުމަކީ ކަންބޮޑުވުމެއްކަމަށާއި، އެކަމަކު އަބަދު އަޝްފާގު ޤައުމީ ޓީމުގައި ނުހުންނާނެކަން އެންމެންވެސް ދަންނަން ޖެހޭނެކަމަށެވެ. އޮމާންގައި ވި ބޮޑު ބައްޔަށްފަހު ޤައުމީ ޓީމަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައިވާކަމަށާއި، އެކަން ބަދަލުކުރަން މި މެޗުން ރަނގަޅު ނަތީޖާއެއް މުހިންމުކަންވެސް ކޯޗު ފާހަގަކުރިއެވެ.

އޮމާން ކިތަންމެ ވަރުގަދަވިޔަސް މާދަމާރޭ ދިވެހި ޓީމް ނިކުންނަނީ މޮޅަކަށްކަމަށްވެސް ކޯޗު ބުންޏެވެ.

"އަޝްފާގު ކުޅެން ވަރަށް ބޭނުންވެފަ ހުރީ، އެކަމަކު އަހަރެން ބޭނުން ނޫން ރިސްކް ނަގާކަށް. އޭނާއަށް އަނިޔާވެ ކެރިއަރ އެއްކޮށް ނިމޭކަށް އަހަރެން ބޭނުމެއް ނޫން" ކޯޗު ބުންޏެވެ.

ޤައުމީ ޓީމްގެ މިޑްފިލްޑަރ އައްސަދު އަލީ ބުނީ މިއީ ޤައުމީ ޓީމްގައި ތިބި ޒުވާން ފޯވާޑުންނަށް ތަފާތު ދަންކަން ލިބޭ ފުރުސަތުކަމަށާއި، އަޝްފާގު ނެތަސް ޤައުމީ ޓީމްގެ ފޯވާޑް ލައިނުގައި ތިބީ ސްޕީޑް ބާރު ކުޅުންތެރިންކަމަށެވެ. މި ދަނޑުގައި އޮމާން ބަލިކުރެވޭނެކަމަށާއި، މިކަމުގައި ދިވެހި ހުރިހާ ރައްޔިތުންގެ އެހީ ބޭނުންވާކަމަށްވެސް އައްސަދު އަލީ ބުންޏެވެ.

"މިދިޔަ ދުވަސްތަކުގައި ކުޅުންތެރިންގެ ފިޓްނަސް ވަރަށް ރަނގަޅުކޮށްފި. މާދަމާ ހަމަ މޮޅުވާން ނިކުންނަނީ" އައްސަދު ބުންޏެވެ.

އޭޝިއަން ކަޕްގެ ކޮލިފައިންގައި ޤައުމީ ޓީމާއި އޮމާން ވާދަކުރާ މެޗު ފަށާނީ މާދަމާ ރޭ ނުވައެއް ޖަހާއިރެވެ. މި މެޗު ޕީއެސްއެމްގެ ޓީވީއެމާއި ޔެސް ޓީވީން ވަގުތުން ދައްކާނެއެވެ. އަދި މެޗު ހިނގަމުންދާގޮތް ދިވެހިރާއްޖޭގެ އަޑުން ދުރަށް ފޮނުވާނެއެވެ.