އ.އަތޮޅަށް ދަތުރުކުރަމުން ދަނިކޮށް އަޑިއަށް ދިޔަ އުއްމީދު ދޯނީގެ ފަޅުވެރިން ކަނޑުމަތީގައި ތިބޭތާ ހަތަރު ގަޑިއިރު ފަހުން ފެނިއްޖެއެވެ.
ފުލުހުން ބުނީ މި ތިން މީހުން ފެނިފައިވަނީ ރަންނާޅި ރިސޯޓާ ދިމާ ބޭރުން ޕެލަޓްތަކެއްގެ މަތީގައި ތިއްބާކަމަށެވެ. އަދި މި ތިން މީހުންގެވެސް ހާލު ރަގަޅުކަމަށާއި މި އެންމެންވެސް މިހާރު މާލެ ގެނެސްފައިވާކަމަށް ފުލުހުން ބުނެއެވެ. މި މީހުންގެ ތެރޭގައި ހިމެނެނީ ދިވެއްސަކާއި ދެ ބިދޭސީންނެވެ.
ދޯނިން ދަތުރުކުރި މީހުން ކަނޑުމަތީގައި ތިބޭތާ ހަތަރު ގަޑިއރު ފަހުން ފެނުނު އިރު ދޯނި އަޑިއަށް ގޮސް ގެއްލިފައިވާކަމަށް ދޯނީގެ ކެޕްޓަނާއި ހަވާލާދީ ފުލުހުން ބުނެއެވެ.
މާލެއިން ފުރައިގެން އ.އަތޮޅަށް ދަތުރުކުރަނިކޮށް އުއްމީދު ނަމަކަށް ކިޔާ މި ދޯނި އަޑިއަށް ގޮސްފައިވަނީ މާލެ އަތޮޅު ބޮލިފުށީ ހަތްމޭލުން ބޭރުންކަމަށް އެމްއެންޑީއެފުން ބުނެއެވެ. އަދި އަޑިއަށް ދިޔަ ދޯނިން ބައެއް ތަކެތި ފެން މައްޗަށް އަރާ އޮޔާ ދިޔުން އެކަށީގެންވާތީ އެ ސަރަހައްދުން ދަތުރުކުރާ ފަރާތްތަކުން ސަމާލުކަންދިނުމަށް އެމްއެންޑީއުން އިލްތިމާސްކުރެއެވެ.
ފަސްދޮޅަސް ފޫޓްގެ މި ދޯނި އަޑިއަށް ދިޔަކަމުގެ ރިޕޯޓްކޮށްފައިވަނީ ފަތިހު ފަސްގަޑި ބައިހާއިރުކަމަށް އެމްއެންޑީއެފުން މަޢުލޫމާތުދެއެވެ.