ނިއުކާސަލް އަތުން މޮޅުނުވެ 1-1 އިން އެއްވަރުވި މެޗާއެކު އޭނާ ވަރަށް ބޮޑަށް ދެރަވެ މާޔޫސްވެއްޖެކަމަށް ލިވަޕޫލްގެ ކޯޗު ޔާގެން ކްލޮޕް އިޢުތިރާފްވެއްޖެއެވެ.
މެޗަށް ފަހު ވާހަކަ ދައްކަމުން ކްލޮޕް ބުނީ ފިލިޕް ކޮޓީނިއޯ ޖެހި ހިތްގައިމު ގޯލަށް ފަހު ލިވަޕޫލަށް ގޯލު ޖަހަން ފަހެއް ނުވަތަ ހަ ފުރުސަތު ލިބުނު ކަމަށާއި ނަމަވެސް ގޯލު ހުހަށް އޮއްވައި ބޭރަށް ޖަހާތީވެ އޭނާ މާޔޫސްވީ ކަމަށެވެ.
މީގެ ދެ އަހަރު ކުރިން ލިވަޕޫލާ ހަވާލުވި ކްލޮޕް ބުނީ އަބަދުވެސް ރަނގަޅަށް ކުޅެ، ގިނަ ފުރުސަތު ހޯދައި ކޮންމެ މެޗެއްގައި ލިވަޕޫލަށް ޕޮއިންޓްތަކެއް ގެއްލުމަކީ ގަބޫލުކުރެވޭނެ ކަމެއްނޫން ކަމަށެވެ. ހާއްސަކޮށް ކޮންމެ މެޗެއްގައި ލީޑްލިބި އެގޮތުގައި މެޗު ނިންމަން ކުޅުންތެރިން ދަސްކުރަންޖެހޭ ކަމަށް ބުނެ ކްލޮޕް ވާހަކަ ދެއްކީ ވަރަށް ބޮޑަށް ނުތަނަވަސްވެފައިހުރެއެވެ.
އޭނާ ބުނީ ނިއުކާސަލް އެއްވަރުކުރި ލަނޑު ޖެހީ ލިބުނު އެންމެ ފުރުސަތަކުން ކަމަށާއި މިކަންކަމަކީ ލިވަޕޫލް ވަރަށް ބޮޑަށް ވިސްނަން ޖެހޭ ކަންތައްތައް ކަމަށެވެ.
މެޗަށް ފަހު ވާހަކަ ދައްކަމުން ނިއުކާސަލްގެ ކޯޗު ރަފާ ބެނީޓޭޒް ވަނީ ލިވަޕޫލް އަތުން ޕޮއިންޓެއް ލިބުމުން ހިތްހަމަޖެހުން ފާޅުކޮށްފައެވެ. ލިވަޕޫލްގައި ކާމިޔާބު ދުވަސްތަކެއް ހޭދަކުރި ކޯޗު ބުނީ އަމިއްލަ ދަނޑުގައި އެންމެ އުފާވާނީ ތިން ޕޮއިންޓް ލިބުމުން ކަމަށާއި ނަމަވެސް ލިވަޕޫލް ކަހަލަ މޮޅަށް ކުޅެ، ގިނަ ފުރުސަތު ހޯދާ ގަދަ ހަ ޓީމުގެ ތެރޭގައި ހިމެނޭ ބޮޑު ބާރެއްގެ އަތުން ޕޮއިންޓެއް ލިބުމަކީ އެކަމާ ދެރަވުމަށްވުރެ ބޮޑަށް ހިތްހަމަޖައްސާލަންޖެހޭނެ ސަބަބެއް ކަމަށެވެ.
މި މެޗު އެއްވަރުވުމުން ލިވަޕޫލަށް ލިބިފައިވަނީ ލިބިފައިވަނީ 12 ޕޮއިންޓާއެކު ޓޭބަލުގެ ހަތް ވަނަ. ނިއުކާސަލް އޮތީ 10 ޕޮއިންޓާއެކު ނުވަ ވަނާގައެވެ.