ކިޔަވައި ނިންމާފައި ވަޒީފާއަށް ނިކުތުމުގެ ބަދަލުގައި ކިޔަވަމުންވެސް ވަޒީފާ އަދާކުރުމަށް ދިވެހި ޒުވާނުންނަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް ގޮވާލައްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ މިކަމަށް ގޮވާލެއްވީ ސަރުކާރުން ކުރިއަށްގެންދަވާ އެއްހާސް ފޮޓޯގްރާފަރުން ތަމްރީން ކުރުމުގެ ޕްރޮގްރާމް ގެ ދެވަނަ ޕްރޮގްރާމްގެ ދަސްވެނިވުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސުލްޖުލްޖުމްހޫރިއްޔާ ވިދާޅުވީ، ވަޒީފާތަކަށް ބިދޭސީން ގެނެސް ޤައުމުގެ ރައުސްމާލުން ބައިއެޅުމަކީ އެންމެ ރަނގަޅުގޮތް ނޫންކަމަށާއި، އަޅުގަނޑުމެންގެ މުޖުތަމައުގައި ފިރިހެނުންނެކޭ އެއްގޮތަށް އަންހެނުންނަށްވެސް މަސައްކަތުގެ މާހައުލުގައި އުޅެވޭނެ ފުރުސަތު އޮންނަންވާނެކަމަށެވެ. އަދި ކޮންމެ އަންހެން ކުއްޖުއްޖަކީވެސް އަމިއްލަ ފައިމައްޗަށް ތެދުވެވޭވަރުގެ މާލީ ޤާބިލްކަން ހުރި ކުއްޖަކަށް ވުމަށް ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގެންނެވިއެވެ. ރައީސް ޔާމީން އިތުރަށް ވިދާޅުވީ، އެންމެ ޝަރަފްވެރިކުއްޖަކީ ދިރިއުޅުމުގެ ޚަރަދުތައް ކުރުމަށްޓަކާ އެހެން މީހަކަށް ބަރޯސާ ނުވެ އެކަންކަން އަމިއްލައަށް ކުރާ ކުއްޖާކަމަށެވެ.
މިރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސް ޔާމީންވަނީ ސަރުކާރުގެ ގެދޮރުވެރިކުރުމުގެ ޕްރޮގްރާމްގެ މަސައްކަތަށްވެސް އަލިއަޅުއްވާލައްވާފައެވެ.
އެގޮތުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، އަންނަ އަހަރު ނިމުގެ ކުރިން ފަނަރަހާސް ފްލެޓް އެޅުމަށް މަސައްކަތް ކުރައްވާނެކަމަށެވެ. އަދި ތިރީސް ރިސޯޓް މުޅިން އަލަށް ހުޅުވާ ސަރުކާރުގެ މި ދައުރުގައި ފަންސާސް ހާސް އެނދު ފަތުރުވެރިކަމުގެ ދާއިއާއަށް މުޅިން އަލަށް އިތުރުވެގެންދާނެކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.
ސަރުކާރުން ކުރިއަށްގެންދަވާ އެއްހާސް ފޮޓޯ ގްރާފަރުން ތަމްރީން ކުރުމުގެ ޕްރޮގްރާމްގެ ދަށުން 414 ޒުވާނުން ރޭ ވަނީ ދަސްވެނިވެފައެވެ.